މިނިވަން ނޫސްވެރިކަމަށް ހުރަސްނޭޅުމަށާއި، ވަކި ވަކި ނޫސްވެރިންނަށް އަމާޒުކޮށްގެން ބިރުދެއްކުން ހުއްޓާލުމަށް، އިދިކޮޅު ޕްރޮގްރެސިވެ ކޮންގްރެސް ކޯލިޝަނުން ސަރުކާރަށާއި އެމްޑީޕީއަށް ގޮވާލާފިއެވެ. އިދިކޮޅުން މިހެން ބުނެފައިވަނީ އެ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.
އިދިކޮޅު ކޯލިޝަނުން މިބަޔާން ނެރެފައިވަނީ ދިޔަރެސް ނޫހުގެ ކޯ-ފައުންޑަރ އަދި ޗީފް އެޑިޓަރ އަހްމަދު އަޒާންއަށް އަމާޒުކޮށް އެމްޑީޕީއިން ނެރެފައިވާ ނޫސްބަޔާނާއި ގުޅިގެންނެވެ.
އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، މީޑިޔާއަކީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރުކަމަށް ވީހިނދު މިއަމަލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަނެވޭ ފަދަ އަމަލެކެވެ.
”މީޑިއާގެ ފަރާތްތަކަށް މިނިވަންކަމާއެކު ޙަރަކާތްތެރިވެވޭނެ މާހައުލެއް ޤާއިމްކޮށްދިނުމަކީ ކަމާބެހޭ މުއައްސަސާތަކުން ކުރަންޖެހޭ ކަމަކަށްވާއިރު، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ކުރިމަތިވާ މިފަދަ އިންޒާރުތަކާއި ބިރުދެއްކުމުގެ ޢަމަލުތައް ބަލާ އެފަރާތްތަކަށް ރައްކާތެރި މާޙާއުލެއް ޤާއިމްކޮށްދިނުމަށް މީޑިއާތަކުގެ ބެލެނިވެރި ފަރާތްތަކަށް ގޮވާލަމެވެ. އަދި ވަކި ފަރާތަކަށް ނުޖެހި މިނިވަން ނޫސްވެރިކަމެއް ކުރެވޭނެ މަގު ފަހި ކޮށްދިނުމަށްވެސް ގޮވާލަމެވެ.“
އިދިކޮޅުގެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
އެމްޑީޕީގެ މިބަޔާނާއިގުޅިގެން ދިޔަރެސްގެ ނޫސްވެރިޔާ އަޒާންވަނީ ފުލުހަށްވެސް މައްސަލަ ހުށަހަޅާފައެވެ. އަޒާންގެ ސިޓީގައި، މިއަމަލަކީ އެމްޑީޕީގެ މެމްބަރުންގެ މެދުގައި އޭނާއާއި މެދު ނަފްރަތު އުފެއްދުމުގެ މަގްސަދުގައި ގަސްތުގައި ހިންގާ އަމަލެއްކަމަށް އަޒާން ވަނީ ސިފަ ކޮށްފައެވެ. އަދި މިކަމަކީ އަޒާންގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ ކަމެއް ކަމަށް ބުނެ، އޭނާގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، އެމައްސަލަ ބަލައިދިނުމަށް، ފުލުހުންގެ ކިބައިން އަޒާންވަނީ އެދިފައެވެ.
އެމްޑީޕީ އިން އަޅުގަނޑާއި މެދު ނަފްރަތު އުފެއްދުމަށްޓަކާ ނެރުނު ބަޔާނާއި ގުޅިގެން އެ މައްސަލަ ރަސްމީކޮށް ފުލުހުންނަށް ހުށަހަޅައިފިން. @M_Hameedh މި މައްސަލަ ބައްލަވާ ދެއްވުން އެދެން. pic.twitter.com/x9UYe73tj9
— Ahmed Azaan (@axanner) July 2, 2021