ރައްޔިތުންގެ ބައްދަލުވުން މާރޗުގައި ބާއްވަން ނިންމީ ތަނުގެ ދަތިކަން ކުރިމަތި ވުމުން: މޭޔަރ މުޢިއްޒު

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 107 ވަނަ މާއްދާގައި ސިޓީ ކައުންސިލްތަކުން ކޮންމެ އަހަރު ބާއްވަން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން ފެބްރުއަރީ މަހު ބާއްވަން ޖެހޭ ބައްދަލުވުން މާރޗް މަހުގައި ބޭއްވުމަށް ނިންމީ ތަނުގެ ދަތިކަން ކުރިމަތިވުމުން ކަމުގައި މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރ މުޢިއްޒު މިފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 89 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ވިދާޅުވީ މާލެ ސިޓީ އަކީ ގިނަ ބަޔަކު ދިރިއުޅޭ ރަށެއްކަމުގައި ވުމުން ތަނުގެ ދަތިކަން އެހެން ކައުންސިލްތަކަށް ވުރެ ބޮޑަށް މާލެ ސިޓީ ކައުންސިލަށް ކުރިމަތިވާ ކަމަށެވެ.
“ މާލެ ސިޓީ ވީމާ މިކަން ކުރެވޭނީ އެކަށީގެންވާ ޖާގައެއް އޮވެގެން.އަދި ހަފްތާ ބަންދަކާ ދިމާވާ ގޮތަށް ވެސް ހެދުން މުހިންމުވާތީ. މިދެކަންތައް ފުރިހަމަ ވާ ދުވަހަކަށް މިދިމާވަނީ މާރޗް މަހުގެ 2 ވަނަ ދުވަސް” މޭޔަރ ވިދާޅުވިއެވެ.
މޭޔަރ އިތުރަށް ވިދާޅުވީ ފެބްރުއަރީ މަހުގައި ބާއްވަންޖެހޭ ބައްދަލުވުން ނުބޭވި ލަސްވުމުން މާރޗް މަހުގައި އެ ބައްދަލުވުން ބާއްވާނެކަން ލޯކަލް ގަވާރމެންޓް އޮތޯރިޓީއަށް ރަސްމީކޮށް އަންގާފައި ވާނެ ކަމަށެވެ.
މި އަހަރު މާލެ ސިޓީ ކައުންސިލުން ބާއްވާ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން ބޭއްވުމަށް ނިންމާފައިވަނީ މާލޭގެ އާޓިފިޝަލް ބީޗް ސަރަޙައްދުގައެވެ.
ހަތަރުވަނަ ދައުރުގެ މާލެ ސިޓީ ކައުންސިލުން ވަނީ ލާމަރުކަޒީ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތީން މީގެ ކުރިންވެސް ރައްޔިތުންގެ ބައްދަލުވުންތައް ބާއްވާފައެވެ. އަދި އެ ބައްދަލުވުންތައް ވަރަށް ކާމިޔާބު ކަމާއިއެކު ކުރިއަށްގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ
މިފަހަރުގެ ރައްޔިތުންގެ ބައްދަލު ވުންވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މީގެ ކުރީގެ ބައްދަލު ވުންތަކެކޭ އެއްގޮތަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދާ ރައްޔިތުން ބޭނުންވާ ކަންކަން މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު އަދި ކައުންސިލަރުންނާއި ޚިއްސާ ކުރުމުގެ ފުރުޞަތު ހުޅުވާލައިގެންނެވެ. މާލެ ސިޓީގެ ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް މީގެ ކުރިން އަވަށްތަކުގެ މެދުގައިވެސް ބައްދަލުވުންތަކެއް ވަނީ ބާއްވާފައެވެ
Gathas ves mi las kuranee alhugandah ticket libey thoa eve.