މޫކޭއަށް 7 މަހުން އަމީނީމަގު ނިންމާފައި ނުދެއްކުނު، ތާރުއެޅުން އެމްޓީސީސީއަށް

7 އަހަރުތެރޭގައި ނުކުރެވުނު މަސައްކަތެއް 7 މަހުން ނިންމާނެގޮތް މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ދައްކާނެކަމަށް ވިދާޅުވި އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރު، މޫސާ އަލި މަނިކު (މޫކޭ) އަށް 7 މަސް ވެގެން ދިޔައިރުވެސް އެ މަސައްކަތް ނިންމައެއްނުލެވުނެވެ.
މޫކޭއަށް 7 މަހުން މާލޭގެ އަމީނީމަގުގެ މަސައްކަތް ނިންމިފައިނުވިތަނުގައި، އެ މަގުގައި ތާރުއެޅުމަށް މިހާރު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
އަމީނީ މަގުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ވަކިކޮށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގެ ދަށަށް ގެންގޮސް، އެ މަޝްރޫއުގެ އަގު ބޮޑުކޮށް އެ މަސައްކަތްތައް އާރުޑީސީއާ ހަވާލުކުރުމުން މުއިއްޒު ވަނީ އެކަމާ ގުޅިގެން ފާޑުވިދާޅުވެފައެވެ. އަދި މުއިއްޒުއަށް ރައްދުދެއްވަމުން މުޖޭ ބުނެފައިވަނީ 7 އަހަރުން މުއިއްޒުއަށް ނުކުރެއްވުނު މަސައްކަތް އެންމެ 7 މަސްތެރޭގައި ނިންމާނެގޮތް ދައްކަވާނެކަމަށެވެ. އެގޮތުން މި ފެބުރުވަރީއަށް އެ މަސައްކަތް ނިންމަވާނެކަމަށް މުޖޭ ވިދާޅުވެފައިވާއިރު، އެ މަގުގެ މަސައްކަތްތައް ކުރިއަށްދާގޮތް ލަސް ކަމުން އެކަމުގެ ފާޑުކިޔުންތައް މުޖޭއަށާއި އާރުޑީސީއަށް ދަނީ އަމާޒުވަމުންނެވެ.
މިފަދައިން ފާޑުކިޔުންތައް އަމާޒުވަމުންދާއިރު، މޫކޭ ވިދާޅުވި މުއްދަތަށް އެ މަގުގެ މަސައްކަތް، މި ފެބުރުވަރީއަށް ނިންމައިނުލެވޭނެކަމަށް ޕްލޭނިންސް މިނިސްޓަރު އަސްލަމް ވަނީ އިއުލާނުކުރައްވާފައެވެ. އަދި މަގުގެ މަސައްކަތް ސެޕްޓެންބަރު މަހުގެ 27 އަށް ނިމޭނެކަމަށާއި، އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ތާރައިގެ މަސައްކަތްކުރުމަށް ހާއްސަ ބިމެއް އެމްޓީސީސީގައި އޮންނާތީކަމަށްވެސް މިނިސްޓަރު އިއުލާނުކުރެއްވިއެވެ.
މީގެ އިތުރުންވެސް އާރްޑީސީއާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރެއިން ގައްދޫ އާއި ހިންނަވަރުގެ މަގު ހެދުންވެސް ދިގުލައިގެންގޮސް އަދިވެސް އެމަސައްކަތްތައްވެސް ނިންމިފައިނުވެއެވެ.