
ހިފިނުހުރެވިގެން އުޅުއްވާނަމަ ރަށުންވެސް ބާލަނެކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު އަށް މަލާމާތް ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް މެންބަރު ނިހާދު ފޮނުއްވެވި މެސެޖެއްގައި ވާގޮތުން އެބޭފުޅާއަށް މީސް މީޑިއާގައި އިންޒާރުދީ ބިރު ދައްކަނީ ރައީސް ނަޝީދު އެވެ. ހާއްސަކޮށް ހަސަން ކުރުސީގެ ނަމުން ޓުވިޓާގައި ހަރަކާތްތެރިވަނީ ރައީސް ނަޝީދު ނުވަތަ އެމަނިކުފާނާއި ގުޅުން އޮންނަ މީހެއް ކަމަށް މެންބަރު ނިހާދުގެ އިތުރުން ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.
މިކަމާ ގުޅިގެން ރައީސް ނަޝީދު އެ ގްރޫޕަށް ފޮނުއްވެވި މެސެއްޖެއްގައި ވިދާޅުވީ މެންބަރު ނިހާދަކީ އެއްޗެއް އެނގިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށާއި، މާބޮޑަށް ”ގަދަ“ ވެގެން ނޫޅުމަށާއި ”މަތަ“ ވާން ޖެހޭ ކަމުގައެވެ. އަދި އެބޭފުޅާއަށް ވޯޓެއްވެސް ނުހޯއްދެވޭނެ ކަމަށާއި ފޮނި ނުކެނޑުމަށް ނަޝީދު އިލްތިމާސް ކުރެއްވިއެވެ. ޖަވާބުގައި މެންބަރު ނިހާދު ވިދާޅުވީ އެކަކީވެސް މާ ”ގަދަ“ މީހެއް ނޫން ކަމަށާއި އެބޭފުޅާ އާއި ދިމާކުރާނަމަ، ރައްދުގައި އެއްޗެހި ގޮވާނެ ކަމުގައެވެ.
ރައީސް ނަޝީދަށް މީގެ ފަހުން މެސެޖު ނުކުރުމަށް އެމަނިކުފާނު ވިދާޅުވުމުން މެންބަރު ނިހާދު ވަނީ އެމަނިކުފާނު މެސެޖު ކުރައްވައިފިނަމަ، މެސެޖުވެސް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
”ބަލަ ދައްކާ ވާހަކަ އަޑު އަހާ. ނޫނީ ރަށުންވެސް ބާލާނެ.“ ރައީސް ނަޝީދު ވިދާޅުވިއެވެ.
މެންބަރު ނިހާދު އަކީ ރައީސް ނަޝީދުގެ ނަންފުޅު ބޭނުންކޮށްގެން ފޭދޫ ދާއިރާގެ މަޖިލިސް ގޮނޑިި ކާމިޔާބު ކުރެއްވި ބޭފުޅެއް ކަމަށް އެމްޑީޕީގެ ބައެއް އާންމު މެންބަރުން ބުނެއެވެ. އަދި މިހާރު ނިހާދު އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ސަނާ ކިޔަމުންދާ މެންބަރެއް ކަމާއި، އެއީ ޒާތީ މަންފާތަކެއް ލިބޭތީ ނިހާދު ކުރައްވާ ކަމެއްގެ ގޮތުގައިވެސް އެޕާޓީގެ ބައެއް މެންބަރުން ދެކެއެވެ.