ސުލްހަވެރި މުޒާހަރާކުރާ ފަރާތްތަކާއި ނޫސްވެރިން ބޭއިންސާފުން ހައްޔަރުކުރާ ކުރުން ޓްރާސްޕޭރެންސީ މޯލްޑިވްސްއިން ކުށްވެރިކޮށްފި

ސުލްހަވެރި މުޒާހަރާތަކަށް ހުރަސް އެޅުމާއި، ސުލްހަވެރި މުޒާހަރާކުރާ ފަރާތްތަކާއި ނޫސްވެރިން ބޭއިންސާފުން ހައްޔަރުކުރާކުރުން ޓްރާސްޕޭރެންސީ މޯލްޑިވްސްއިން ކުށްވެރިކޮށްފިއެވެ.
ސުލްހަވެރި މުޒާހަރާތަކަށް ހުރަސް އެޅުމާއި، ސުލްހަވެރި މުޒާހަރާކުރާ ފަރާތްތަކާއި ނޫސްވެރިން ބޭއިންސާފުން ހައްޔަރުކުރާކުރުމާ ގުޅިގެން ކަންބޮޑުވުން ފައުޅުކޮށް މީގެ ކުރިންވެސް، އެ ޖަމިއްޔާއިންވަނީ އިތުރު ތިން ޖަމިއްޔާއަކާ ގުޅިގެން ވަނީ ބަޔާނެއް ނެރެފައެވެ.
މިފަހުން އިދިކޮޅުން ކުރި މުޒާހަރާއެއް ކަވަރުކުރުމަށް ހަރަކާތްތެރިވި ނޫސްވެރިޔަކަށް ފުލުހުންގެ ފަރާތުން ލިބުނު އަނިޔާއާ ގުޅިގެން އެކަން، ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެ ބަޔާނުގައި ބުނެފައިވަނީ ގާނޫނު އަސާސީގައި ހިޔާލު ފައުޅުކުރުމުގެ މިނިވަންކަމަކީ ހަމަ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށާއި، ސުލްހަވެރި މުޒާހަރާތައް ރޫޅައި، އެ މުޒާހަރާތަކުގައި ބައިވެރިވާ މީހުންނާމެދު ބާރުގެ ބޭނުންކޮށް، މުޒާހަރާ ރޫޅައި، މުޒާހަރާގެ ބައިވެރިންނަށް އަނިޔާކޮށް ނުހައްގުން ހައްޔަރުކުރުން އެއީ ގާނޫނު އަސާސީ އާއި ޑިމޮކްރަސީއާއި ބައިނަލް އަގްވާމީ މިންގަނޑުތަކާ ހިލާފުކަމެއްކަމަށެވެ.
ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނާ އެއްގޮތްވާގޮތުގެ މަތިން ރާއްޖޭގެ ގާނޫނުތައްވެސް ތަންފީޒުކުރުމަށް ކަމާބެހޭ އިދާރާތަކުން އެއްބައިވެގެން މަސައްކަތްކުރުމަށާއި، އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ މިހާރުގެ މެންބަރެއްގެ ހައިސިއްޔަތުން، ބައިނަލްއަޤްވާމީ މަސްއޫލިއްޔަތުތަކާ ޚިލާފަށް ރާއްޖެއިން ކުރާ ޢަމަލުތައް ބަދަލުކުރަންޖެހޭ ކަމަށްވެސް އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ފުލުހުންގެ އަމަލުތަކާއި ގުޅިގެން ފުރިހަމަ ތަހުގީގެއް ހިންގައި އެކަމުގައި ޝާމިލުވާ ފުލުހުން ޖަވާބުދާރީކުރުމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ގޮވާލާފައިވެއެވެ.