
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުންއައި އިނާޔަތް ބޮޑުކުރައްވާނެކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.
2023 ވަނަ އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުއްވައިދެއްވަމުން އެމަނިކުފާނު އިއްވި ރިޔާސީ ބަޔާނުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އަންނަ ޖޫމް މަހުގައި ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުންދޭ އެލަވަންސް ބޮޑުކުރައްވަން ނިންމަވާފައިވާކަމަށެވެ.
2021 ވަނަ އަހަރުވެސް ހަމަ މިފަދައިން ވައުދުވެވަޑައިގެންފައިވާއިރު، އަދިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން އެލަވެންސްގެ ގޮތުގައި ދެނީ 2000 ރުފިޔާއެވެ. މިއަހަރު އަލުން މި ވައުދު ވެވަޑައިގެންފައިވާއިރު، އެލަވެންސްގެ ގޮތުގައި އިތުރުކުރަނީ ކިހާ މިންވަރެއްކަމެއް ހާމަކުރައްވާފައިނުވެއެވެ.
”އިރާދަކުރެއްވިއްޔާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް އަންނަ ޖޫން މަހުން ފެށިގެން ބޮޑުކުރާނަން،“ ރައީސް އިބްރާހީމު ވިދާޅުވިއެވެ.
މީގެއިތުރުން، ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައާއި ސިއްހީ ދާއިރާގެ ހިދުމަތްތެރިންގެ މުސާރަތައްވެސް ބޮޑުކުރައްވާނެކަމަށް ރައީސް އިބްރާހިމް ވަނީ ވައުދުވެވަޑައިގެންފައެވެ. ނަމަވެސް މިއީ އިންތިހާބުގެ އަހަރުކަމަށާއި، އެ ވައުދުތައް އެކުރައްވަނީ އިންތިހާބު ކާމިޔާބުކުރައްވަން ކަމަށް އިދިކޮޅުން ތުހުމަތުކުރެއެވެ.