ޕްލޭންކުރިގޮތަށް އިންޑަސްޓްރިއަލް ވިލެޖު ބޭނުންކުރަން ފެށިނަމަ މާލެ ތެރޭގައި އެއްވެސް ވޯކްޝޮޕެއް ނުހުންނާނެ: ޑރ.މުއިއްޒު

ޕްލޭންކުރިގޮތަށް އިންޑަސްޓްރިއަލް ވިލެޖު ބޭނުންކުރަން މަސައްކަތްކުރި ނަމަ މާލެ ތެރޭގައި އެއްވެސް ވޯކްޝޮޕެއް ނުވަތަ ގުދަނެއް ނުހުންނާނެކަމަށް މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
”ހޯޕް ކޮންފަރެންސް“ ގެ ނަމުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިދިކޮޅުން ކުރިއަށް ގެންދާ ކޮންފަރެންސްގެ ފުރަތަމަ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން، ސިޓީ ކައުންސިލުގެ މޭޔަރު އަދި ކުރީގެ ހައުސިންގ މިނިސްޓަރު ވިދާޅުވީ، މާލެ ތެރެއިން ކުނި ގޮނޑު ބޭރުކުރުން އެއީ ރައީސް ޔާމީނުގެ ވެރިކަމުގައި ވަރަށް އިސްކަން ދެއްވި ކަމެއް ކަމަށާއި، އޭރު އެކަން ކާމިޔާބު ކުރެވުނު ކަމަށެވެ. މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް ކުނިގޮނޑު ބަދަލުކޮށްފައި އިންޑަސްޓްރިއަލް ވިލެޖު އިތުރަށް ބޭނުންކުރަން މަސައްކަތްތަކެއް އޭރު ކުރެވުނު ކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެގޮތުން، އެ މަސައްކަތްކުރުމަށް 2018 ވަނަ އަހަރުގެ އޭޕްރީލް މަހު ބޭރު ކުންފުންޏަކާއެކު އެމްޕީއެލްއިން އެއްބަސްވުމެއްގައި ސޮއިކުރި ކަމަށާއި، މި ސަރުކާރު އައުމަށްފަހު އެ އެއްބަސްވުމަށް ވީ ގޮތެއް ނޭނގޭއިރު، އިންޑަސްޓްރިއަލް ވިލެޖުގައި އެ އެއްބަސްވުމާ އެއްގޮތަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށް ޑރ. މުއިއްޒު ފާހަގަކުރެއްވިއެވެ.
”އެތަނުގައި މަލްޓި ސްޓޯރީ ވެއަރހައުސް ބިލްޑިންގ ތައް އަޅައި، މަލްޓި ސްޓޯރީ ޕާކިން ބިލްޑިންގ މިހުރިހާ އެއްޗެހި އަޅާ ގޮތަށް ސޮއިކުރި އެގްރީމަންޓެއް. މި އެގްރީމަންޓް ތަންފީޒުކުރިނަމަ މާލެ ތެރޭގައި މިހާރު ހުރި ހުރިހާ ގުދަން ގަރާޖު ވޯކްޝޮޕްތައް ބަދަލުކުރެވި، އަދި އެ ވިޔަފާރިއަށް ވަންނަން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުސަތު ލިބުނީސް“ ޑރ. މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން އިންޑަސްޓްރިއަލް ވިލެޖު ހިއްކީ އެންމެ 6 ދުވަހުން ކަމަށް ފާހަގަކޮށް ޑރ. މުއިއްޒު ވިދާޅުވީ، އެތަނުގެ ބޭނުން މިހާރު އޮތީ މުޅިން އެހެން ގޮތަކަށް ބަދަލުކޮށްލާފައިކަމަށެވެ.