ޚަބަރުސިޔާސީ

ފެބްރުއަރީގައި ރައީސް ސާލިހަށް، އެމްޑީޕީގެ ރިޔާސީ ޓީކެޓް ދެނީ!

ފެބަރުއަރީ މަހުގެ މެދުތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓް، ރަސްމީކޮށް އަރުވާނެކަމަށް އެމްޑީޕީއިން ބުނެފިއެވެ.

މިހަފްތާގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން ކުރީގެ ރައީސް، ރައީސް ނަޝީދުއާ ވާދަކުރައްވައިގެން ޕްރައިމަރީ ކާމިޔާބު ކުރައްވާފައިވަނީ ރައީސް ސާލިހެވެ. އެމްޑީޕީގެ ޕްރައިމަރީ އިންތިހާބުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގާފައިވާއިރު، ރައީސް ނަޝީދުވަނީ އިންތިހާބުގެ ސައްހަކަމާމެދު ސުވާލު އުފައްދަވާފައެވެ.

މި ފެށޭ ފެބްރުއަރީ މެދުތެރޭގައި ރައީސް ސާލިހާ ހަވާލުކުރާނެކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވިދާޅުވެފައިވާއިރު، ޕްރައިމަރީގެ ދާއިމީ ނަތީޖާ ނެރޭނީ އެމްޑީޕީގެ އަސާސީ ގަވާއިދާ އެއްގޮތަށް ފަސް ދުވަހުގެ ތެރޭގައިކަމަށްވެސް އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާގޮތުންނަމަ، ރައީސް ސާލިހަށް 24،566 ވޯޓު ލިބިވަޑައިގެންނެވިއިރު ރައީސް ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. 57،255 މީހުންނަށް މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވެއެވެ. ނަމަވެސް ވޯޓު ލާފައިވަނީ 40،887 މީހުންނެވެ. އެމްޑީޕީގެ ވޯޓާސް ލިސްޓުން ބައެއް މެންބަރުން އުނިކޮށްފައިވާތީ، އިންތިހާބުގެ ސައްހަކަމާމެދު މީގެ ކުރިންވެސް ރައީސް ނަޝީދު ވަނީ ސުވާލުކޮށް، އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް އެކަމަށް ރިއާޔަތްކުރުމެއްނެތި އިންތިހާބު ވަނީ ބާއްވާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button