ޚަބަރު

މާލޭ ފާރުތަކުގައި ދީނާއި ދެކޮޅު ގްރެފިޓީ ޖަހާއިރު ސަރުކާރު ހަނު

މާލެ ނޫރު މިސްކިތް ކައިރި، ބޮޑުތަކުރުފާނު މަގު ކަންމައްޗަށް ހުރި އިމާރާތުގެ ފާރުގައި ބަޔަކު އެއްޖިންސުން ގުޅުން ހިންގުމަށް ހިއްވަރު ދޭ ގުރެފިޓީއެއް ސްޕްރޭ ކޮށްފިއެވެ.

އިންޑިއާ ސިފައިންނާއި ޖާސޫސޫން ރާއްޖޭގައި ތިބުމާ ދެކޮޅަށް މީގެ ކުރިން އިދިކޮޅާއި އާންމުން ގުޅިގެން ކުރިޔަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕޭން ތެރޭގައިވެސް އާންމުން ވަނީ އެކި ފާރުތަކުގައި އިންޑިއާ އައުޓް ސްޕުރޭ ކޮށްފައެވެ. އަދި އެކަން ކުރި ބައެއް ފަރާތްތައް ހައްޔަރުވެސް ކޮށްފައިވެއެވެ. ނަމަވެސް ފަހަކަށް އައިސް އިސްލާމް ދީނާއި ދެކޮޅަށް ޝުއޫރު ފާޅުކޮށްފައި ހުރި ސްޕްރޭ ފޮހެފައެއް ނުވެއެވެ. އަދި އެފަދަ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މިހާރު މިއޮތް އެމްޑީޕީގެ ކޯލިޝަން ސަރުކާރުން ވަނީ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ވަރަށް ލުއި ގޮތްތަކެއް ހަމަޖައްސައިދީފައެވެ. އެގޮތުން ސަރުކާރުން ވަނީ ސޫޓްސްމީގެ ނަމުގައި ޖިންސް ބަދަލު ކުރަން ނުކުމެތިބި މީހުންނަށް ހިއްވަރުވެސް ދީފައެވެ. އަދި ލިވާތު ކުރި މައްސަލާގައި ހިނެނޭ މީހުންވެސް ވަނީ ގޭ ބަންދައް ބަދަލުކޮށް، އަދަބު ލުއިގޮތެއްގައި ނިންމޭނެ ގޮތްވެސް ފަހިކޮށްދީފައެވެ.

މިހާތަނަށް ދީނަށް ފުރައްސާރަކުރި ގިނަ މީހުން ވަނީ ދިވެހި ސަރުކާރުން މައްސަލަ ބެލުމުގެ ކުރިން ފުރުވާލާފައިކަމަށް ގިނަ ބަޔަކު ދެކެއެވެ. މިފަދަ ދީނީ މަސްލަހަތު ގެއްލޭ މަސައްކަތްތައް މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ދަނީ އާދަޔާ ހިލާފަށް ގިނަވަމުންނެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މިދައުރުގައި މިސްކިތްތަކަށް ބޮޑު ކަމުދިޔުމާއި، ކުޑަކަމު ދިޔުމާއި، ހަތިމަށް ކުޅުޖެހުމާއި، ފުލުހުން ކުރިމަތީގައި މާތްﷲ އާއި ރަސޫލާ ސއވ އަށް ފުރައްސާރަ ކުރުން ވަނީ އާންމުވެފައެވެ. މި އަމަލުތައް ހިންގި އެއްވެސް މީހަކަށް ދައުވާ ކޮށްފައެއް ނުވެއެވެ. .

ފާރުތަކުގައި އެއްޖިންސުން ގުޅުން ހިންގުމަށް ހިއްވަރުދީ ސްޕުރޭ ކުރި މައްސަލާގައި އެމްޑީޕީ ކޯލިޝަަންގައި ހިމެނޭ ދީނީ ޕާޓީ ކަމުގައިވާ އަދާލަތު ޕާޓީން ވެސް އަދި މިހާތަނަށް އެއްޗެއް ނުބުނެއެވެ. އަދި މި ސަރުކާރުން އެފަދަ އަމަލުތަކާ މެދު އަޅާ ގެންގުޅޭ ދޯހަޅި ފިޔަވަޅުތަކާއިމެދުވެސް އެޕާޓީއިން އެއްޗެއް ބުނުމުގެ ބަދަލުގައި އެކަން ދިފާއު ކުރާކަމަށް އާންމުން ތުހުމަތު ކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button