ޚަބަރު

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އެދި 58 ކައުންސިލަކުން ގަރާރު ނެރެފި

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އެދި 58 ކައުންސިލަކުން ގަރާރު ނެރެފިއެވެ.

7 އޮގަސްޓު 2008 ގައި ތަސްދީގް ކުރި ދިވެހިރާއްޖޭގެ 6 ވަނަ ގާނޫނު އަސާސީން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ފަހިކޮށްދީފައިވާކަމަށާއި، މި ބާރު އިދާރީ ދާއިރާތަކަށް ލިއްބައިދިނުމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ގާނޫނު 2010 ވަނަ އަހަރުގެ މެއި މަހު އެކުލަވައި ތަސްދީގު ކުރައްވާފައިވާކަމަށް، އެ ކައުންސިލްތަކުން ނެރުނު ގަރާރުތަކުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ގާނޫނު އަސާސީގެ 230 ވަނަ މާއްދާގެ 6، 21 އަދި 39 އިން ބާރުލިބިގެން އުފައްދާފައިވާ އަތޮޅު ކައުންސިލް، ރަށު ކައުންސިލް އަދި ސިޓީ ކައުންސިލްތަކަކީ، އެ ދާއިރާއަކަށް ނިސްބަތްވާ، އެ ޤާނޫނުން މަތިކޮށްފައިވާ އެންމެހާ ޒިންމާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމަށް އުފައްދާފައިވާ ތަންތަންކަމަށާއި ހަމަ އެޤާނޫނުގައި ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކުގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި ރަށް ހިންގާ ތަރައްޤީކޮށް، ރައްޔިތުންނަށް ދޭންޖެހޭ އެންމެހާ ރަށްވެހި ޚިދުމަތްތައް ދިނުމާއި، ސަރުކާރުން ކައުންސިލްތަކަށް ހިންގުމަށް ހަވާލުކުރެވޭ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމާއި، ރަށުގެ އެންމެހާ އިޖްތިމާޢީ ކަންކަން ބެލެހެއްޓުމާއި ޤައުމީ އިދާރާތަކަށް ބޭނުންވާ އެންމެހާ އެހީތެރިކަން ދިނުން ހިމެނޭކަމަށްވެސް އެ ގަރާރުތަކުގައި ފާހަގަކޮށްފައިވެއެވެ.

ރައްޔިތުންނަށް ދޭންޖެހޭ އެންމެހާ ހިދުމަތްތަކާއި ރަށްރަށުގެ ތަރައްގީއަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަކީ ކައުންސިލްތަކުގެ ޒިންމާއެއްކަމަށާއި، މިނޫނަސް ކައުންސިލްތަކުން މެދުނުކެނޑި ރައްޔިތުންނަށް ދޭ ހިދުމަތްތަކާ ބަލާއިރު، ކައުންސިލްތަކުގައި ތިބެނީ މަދު މުވައްޒަފުންކޮޅެއްކަމަށް އެ ގަރާރުތަކުގައި ބުނެފައިވެއެވެ. އަދި އެ މަދު މުވައްޒަފުންކޮޅާއެކު، ކައުންސިލްތަކުން ކެނޑިނޭޅި ކުރަމުންދާ ބުރަ މަސައްކަތްތަކަކީ އެކަމުގައި އެ މުވައްޒަފުންގެ އެތައް ގިނަ ވަގުތުތަކެއް ހޭދަކުރާ ކަމެއްކަމަށްވާއިރު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކަށް ލާމަރުކަޒީ އުސޫލުން ހިންގުމަށް ހަވާލުކޮށްފައިވާ ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރައަށް އެދެވޭ ބަދަލުތަކެއް މިހާތަނަށް އައިސްފައިނުވާކަމަށް އެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

އެ ގަރާރު ނެރުނު ކައުންސިލްތަކުން އިތުރަށް ބުނެފައިވަނީ ރަށެއްގައި ސަރުކާރުގެ އެހެން އިދާރާތައް ހުންނަ އިރު، ލާމަރުކަޒީ ގާނޫނުގެ އެންމެހައި ޒިންމާތަކެއް މަތިކޮށްފައިވަނީ ކައުންސިލްތަކަށް ކަމަށްވާއިރު، ކައުންސިލުގެ މުވައްޒަފުންގެ މުސާރަ، ރަށުގައި ގާއިމުވެފައިވާ އެހެނިހެން އިދާރާތަކުގެ މުވައްޒަފުންގެ މުސާރައަށްވުރެ ކުޑަ ވެފައި ފަރަގު ބޮޑެވެ. އަދި އެކަމަކީ އެ ކައުންސިލްތަކުން ކަންބޮޑުވާ ކަމެއްކަމަށާއި އެކަމުގެ ސަބަބުން ތައުލީމީގޮތުންނާއި ތަޖުރިބާގެ ގޮތުން ގާބިލު ރަނގަޅު މުވައްޒަފުން ކައުންސިލްގެ ވަޒީފާތަކުން ވަކިވެ އެހެނިހެން އިދާރާތައް ހިޔާރުކުރަމުން ދާކަމަށްވެސް ގަރާރުތަކުގައި ފާހަގަކޮށްފައިވެއެވެ.

ކައުންސިލްތަކުން އިތުރަށް ފާހަގަކޮށްފައިވަނީ، ކައުންސިލްތަކަށް ހައިބްރިޑް ސިސްޓަމް ތަޢާރަފްކޮށް ކައުންސިލްގެ މުވައްޒަފުންނަށް ވަކި އިދާރީ އޮނިގަނޑެއް ހެދިފައި ވާއިރު މިހާތަނަށް ހެދިފައިވާ އެންމެހާ އިދާރީ އޮނިގަނޑުގެ ތެރެއިން އެންމެ މުސާރަ ކުޑަ އޮނި ގަނޑަކީ ކައުންސިލްތަކުގެ މުވައްޒަފުންގެ އިދާރީ އޮނިގަނޑުކަމަށެވެ. އަދި ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް ބަޔާންކޮށް 1 މޭ 2022 ގައި ގެޒެޓް ކުރެވިފައިވާ އުސޫލުގައި މުއައްސަސާތައް ހަތަރު ގިންތިއަށް ގިންތި ކުރެވިފައިވާއިރު، ގިންތީގެ އެންމެ ތިރިން ގިންތި ކުރެވިފާ އިދާރާތަކަކީ ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމުގައި ހިމެނޭ ކައުންސިލްތައްކަމަށާއި ހަތަރުވަނަ ގިންތި ތިންބަޔަށް ބެހިފައިވާއިރު އެ ގިންތީގެވެސް އެންމެ ތިރިން ގިންތި ކުރެވިފައިވަނީ ރަށު ކައުންސިލްތައްކަމަށެވެ.

ޕޭ ފްރޭމް ވަރކްގެ ގިންތިތަކަށް ބަލާއިރު ތިންވަނަ ދަރަޖާގައި ސަރުކާރުގެ އިދާރާތައް ހިމެނޭއިރު، ކައުންސިލްތަކަކީ ސަރުކާރުގެ ވުޒާރާތަކުގެ ތެރޭގައިވެސް ހިމެނޭ އިދާރާތަކަކަށް ނުވާކަމަށްވެސް ކައުންސިލްތަކުން ބުނެއެވެ. އަދި ސަރުކާރުގެ އެކި ވުޒާރާތަކުގެ މުވައްޒަދުންނަށް އެކި ނަން ނަމުގައި މުސާރައިގެ 35 އިންސައްތަ އެލަވެންސްއެއް ދޭއިރު އެފަދަ އެލަވަންސްތަކެއް ކައުންސިލްތަކުގެ މުވައްޒަފުންނަށް ނުދޭކަމަށާއި މިއީ މުސާރައިގެ ފަރަގު އިންތިހާއަށް ހާމަވާ ކަމެއްކަމަށްވެސް ކައުންސިލްތަކުން ބުނެފައިވެއެވެ.

މި ތަފާތުކުރުންތަކާމެދު ކަންބޮޑުވުން ފާޅުކޮށް ކައުންސިލްތަކުން ބުނެފައވަނީ، ރަށްރަށުގައި އެންމެ ޒިންމާ ބޮޑު މުއައްސަސާތަކަކީ ކައުންސިލްތައް ކަމަށްވާއިރު، އެ ތަންތަނުގެ ފެންވަރު މަތިކުރަން މުވައްޒަފުން ކުރާ މަސައްކަތްތަކާއި އެއްވަރުގެ އެކަށީގެންވާ މުސާރައެއް އެ މުވައްޒަފުންނަށް ލިބުން ހައްގުކަމަށާއި، ޕޭ ފްރޭމް ވަރކްގައި ކައުންސިލްތަކަށް ދީފައިވާ ދަރަޖަ ބަދަލުކޮށް ސަރުކާރުގެ ވުޒާރާތަކާއި އެއް ހަމައެއްގައި ކައުންސިލްތައް ބަލައިގަންނަން ޖެހޭނެކަމަށްވެސް އެ ގަރާރުތަކުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ދައުލަތުގެ އެކި އިދާރާތަކަށް، މުސާރައިގެ 35 އިންސައްތަ އެލަވަންސްދޭ ފަދައިން، ކައުންސިލްތަކުގެ އިދާރީ މުވައްޒަދުންނަށްވެސް އެ އެލަވަންސްތައް ދިނުމަށާއި، މުވައްޒަފުންގެ މަސައްކަތު ފެންވަރު ބަލައި ކުރިއެރުން ލިބެންޖެހޭނެގޮތަށް އިދާރީ އޮނިގަނޑު ބައްޓަންކުރެވިފައި އޮންނަންވާނެކަމަށާއި ކައުންސިލްތަކާއި އެހެނިހެން އިދާރާތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ހޯދައިދިނުމަށް އެދި ކައުންސިލްތަކުން ވަނީ ގޮވާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button