ޚަބަރު

އެއްޖިންސުން ގުޅުން ހިންގި، ނާޒިމް ސައްތާރު މިނިވަންވެއްޖެ

ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އަލަމްގިރީއާއެކު އެއްޖިންސުން ޖިންސީ ގުޅުން ހިންގައި، އެކަމަށް އިއުތިރާފުވެފައިވާ ގާނޫނީ ވަކީލު އަދި  މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، އަހުމަދު ނާޒިމް އަބްދުއްސައްތާރު މިނިވަންވެއްޖެއެވެ.

އެއްޖިންސުން ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ނާޒިމް ސައްތާރަށް ހުކުމްކޮށް، ގޭބަންދަށް ދޫކޮށްފައިވަނީ ސެޕްޓެންބަރު 15 ދުވަހުގައެވެ.

ތިން މަހާއި 26 ދުވަހުގެ މުއްދަތަކަށް ގޭބަންދު ކުރުމަށް ކުރި އެހުކުމުގެ މުއްދަތު ހަމަވުމާއެކު ކަރެކްޝަންސް އިންވެސް ވަނީ އެކަން ލިޔުމުން އަންގާފައެވެ. އެދަފަ ލުޔެއް ނާޒިމް ސައްތާރަށް ދެވުނީ، އޭނާ ކުރި ކުށަށް ރައްޔިތުންގެ ކިބައިން މައާފަށް އެދި ތައުބާވެފައިވާތީ ކަމަށާއި އޭނާގެ އިތުރު ކުށުގެ ރެކޯޑެއްވެސް ނެތީމައި ކަމަށް މައުލޫމާތު ލިބެއެވެ.

ނަމަވެސް ދައުލަތުން ވަނީ އެ މައްސަލައިގައި ނާޒިމް ސައްތާރަށް ކުރި ހުކުމުގައި އަދަބު ކުޑަވެގެން، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފަށް ހުށަހަޅާފައެވެ. ދައުލަތުން އެދުނީ ނާޒިމް ސައްތާރަށް ހަތް މަހާއި ހަ ދުވަހުގެ ޖަލު އަދަބެއް ދިނުމަށެވެ. ހައިކޯޓަށް މައްސަލަ ހުށަހެޅުމުން މައްސަލަ ރަޖިސްޓްރީކުރިކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ހުކުމް ތަންފީޒުކޮށް، މުއްދަތު ނިމިފައިވާއިރުވެސް އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިނުވެއެވެ.

އަލަމްގިރީއާއެކު އެއްޖިންސުން ޖިންސީ ގުޅުން ހިންގައިގެން އެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ ފުލުސް އޮފިސަރު ”ދޮންދިގު“ އާއި އަލަމްގިރީ އެކަންޏެވެ. އަލަމްގިރީއަށް ދައުލަތުން ދައުވާ ކުރާ، އެއްޖިންސުން ގުޅުން ހިންގުމާއި، އޮރިޔާންކާޑު ހެދުމުގެ ދައުވާތަކަށް އޭނާވަނީ އިއުތިރާފުވެފައެވެ. އަދި އޭނާ މިހާރު ދަނީ 4 އަހަރައި 6 މަހުގެ ޖަލު ހުކުމެއް ތަންފީޛުކުރަމުންނެވެ.

ގާނޫނުލްއުގޫބާތުގެ ދަށުން އެއް ޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުވާ މީހުންނަށް ދައުވާ ކޮށްފައިވާއިރު، ޖިންސީ ކުށުގެ ގާނޫނުގައިވެސް އެއީ ކުށެއްކަމަށް ކަނޑައަޅާފައިވެއެވެ. އަދި އެ ގާނޫނުން އެފަދަ ކުށަކަށް ލިބޭ އަދަބަކީ 5-7 އަހަރުގެ ޖަލުގެ ހުކުމެއްކަމަށްވެސް އޮވެއެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button