
ނަސާރާދީނުގެ މީހުން ފާހަގަކުރާ ކްރިސްމަސް ދުވަހުގައި، ރާއްޖޭގެ ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމަކީ، ޑިކްޓޭޓަރުން ޒަމާނުއްސުރެ ކުރާ ކަހަލަ މަކަރުވެރި ރޭވުމެއްކަމަށް ކުރީގެ ރައީސްކަން ކުރެއްވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
Christmas Day verdict against the PPM/PNC presidential Candidate Yaamin was defective re his defense team. Manipulating the judiciary is unacceptable. In a democracy you do not use the courts to neutralize your opposition. These are old tricks of dictators. @ProgressPartyMV
— Mohamed Waheed (@DrWaheedH) December 26, 2022
އެމަނިކުފާނު ޓްވީޓުކުރައްވަމުން ވިދާޅުވީ، ބާރުގެ ބޭނުންކޮށްގެން، މަކަރާއި ހީލަތުން ޝަރުއީ ދާއިރާ އޮޅުވާލުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށް ކުރި ހުކުމަކީ އޭގެ މިސާލެއް ކަމަށާއި ޑިމޮކްރަސީއެއްގައި ކޯޓުތައް ބޭނުންކޮށްގެން އިދިކޮޅު ފަރާތްތައް ނިއުޓްރަލައިޒް ނުކުރާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި އެއީ ޒަމާނުއްސުރެ ޑިކްޓޭޓަރުން ގެންގުޅޭ މަކަރުވެރި އުކުޅެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ދައުލަތުން އުފުލި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިން ގެ ދައުވާ ސާބިތުވެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއެކު އިދިކޮޅުން ވަނީ މުޒާހަރާ ކުރަން ފަށާފައެވެ.
މަނީ ލޯންޑްރިން މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމުގައި ރައީސް ޔާމީންގެ މައްޗަށް ފަސް މިލިއަން ޑޮލަރު, ދިވެހި ރުފިޔާއިން ނަމަ 77 މިލިއަން, ޖޫރިމަނާކުރުމާއި އެކު 7 އަހަރު ދުވަހަށް ޖަލަށް ލުމަށާއި، ރިޝްވަތު ގަބޫލުކުރުމުގެ މައްސަލައިގައި އިއްވީ ހަތަރު އަހަރު ދުވަހަށް ޖަލަށް ލުމަށެވެ. މި ހުކުމް ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވަނީ ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ އެއް ދަރަޖަ ދައުލަތުގެ ފަރާތުން އެދުމުގެ މަތިން މަތި ކުރުމަށް ފަހުގައެވެ.
ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ރައީސް ޔާމީން މައްޗަށް ސާބިތުވާކަމަށް ކަނޑައަޅާފައިވާއިރު, އެ މައްސަލއިގެ ހުކުމް އިއްވަމުން އިސް ގާޒީ ވިދާޅުވެފައިވަނީ ޗެކު ބަލައިގަތުމާއި ޗެކު ދޫކުރިކަން މައްސަލާގައި ހުށަހަޅާފައިވާ ޗެކާއި ބޭންކު ސްޓޭޓްމެންޓްތަކުން ސާބިތުވާކަމަށެވެ.
އެހެންނަމަވެސް, ރައީސް ޔާމިން ގެ ފަރާތުން އެ ފައިސާ އާއި ގުޅޭ ގޮތުން ކޯޓަށް ހުށަހެޅި ދިފާއީ ހެކިންނާއި ހެކިތަކާ ގުޅޭ ގޮތުން ގާޒީގެ ހުކުމުގައި އެއްވެސް ވާހަކަ އެއް ދައްކާފައި ނުވެއެވެ.