ޚަބަރުސިޔާސީ

މިނިސްޓަރު ނަހުލާގެ ކޮރަޕްޝަން ތުހުމަތުތަކާއި އެކު ޝިމާޒު ޔޫތް މިނިސްޓްރީއަށް!

ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބު ކަމުގައި ހުންނެވި ޝިމާޒް އަލީ ގެ މައްޗަށް ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރައްވައި، އޭނާ އެ މަގާމުން ވަކި ކޮށްދެއްވުމަށް ރައީސް ސާލިހަށް ސިޓީ އަކުން ދަންނަވާފައިވަނިކޮށް, ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ޝިމާޒާއި ހަވާލުކޮށްފިއެވެ.

ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ޝިމާޒް ހަމަޖައްސަވާފައިވާކަން އެ މިނިސްޓްރީން ވަނީ ކަށަވަރުކޮށްފައެވެ.

ޝިމާޒުގެ މައްޗަށް މިނިސްޓަރު ނަހުލާ ގިނަ ތުހުމަތުތަކެއް ކޮށް, އޭނާ އެ މަގާމުން ވަކިކުރުމަށް ރައީސް ސާލިހަށް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ ސިޓީ އެއް ފޮނުވާފައެވެ. މި ސިޓީގައި އެކަމަނާ ވިދާޅުވެފައިވަނީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ހިޔާނާތުގެ ސީރިއަސް މައްސަލަތަކެއް ފެންމަތިވެ އެކަމުގެ ހެކި އެކަމަނާ އަށް ލިބިފައިވާކަމަށާއި އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅަނދުތަކެއް ރަޖިސްޓްރީކޮށްދީގެން އެކަމުގެ ނާޖާއިޒު ފައިދާ ހޯދުމުގައި ޝީމާޒުގެ ބައިވެރިވުން އޮތްކަމަށެވެ.

މީގެ އިތުރުން, ގަވާއިދާ ހިލާފަށް އުމުރު ހަމަ ވެފައިވާ އުޅަނދުތައް ރަޖިސްޓްރީކޮށް ދޫކުރި ރަޖިސްޓްރީރަކުގައި ޝިމާޒުގެ ސޮއި ހިމެނޭ ކަމަށާއި ރަޖިސްޓްރޭޝަންގައި ވެސް އޮޅުވާލުންތައް ހިންގަނީ ވަރަށް ބޮޑަށް ތަރުތީބުވެގެން ޝިމާޒުއާ ގުޅިގެން ކަމަށް ބެލެވޭ ކަމަށްވެސް އެކަމަނާ ވިދާޅުވެފައިވެއެވެ.

އަދި މަސައްކަތަށް ފަރުވާކުޑަކުރުމާއި މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ އަބުރުކަތިލުމުގެ އަމަލުތަކެއްވެސް އޭނާ ހިންގަވާފައިވާކަމަށް ތުހުމަތުކޮށްފައިވެއެވެ.

މި ތުހުމަތުތަކާއި ގުޅިގެން ޝިމާޒު ވިދާޅުވެފައިވަނީ، އެ ތުހުމަތުތަކުން އޭނާ ބަރީއަވާކަމަށާއި, މިނިސްޓްރީގެ ކަންކަން ރޭވިފައި އޮންނަނީ މިނިސްޓަރަށް ނޭނގި އެއްވެސް ކަމެއް ކުރެވޭ ގޮތަށް ނޫންކަމަށާއި, މިނިސްޓަރު ނަހުލާ އޭނާގެ ބޮލުގައި ތުހުމަތުތަކެއް އަޅުވާފައިވަނީ ޒާތީ މައްސަލައެއްގައި ކަމަށެވެ.

އެހެންނަމަވެސް, އޭސީސީއިން މީގެ ކުރިންވެސް ވަނީ ޝިމާޒް އާ ގުޅޭ ގޮތުން ކޮރަޕްޝަންގެ މައްސަލައެއް ބަލާފައެވެ. މި މައްސަލާގައި މިނިސްޓަރު ނަހުލާ ވަނީ ޝިމާޒްގެ ދިފާއުގައި ވާހަކަދައްކާ, ތުހުމަތު ކުރި އެއްވެސް ކަމެއް އެމިނިސްޓްރީގައި ނުހިނގާ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެމައްސަލައިގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި މައްސަލައިގައި އޭސީސީން ހިންގި ތަހުގީގު ނިމުނުއިރު ޝިމާޒު ހިމެނޭހެން 6 މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނޮވި ނަމަވެސް ހެކި ނެތް ކަމަށް ބުނެ އެމައްސަލަ ވަނީ ނިންމައިފައެވެ.

މި މައްސަލާގައި އެ ކުންފުންޞަށް 68 މިލިއަން އަށް ވުރެއް ގިނަ ރުފިޔާ އަދި އޭގެ ފަހުން ވެސް އެ ކުންފުންޏަސް އެ މަސައްކަތުން ފައިދާވާ ގޮތަށް އެ މަސައްކަތް ހަވާލު ކުރި ކަމަށް ތުހުމަތު ކޮށްފައިވެއެވެ.

މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓް ހަދަން ވަސާޖިއޯއާ ހަވާލުކުރި ބިޑް ކޮމިޓީގެ ޗެއާއަކަށް ޝިމާޒް އިންނެވިއިރު، އެ ބީލަމުގެ ކަންކަން މިނިސްޓްރީގައި ކުރިއަށް ދިޔައިރު، ވަސާޖިއޯގެ އިސް ބޭފުޅަކާ ޝިމާޒް ބައްދަލު ކުރެއްވި ކަމަށް ތުހުމަތު ކޮށްފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button