ޚަބަރުސިޔާސީ

އެމްޑީޕީގެ ދަފްތަރުން ރައީސް ނަޝީދުގެ ބޭބެ ވަކިކޮށްފި

އެމްޑީޕީގެ ދަފްތަރުން ރައީސް ނަޝީދުގެ ބޭބެ ވަކިކޮއްފިއެވެ.

އެމްޑީޕީގެ ދަފްތަރުގައި ތިބި މެންބަރުންތަކެއް، އެ މެންބަރުންނަށް ނޭނގި ދަފްތަރުން ބޭރުކޮށްލާފައިވާކަމުގެ ޝަކުވާތައް ފެންމަތިވެފައިވަނިކޮށް، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ ބޭބެ ޑރ. އިބްރާހީމް ނާޝިދު ވެސް އެ ދަފްތަރުން އުނިކޮށްފައިވާކަން ދާދިފަހުން ވަނީ ހާމަވެފައެވެ.

އަންނަ އަހަރު ޖަނަވަރީ މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކޮށް، ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަން، މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ސިޓީއެއް ފޮނުއްވާފައެވެ. އެސިޓީގައި، އެމްޑީޕީ ދަފްތަރު ގަޑުބަޑުކޮށްފައިވާކަމަށް ތުހުމަތުތަކެއްވެސް ކުރައްވާފައިވެއެވެ. އަދި އެފަދަ ހާލަތެއްގައި ބާއްވާ އިންތިހާބެއް ސައްހަވާނެކަމާމެދު ޔަގީންކަމެއް ނެތްކަމަށް ވިދާޅުވެފައިވެއެވެ. މިކަމާ ގުޅިގެން ރައީސް ސާލިހުއަށް ވަފާތެރި ބައެއް މީހުންގެ ނުރުހުން ރައީސް ނަޝީދަށް އަމާޒުވެފައިވެއެވެ.

ފާޓީ ގަޑުބަޑުވެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވުމުން، އެމަނިކުފާނަށް އެ ސިޓީގެ ޖަވާބު ލިބިވަޑައިގެންނެވި ކަމަށް މައުލޫމާތު ލިބެއެވެ. އެމްޑީޕީއިން ބުނެފައިވަނީ ޕާޓީގެ ދަފްތަރު ހަމަޔަކަށް އަޅުވައި، ސައްހަކުރުމަށްޓަކައި އިލެކްޝަންގައި ރަޖިސްޓްރީ ނެތް މީހުންނަށާއި އެހެން ޕާޓީތަކުގެ ދަފްތަރުގައި ތިބި މެންބަރުންނަށް، 3 މަސްދުވަހުގެ މުއްދަތެއް ދީފައިވާނެކަމަށެވެ.

އެމްޑިޕީގެ އިސް ސަފުގައި ފެށުނީއްސުރެ މަސައްކަތްކުރާ އެތައް މެންބަރުންނެއް އެ ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާކަމަށް ބުނާއިރު، އޭގެ ތެރޭގައ ފާތިނާ ހަކީމްވެސް ހިމެނެއެވެ. ފާތިނާ ހަކީމް ޓްވީޓުކުރައްވަމުން ވިދާޅުވީ އޭނާގެ ނަމާއި، ދަރިންގެ ނަންވެސް އެމްޑީޕީ ދަފްތަރުން އުނިކޮށްފައިވާކަމަށެވެ. ފާތިނާގެ ޓްވީޓަށްފަހު، އެ ޓްވީޓަށް ޖަވާބު ދެއްވަމުން، ރައީސް ނަޝީދުގެ ބޭބެ ވިދާޅުވެފައިވަނީ އެބޭފުޅާގެ ނަންވެސް ދަފްތަރުން އުނިކޮށްފައިވާކަމަށެވެ. ނަމަވެސް ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ވަގުތު ލިބުނުކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ. އެމްޑީޕީއިން މިހާރު ވަނީ އެ ޕާޓީގެ ދަފްތަރުން އުނިވެފައިވާ މެންބަރުންނަށް އެ ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ފުރުސަތު ހުޅުވާލާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button