އިސްލާމްދީނުގައި އިންސާނީ ޙައްޤުތައް!
އިންސާނީ ޙައްޤުތަކުގެ ވާހަކައަކީ ފަހަކަށް އައިސް އެންމެ ގިނައިން، އެންމެ ބާރަށް، އަދި އެންމެ ހޫނުކޮށް ދެކެވޭ އެއް ވާހަކައެވެ. ހުރިހާ ފަންތިތަކާއި ގިންތިތަކުގެ މެދުގައެވެ. އެކި ފެންވަރުގައެވެ. ފަރުދީ ފެންވަރުގައާއި އިޖުތިމާޢީ ފެންވަރުގައެވެ. ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ފެންވަރުގައާއި ޤައުމީ ފެންވަރުގައެވެ. އަދި، ބައިނަލް އަޤުވާމީ ފެންވަރުގައެވެ. އިންސާނީ ޙައްޤުތަކުގެ ވާހަކަ ދެކެވޭ ހިނދު، ވަރަށް ގިނަ ފަހަރަށް، އިސްލާމްދީނަށް ޙަމަލާތައް އަމާޒުކުރެވިގެން ދާތަން ފެނެއެވެ. އިސްލާމްދީނަކީ ހަރުކަށި، އިންސާނީ ޙައްޤުތަކަށް އިޙްތިރާމްނުކުރާ، ޙައިވާނީ އުޞޫލުތަކެއް ގެންގުޅޭ ދީނެއް ކަމުގައި ބުނެވެމުންދެއެވެ. ނަމަވެސް، ޙަޤީޤަތަކީ، ޖާހިލުކަމާއި ތަޢައްޞުބުން އެއްކިބާވެހުރެ ވިސްނާލައިފިނަމަ ހަމަ ކޮންމެ މީހަކަށްވެސް ހާމަވެގެންދާނީ، އިސްލާމްދީނަކީ ޙަޤީޤީ މާނައިގައި އިންސާނީ ޙައްޤުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ގެނެސްދީ، އެ ޙައްޤުތައް އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށްދީ ރައްކާތެރިކޮށްދީފައިވާ ދީން ކަމެވެ.
އިސްލާމްދީން ގެނެސްދީފައިވާ އިންސާނީ ޙައްޤުތަކުގެ ފުރިހަމަކަން ދެނެގަތުމަށްޓަކައި، އެ ދީނުގެ އެންމެ ފަހުގެ ރަސޫލާ މުޙައްމަދުގެފާނު (صلى الله عليه وسلم) އެކަލޭގެފާނުގެ ރިސާލަތު ފެއްޓެވި ޢަރަބި ކަރައިގައި، ޚާއްޞަކޮށް މައްކާގެ މުޖުތަމަޢުގައި، އެދުވަސްވަރު އިންސާނީ ޙައްޤުތައް އޮތްގޮތުގެ މައްޗަށް ބަލައިލުން މުހިންމެވެ. އެގޮތުން ބަލައިލާއިރު ފާހަގަކޮށްލެވެނީ، އެދުވަސްވަރުގެ ޢަރަބި މުޖުތަމަޢުގައި އިންސާނީ ޙައްޤުތައް އޮތީ ވަރަށްވެސް ދަށުދަރަޖައިގައި ކަމެވެ. މިތަނުގައި އެފަދަ ތިން ކަމެއް ބަޔާންކޮށްލާނަމެވެ.
ފުރަތަމައީ، ފުރާނައިގެ ޙުރުމަތާއި ދިރިހުރުމުގެ ޙައްޤެވެ. ޢަރަބިންގެ ތެރޭގައި އެޒަމާނުގައި އޮތީ ޤަބީލާ ނިޒާމެވެ. ޤަބީލާއަށް އޮންނަ ލޯތްބާއި ޤަބީލާތަކުގެ މެދުގައި އޮންނަ ވާދަވެރިކަމުގެ ސަބަބުން ޤަބީލާތަކުގެ މެދުގައި ތަޅާފޮޅުމާއި ލޭ އޮހޮރުވުމަކީ ޢާއްމު ކަމެކެވެ. އަދި، މީހުން މެރުމަކީވެސް ހަމަ ވަރަށް އާދައިގެ ކަމެކެވެ. އެހެންކަމުން، ޤިޞާޞް ހިފުމުގެ އުޞޫލެއް ކަމުގައި ވެފައި އޮތީވެސް، އެކަކުގެ ބަދަލުގައި ޤާތިލުގެ ޤަބީލާގެ ހުރިހާ އެންމެން މަރައިލުމެވެ. ނުވަތަ ޤާތިލުގެ ބައްޕަ ނުވަތަ އެހެން ތިމާގެ މީހަކު ޤަތުލުކޮށްލުމެވެ. ވީމާ، ފުރާނައިގެ ޙުރުމަތާއި ދިރިހުރުމުގެ ޙައްޤަކީ އެބައިމީހުންގެ ތެރޭގައި އަހަންމިއްޔަތުކަމެއް ދެވިފައިވާ ޙައްޤެއް ކަމަކަށް ނުބެލެވެއެވެ.
ދެވަނައީ، މިނިވަންކަމުގެ ޙައްޤެވެ. އެދުވަސްވަރު ޢަރަބިންގެ ތެރޭގައި އަޅުވެތިކަން އޮތީ ވަރަށް ބޮޑަށް ފެތުރިފައެވެ. މީހުން ގަނެވިއްކުމަކީ އެބައިމީހުންގެ ތެރޭގައި ޢާއްމު ކަމެކެވެ. އަދި، އަޅުންނާ ދޭތެރޭގައި ޢަމަލުކުރެވެމުން ދިޔައީވެސް ޖަނަވާރުންނާއި އެއްފަދަ ގޮތަކަށެވެ. ފުދޭ ވަރަށް ކާންބޯން ނުދިނުމާއި، ކުޅަދާނަ ނުވާ ވަރަށް މަސައްކަތް ކުރުވުމަކީ އަޅުންނާއި މެދު ޢަމަލުކުރެވޭ ނިކަމެތި ގޮތެވެ. އަދި މިނޫނަސް، ސާހިބުންގެ އިޒްނައާއި ނުލައި އަޅުންނަށް ކައިވެންޏެއް ނުކުރެވެއެވެ. އަދި، އަޅުންނަށް ކައިވެނި ކުރެވެނީވެސް ހަމައެކަނި އަޅުންނާއެވެ. އަޅުންނަކީ އެއްވެސް މިނިވަންކަމެއް ލިބިފައިވާ ބައެއް ނޫނެވެ.
ތިންވަނައީ، ހަމަހަމަކަމުގެ ޙައްޤެވެ. ޖާހިލިއްޔަ ޒަމާނުގައި، ޢަރަބިންގެ ތެރޭގައި، މީސްތަކުންގެ މެދުގައި އެކިއެކި ގޮތްގޮތުން ތަފާތުކުރުންތައް ވަރަށް ބޮޑަށް އޮތެވެ. އެގޮތުން، އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ އެއް ކަމަކީ އަންހެނުންނާއި ފިރިހެނުންގެ މެދުގައި އޮތް ތަފާތުކުރުންތަކެވެ. މަތީ ޚާންދާންތަކުގެ އަންހެނުން ފިޔަވައި، ޢާއްމު ގޮތެއްގައި އަންހެނުންނާއި މެދު ކަންތައް ކުރެވެމުން ދިޔައީ ވަރަށް އިހާނެތި، އަދި އެހާމެ ދަށުދަރަޖައިގެ ގޮތަކަށެވެ. އަންހެނުންނަކީ އެބައިމީހުންގެ ބަލަދުވެރި ފިރިހެނުންގެ މުދާ ކަމުގައި ވިއެވެ. އަންހެނުންނަކަށް ވާރުތަމުދަލުން ޙައްޤެއް ނޯވެއެވެ. އަދި ކިއެއްތަ! އަންހެނުންނަކީ ވާރުތަމުދަލުގެ ގޮތުގައި ވާރުތަކުރެވެމުން ދިޔަ ބައެކެވެ. މީގެ އިތުރަށް، އަންހެން ދަރިންނަށް އޮންނަ ނަފުރަތެއްގެ ސަބަބުން އެބައިމީހުންގެ ބައެއް މީހުން ތުއްތު އަންހެން ދަރިން ދިރިތިއްބާ ވަޅުލައެވެ. ޢަރަބިންގެ މި ޢަމަލު މާތް ﷲ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. {وَإِذَا الْمَوْءُودَةُ سُئِلَتْ (التكوير: 8) މާނައީ: އަދި ދިރިއޮއްވައި ވަޅުލި އަންހެން ދަރިޔާއާ ސުވާލުކުރައްވާ ހިނދެވެ.} ކޮންމެއަކަސް، ހަމަހަމަކަމުގެ ޙައްޤަކީ އެ މުޖުތަމަޢުގައި މަދު އަންހެނަކަށް ނޫނީ އޮތް ޙައްޤެއް ނޫނެވެ.
މިހާ ހިސާބުން ދެން ބަލައިލާނީ އިސްލާމްދީނުގައި އިންސާނީ ޙައްޤުތައް އޮތްގޮތުގެ މައްޗަށެވެ. އިސްލާމްދީނަކީ މީސްތަކުންނަށް އިންސާނީ ޙައްޤުތައް ގެނެސްދިން ދީނެވެ. އެގޮތުން، އިންސާނީ ޙައްޤުތަކުގެ ހުރިހާ އަސާސްތަކެއް އިސްލާމްދީން ކަނޑައަޅައިދިނެވެ. އަދި، އިންސާނީ ފިޠުރަތާއި ޚިލާފުނުވާ ހަމަ ކޮންމެ ޙައްޤެއްވެސް އެދީނުގައި މީސްތަކުންނަށް ކަށަވަރުކޮށްދީފައިވެއެވެ. އަންނަނިވި ޙައްޤުތަކަކީ އިސްލާމްދީން ގެނެސްދީފައިވާ އިންސާނީ ޙައްޤުތަކުގެ ދިގު ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ، ޢާންމުކޮށް އެންމެހައި މީސްތަކުން ޝާމިލުވާ، އެންމެ އަސާސީ ޙައްޤުތަކުގެ ތެރެއިން ބައެއް ޙައްޤުތަކެވެ.
ފުރާނައިގެ ޙުރުމަތާއި ދިރިހުރުމުގެ ޙައްޤު: އިސްލާމްދީނުގައި އިންސާނާގެ ފުރާނައަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. އަދި، ކޮންމެ އިންސާނަކުވެސް ދުނިޔެއަށް އުފަންވަނީ ދިރިހުރުމުގެ ޙައްޤު ލިބިގެންވާ ޙާލުގައެވެ. މާތް ﷲ ކީރިތި ޤުރްއާނުގައި މިކަން ބަޔާންކުރައްވައި ވަޙީކުރައްވާފައިވެއެވެ. {…وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّـهُ إِلَّا بِالْحَقِّ… (الأنعام: 151) މާނައީ: އަދި ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް، ޙައްޤަކާ ނުލައި ނުމަރާށެވެ!} މީގެ އިތުރަށް، މި ޙައްޤު ރައްކާތެރިކޮށްދެއްވައި، މާތް ﷲ، ކީރިތި ޤުރްއާނުގައި މީހުން މަރާ މީހުންގެ ޢުޤޫބާތް ކަނޑައަޅުއްވައި ބާވައިލައްވާފައިވެއެވެ. އެއީ ޤިޞާޞްގެ ޢުޤޫބާތެވެ. އެބަހީ، މަރަށް މަރު ހިފުމެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. {يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى… (البقرة: 178) މާނައީ: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ޤަތުލުކުރެވޭ މީހުންނާމެދު ޤިޞާޞް ހިފުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރައްވައިފިއެވެ.} އިސްލާމްދީނުގައި ފުރާނައިގެ ޙުރުމަތާއި ދިރިހުރުމުގެ ޙައްޤު މީސްތަކުންނަށް ހޯދައިދީފައިވަނީ މިދަރަޖައަށެވެ.
މިނިވަންކަމުގެ ޙައްޤު: މިނިވަންކަމުގެ ޙައްޤަކީ އެންމެންނަށް އޮތް ޙައްޤެކެވެ. އެކަމުގައި މީހެއްގެ ޤައުމަށް، ކުލަޔަށް، ނަސްލަށް، ދީނަށް އަދި މިނޫންވެސް ކަމަކަށް ބެލުމެއް ނެތެވެ. ޤަދީމީ ޒަމާނުގައި އޮތް މިނިވަނުން އަޅުވެތިކުރުން ނުވަތަ އަޅުންގެ ގޮތުގައި ވިއްކާލުން އިސްލާމްދީން މަނާކުރެއެވެ. ޤުދުސީ ޙަދީޘެއްގައި ރިވާވެފައިވެއެވެ. ރަސޫލުﷲ (صلى الله عليه وسلم) ޙަދީޘްކުރެއްވިއެވެ. {قَالَ اللَّهُ ثَلَاثَةٌ أَنَا خَصْمُهُمْ يَوْمَ الْقِيَامَةِ رَجُلٌ بَاعَ حُرًّا فَأَكَلَ ثَمَنَهُ (البخاري) މާނައީ: މާތް ﷲ ވަޙީކުރެއްވިއެވެ. ޤިޔާމަތް ދުވަހު 3 މީހެއްގެ ޚަޞްމެއްގެ ގޮތުގައި ތިމަން ﷲ ވޮޑިގެންވާނަމެވެ. އެއިގެ ތެރެއިން އެކަކީ މިނިވަނަކު އަޅެއްގެ ގޮތުގައި ވިއްކައި އެ ވިއްކައިގެން ލިބުނު އެއްޗެއް ކެއި މީހާއެވެ.} އިސްލާމްދީން މިނިވަންކަމުގެ ޙައްޤު ހޯދައިދީ، އެޙައްޤު ރައްކާތެރިކޮށްދިނުމަށް ވަރަށް ބޮޑަށް ބާރުއަޅައެވެ. އެގޮތުން، ޒަކާތުން ބައެއް އަޅުން މިނިވަންކުރުމަށް ކަނޑައެޅިފައިވެއެވެ. ޒަކާތުގެ ބެހެނިވެރިން ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައިވެއެވެ. {إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّـهِ وَابْنِ السَّبِيلِ… (التوبة: 60) މާނައީ: ހަމަކަށަވަރުން، ޞަދަޤާތުގެ ތަކެތި ވަނީ ފަޤީރުންނަށާއި، މިސްކީނުންނަށާއި، އެކަމުގެ ޢާމިލުންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި (އެބަހީ: އަލަށް އިސްލާމްވީ މީހުންނަށާއި)، އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، ﷲ ގެ މަގުގައްޔާއި (ޙާލުގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ.} އަދި މިނޫނަސް، ބައެއް ބޮޑެތި ފާފަތަކުގެ (މިސާލަކަށް: ޡިހާރު) ކައްފާރާއެއް ކަމުގައި އަޅުން މިނިވަންކުރުން ކަނޑައަޅުއްވާފައިވެއެވެ. އިސްލާމްދީނުގައި މީސްތަކުންގެ މިނިވަންކަމުގެ ޙައްޤުގެ އަހަންމިއްޔަތުކަން އޮތީވެސް މިފަދައިންނެވެ.
ހަމަހަމަކަމުގެ ޙައްޤު: އިސްލާމްދީނުގައި ހުރިހާ އިންސާނުންނަކީ ހަމަހަމަ ބައެކެވެ. ހުރިހާ އިންސާނުންނަކީވެސް އާދަމުގެ ދަރިންނެވެ. މާތް ﷲ ގެ ޙަޟްރަތުގައި މީސްތަކުން ތަފާތުވަނީ އެންމެ ކަމަކުންނެވެ. އެއީ ތަޤުވާވެރިކަމެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. {يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا ۚ إِنَّ أَكْرَمَكُمْ عِندَ اللَّـهِ أَتْقَاكُمْ… (الحجرات: 13) މާނައީ: އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ ފިރިހެނަކާއި އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: އާދަމްގެފާނާއި ޙައްވާގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު ޤައުމުތަކަށާއި، ޤަބީލާތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފުވުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲ ގެ ޙަޟްރަތުގައި އެންމެ މާތްކަން ބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤުވާވެރި މީހާއެވެ.} ﷲ ތަޢާލާގެ މިބަސްފުޅުން އެކަނިވެސް އިސްލާމްދީން މީސްތަކުންނަށް ގެނެސްދީފައިވާ ހަމަހަމަކަމުގެ ޙައްޤު ވަރަށް ސާފުކޮށް ބަޔާންވެގެންދެއެވެ.
ޢަދުލު އިންޞާފުގެ ޙައްޤު: އިންސާނުންނަކީ ހަމަހަމަ ބަޔަކަށް ވީހިނދު، ހަމަހަމަ ގޮތުގައި ޢަދުލު އިންޞާފު ލިބިގަތުމުގެ ޙައްޤު ހުރިހާ އިންސާނުންނަށްވެސް ލިބެންޖެހެއެވެ. އެއްވެސް މީހަކަށް ތަފާތުކުރުމެއް ނެތި ޤާނޫނުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބަޔަކަށް ވާންޖެހެއެވެ. އިސްލާމްދީނުގައި، ވަރަށް ފުރިހަމަ ގޮތުގައި، ޢަދުލު އިންޞާފުގެ ޙައްޤު ހުރިހާ އިންސާނުންނަށްވެސް ހަމަހަމަ ގޮތުގައި ލިބިދީފައިވެއެވެ. ޞަޙީޙް ބުޚާރީގައި ރިވާވެފައިވެފައިވާ އަންނަނިވި ޙާދިޘާ މިކަމުގެ އަލިގަދަ ދަލީލަކަށް ފުދެއެވެ. ރިވާވެފައިވެއެވެ. ވައްކަމުގެ މައްސަލައެއްގައި މަތީ ޚާންދާނެއްގެ އަންހެނަކު ރަސޫލުﷲ (صلى الله عليه وسلم) ގެ އަރިހަށް ގެނެވުމުން އެ އަންހެނާއަށް ވައްކަމުގެ ޢުޤޫބާތް ނުދެއްވުމަށް ޞަޙާބީ ބޭކަލަކު އެދިވަޑައިގަތެވެ. އެހިނދު، ކޯފާވެވަޑައިގެން، ރަސޫލުﷲ (صلى الله عليه وسلم) ޙަދީޘްކުރެއްވިއެވެ. ”ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރީގެ މީސްތަކުން ހަލާކުވެދިޔައީ އެމީހުންގެ ބޮޑަކު ވައްކަން ކުރުމުން ޙައްދު ޤާއިމުނުކޮށް ދޫކޮށްލައި، އެމީހުންގެ ނިކަމެތި މީހަކު ވައްކަން ކޮށްފިނަމަ އެމީހެއްގެ އަތް ބުރިކުރުމުގެ ސަބަބުންނެވެ. ﷲ ގަންދެއްވާ ވިދާޅުވަމެވެ. މުޙައްމަދުގެފާނު (صلى الله عليه وسلم) ގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަންކުރެއްވި ނަމަވެސް ތިމަންކަލޭގެފާނު އެކަމަނާގެ އަތް ކަނޑުއްވާހުށީމެވެ.“ އިސްލާމްދީނުގައި ޢަދުލު އިންޞާފުގެ ހަމަހަމަކަން ގެނެސްދީފައިވަނީ މިފަދަ ފުރިހަމަ ގޮތުގައެވެ.
ބުއްދިއާއި އިޚްތިޔާރުގެ މިނިވަންކަމުގެ ޙައްޤު: މާތް ﷲ އިންސާނުންނަށް ބުއްދި ދެއްވައި ވިސްނުމުގެ ކުޅަދާނަކަން ދެއްވިއެވެ. އަދި ހެޔޮގޮތާއި ނުބައިގޮތް ބަޔާންކޮށްދެއްވިއެވެ. އަދި، އިޚްތިޔާރު ކުރުމުގެ ފުރިހަމަ މިނިވަންކަން އިންސާނުންނަށް ދެއްވިއެވެ. އިންސާނުންގެ ބުއްދީގެ މައްޗަށް ބާރު ފޯރުވުމާއި، އިންސާނުންނަށް ވަކި ގޮތެއް އިޚްތިޔާރުކުރުމަށް މަޖުބޫރުކުރުން އިސްލާމްދީނުގައި ނެތެވެ. މިކަމުގެ އެންމެ ފާޅުކަން ބޮޑު ދަލީލަކީ، އިސްލާމްދީނުގައި އިންސާނުންނަށް ލިބިދީފައިވާ ދީނީ މިނިވަންކަމެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. {لَا إِكْرَاهَ فِي الدِّينِ ۖ قَد تَّبَيَّنَ الرُّشْدُ مِنَ الْغَيِّ… (البقرة: 256) މާނައީ: ދީނަށް ވެއްދުމުގައި މަޖުބޫރުކުރުމެއް ނެތެވެ. ހަމަކަށަވަރުން، ޟަލާލަތުގެ އަނދިރިކަމުގެ ތެރެއިން، ހިދާޔަތުގެ ސާފު އަލިމަގު އެނގި ފާޅުވެއްޖެއެވެ.} އިސްލާމްދީނުގައި، މީސްތަކުންނަށް އެބައިމީހުންގެ ނިންމުންތައް އަމިއްލައަށް ނިންމުމުގައި ބުއްދިއާއި އިޚްތިޔާރުގެ މިނިވަންކަން ދީފައިވަނީ މިދަރަޖައަށެވެ.
މުދަލުގެ ޙައްޤު: މުދަލަކީ މާތް ﷲ އިންސާނާއާ ޙަވާލުކުރައްވާ އަމާނާތެކެވެ. ޙައްޤު ގޮތުގައި މުދާ ހޯދާ މިލްކުކުރުމަކީ ކޮންމެ އިންސާނަކަށްވެސް އިސްލާމްދީން ލިބިދޭ ޙައްޤެކެވެ. އެއްވެސް މީހެއްގެ މުދާ ހަލާކުކުރުން ނުވަތަ ގަދަކަމުން އަތުލުން އަނެކާއަށް ހުއްދަވެގެންނުވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. {يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ… (النساء: 29) މާނައީ: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ބާޠިލުގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިއަކަށްވުން މެނުވީއެވެ.} މުދާ ރައްކާތެރި ކޮށްދިނުމުގެ ގޮތުން އިސްލާމްދީނުގައި ވައްކަންކުރާ މީހާގެ ޢުޤޫބާތެއް ކަމުގައި އަތްކެނޑުން ޝަރުޢުކުރައްވާފައިވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. {وَالسَّارِقُ وَالسَّارِقَةُ فَاقْطَعُوا أَيْدِيَهُمَا… (المائدة: 38) މާނައީ: ވައްކަންކުރާ ފިރިހެނާއާއި، ވައްކަންކުރާ އަންހެނާ (ދަންނާށެވެ!) ފަހެ، ތިޔަބައިމީހުން އެ ދެމީހުންގެ އަތްތައް ބުރިކުރާށެވެ!} އެގޮތުން، އިސްލާމްދީން އިންސާނާއަށް މުދާ މިލްކުކުރުމުގެ ޙައްޤު ލިބިދިނުމާއިއެކު މުދަލުގެ ރައްކާތެރިކަންވެސް ކަށަވަރުކޮށްދެއެވެ.
ގެދޮރުގެ ޙުރުމަތާއި ޕްރައިވެސީގެ ޙައްޤު: ގެދޮރަކީ ޙުރުމަތްތެރިވެގެންވާ ތަންތަނެވެ. ކޮންމެ އިންސާނެއްގެ ޒާތީ ދިރިއުޅުމަށްވެސް އިޙްތިރާމް ކުރަންވާނެއެވެ. އަދި، ކޮންމެ އިންސާނަކަށްވެސް އޭނާގެ ގެދޮރުގައި އަމާންކަމާއި ޕްރައިވެސީގެ ޙައްޤު ލިބެންޖެހެއެވެ. އިސްލާމްދީނުގައި، ގެދޮރުގެ ޙުރުމަތާއި ޕްރައިވެސީގެ ޙައްޤު ނުހަނު ފުރިހަމަ ގޮތުގައި ކޮންމެ އިންސާނަކަށްވެސް ލިބިދީފައިވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. { يَا أَيُّهَا الَّذِينَ آمَنُوا لَا تَدْخُلُوا بُيُوتًا غَيْرَ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُوا وَتُسَلِّمُوا عَلَىٰ أَهْلِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ لَعَلَّكُمْ تَذَكَّرُونَ ﴿﴾ فَإِن لَّمْ تَجِدُوا فِيهَا أَحَدًا فَلَا تَدْخُلُوهَا حَتَّىٰ يُؤْذَنَ لَكُمْ ۖ وَإِن قِيلَ لَكُمُ ارْجِعُوا فَارْجِعُوا ۖ هُوَ أَزْكَىٰ لَكُمْ ۚ وَاللَّـهُ بِمَا تَعْمَلُونَ عَلِيمٌ (النور: 27-28) މާނައީ: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް އެ ގެތަކުގެ އަހުލުވެރިންނަށް ސަލާމްކޮށް އިޛްނަ ލިބިގެންފުމަށް ދާންދެން ނުވަންނާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ. ފަހެ، އެގެތަކުން ތިޔަބައިމީހުންނަށް އެކަކުވެސް ނުފެނުނުނަމަ، ތިޔަބައިމީހުންނަށް އިޛްނަ ދެވިއްޖައުމަށް ދާންދެން އެ ގެތަކަށް ތިޔަބައިމީހުން ނުވަންނާށެވެ! އަދި ތިޔަބައިމީހުން އެނބުރި ހިނގައިދާށޭ ތިޔަބައިމީހުންނަށް ބުނެވިއްޖެނަމަ، ފަހެ، ތިޔަބައިމީހުން އެނބުރި ހިނގައިދާށެވެ! އެގޮތް ތިޔަބައިމީހުންނަށް ސާފުކަންބޮޑެވެ. ﷲ އީ ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.} މީގެ އިތުރަށް، އެކަކު އަނެކަކަށް ޖާސޫސްކުރުން އިސްލާމްދީން މަނާކުރެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. {…وَلَا تَجَسَّسُوا… (الحجرات: 12) މާނައީ: އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ!} އެގޮތުން، އިސްލާމްދީން ކޮންމެ އިންސާނަކަށްވެސް އެމީހެއްގެ ޒާތީ ދިރިއުޅުމާއި އިޖްތިމާޢީ ދިރިއުޅުމުގެ ޕްރައިވެސީގެ ޙައްޤު ރައްކާތެރިކޮށްދެއެވެ.
އިންސާނީ ޙައްޤުތަކުގެ މައްސަލައިގައި އިސްލާމްދީނަށް އިނގިލިދިއްކުރަމުންދާ މިއަދުގެ ދުނިޔޭގައި އިންސާނީ ޙައްޤުތައް އޮތީ ކިހިނެއްތޯ ބަލައިލާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދަނީ ވަރަށްވެސް ހިތްދަތި މަންޒަރުތަކެވެ. އެފަދަ އެއް ކަމަކީ، އެއްވެސް ކުށެއްނެތި މިޔަންމާގައި ރޮހިންގާ މުސްލިމުން މަރަމުންދާ މައްސަލައެވެ. އެ ނިކަމެތި މުސްލިމުންގެ ފުރާނައިގެ އެއްވެސް ޙުރުމަތެއް ނެތެއެވެ. އަދި، އެމީހުންނަށް ދިރިހުރުމުގެ ޙައްޤެއްވެސް ނެތެވެ. މީގެ އިތުރުން، ސިރިޔާ އާއި ޔަމަނާއި އަދި މިނޫންވެސް މިފަދަ އެތައް މައްސަލައެކެވެ. މިއަދުގެ ދުނިޔޭގައި، މިނިވަންކަމުގެ ޙައްޤަކީވެސް ވަކި ބަޔަކަށް ނުވަތަ ވަކި ބަޔަކު ބޭނުންވާ ބަޔަކަށް ލިބެންޖެހޭ ޙައްޤެކޭ ބުނާކަހަލައެވެ. މިކަމުގެ އެންމެ ފާޅުކަން ބޮޑު ހެއްކަކީ ޔަހޫދީ އިސްރާއީލުން ފަލަސްޠީނުގެ ބިންތަކަށް ގަދަކަމުން ވެރިވަމުންދާދިއުމެވެ. ހަމަ މިފަދައިން، ހަމަހަމަކަމުގެ ޙައްޤަކީވެސް މިއަދުވެސް ދުނިޔޭގައި އެންމެންނަށް ލިބޭ ޙައްޤެއް ނޫނެވެ. ސައުތު އެފްރިކާގައި ކުރިން އޮތް އަދި މިހާރު އަނެއްކާ އާލާވަމުންދާ ނަސްލީ ތަފާތުކުރުންތައް މިކަމުގެ ކުޑަކުޑަ ހެއްކަކަށް ފުދެއެވެ. ތަފާތުކުރުމުގެ މައްސަލައަކީ ހަމައެކަނި ސައުތު އެފްރިކާގައި އޮތް މައްސަލައެއް ނޫނެވެ. އަދި، މީސްތަކުން ތަފާތުކުރެވެމުން ދަނީ ހަމައެކަނި ނަސްލީގޮތަކުންވެސް ނޫނެވެ. ދީނީ ގޮތުންނާއި، ޖިންސުގެ ގޮތުންނާއި، ޚާންދާނުގެ ގޮތުންނާއި، ނިސްބަތްވާ ޤައުމުގެ ގޮތުންނާއި އަދި މިނޫންވެސް އެތައް ގޮތަކުންނެވެ. ކޮންމެއަކަސް، އިންސާނީ ޙައްޤުތަކުގެ މައްސަލައިގައި މިއަދުގެ ދުނިޔެއިން ފެންނަމުންދާ ޙަޤީޤަތަކީ މިއީއެވެ.
ބަޔާންވެދިޔަ ކަންތައްތައް އިންޞާފުގެ ތިލަފަތަކުން ވަޒަންކޮށްލައިފި ކޮންމެ މީހަކަށްވެސް ފެންނާނީ އިސްލާމްދީނުގައި އިންސާނީ ޙައްޤުތައް ގެނެސްދީފައިވާ ފުރިހަމަކަމާއި، އެ ޙައްޤުތައް ކަށަވަރުކޮށްދީ ރައްކާތެރިކޮށްދީފައިވާ މިންވަރެވެ. އަދި، އިސްލާމްދީން ގެނެސްދީފައިވާ ފުރިހަމަ ގޮތުގައި އެއްވެސް ޒަމާނެއްގައި މީސްތަކުންނަށް އިންސާނީ ޙައްޤުތައް ލިބިދެވިފައިވެސް ނުވާކަމެވެ. ވީމާ، އިންސާނީ ޙައްޤުތަކުގެ މައްސަލައިގައި އިސްލާމްދީނަށް އަމާޒުކުރެވޭ ބަހުގެ ޙަމަލާތަކަކީ އޭގައި އެއްވެސް އަސާސެއް ނެތް، ޙައްޤުން އެއްކިބާވެފައިވާ ބަސްތަކެއް ފިޔަވައި އެހެން އެއްވެސް އެއްޗެއް ނޫނެވެ. އިސްލާމްދީން ގެނެސްދީފައިވާ ފުރިހަމަ ގޮތުގައި މީސްތަކުންނަށް އިންސާނީ ޙައްޤުތައް ލިބިދެވޭ ދުވަހަކުން މުޅި ދުނިޔެއިން އަނިޔާވެރިކަން ނެތިގޮސް މީސްތަކުންގެ މެދުގައި ހަމަޖެހުމާއި އަމާންކަން ފެތުރިގެން ދާނެކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.
ޔާﷲ މިފަދަ އިންސާނުން ގިނަކުރައްވާޝި އާމީން