އީސީގެ ސެކިއުރިޓީ ރޫމް ފަޅާލައިފި!

އިލެކްޝަން ކޮމިޝަން (އީސީ) ގެ ސެކިއުރިޓީ ރޫމް ފާއިތުވި މަސް ތެރޭގައި ފަޅާލާ ވައްކަންކޮށްފިއެވެ.
އިންތިހާބުތަކުގައި ބޭނުންކުރާ ވޯޓް ކަރުދާސްތައް ރައްކާކޮށްފައި ހުންނަ ކޮޓަރިކަމަށްވާ އިލެކްޝަންސްގެ ސެކިއުރިޓީ ރޫމް ނިމުނު މަހުގެ ފަހުކޮޅުގައި ވަނީ ފަޅާލާފައެވެ. އަދި މި ހާދިސާގައި ވަގަށް ނަގާފައިވަނީ އެތަނުގައި ހުރި ބައެއް އިލެކްޓްރޯނިކް ސާމާނެވެ. އޭގެ ތެރޭގައި ލެޕްޓޮޕް ފަދަ ތަކެތި ހިމެނެއެވެ.
މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލެއްވަނީ އެފަދަ މައްސަލައެއް ފުލުހުންގެ ހިދުމަތަށް ހުށަހެޅިފައިވާކަން ކަށަވަރުކޮށްދީފައެވެ. އޭނާ ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނުގެ ސެކިއުރިޓީ ރޫމު ފަޅައިލާ ވައްކަންކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ ފާއިތުވި ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގައި ކަމަށެވެ. އެހެންނަމަވެސް، މިކަމާއި ގުޅިގެން އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ދެއްވާފައެއް ނުވެއެވެ.
އިތުރަށް ވިދާޅުވެފައިވަނީ މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހެއް ހައްޔަރުކޮށްފައިނުވާކަމަށެވެ. އަދި މި މައްސަލައަކީ މިހާރުވެސް ފުލުހުންގެ އިދާރާއިން ތަހުޤީގުކުރަމުން އަންނަ މައްސަލައެއްކަމަށެވެ.