
އިދިކޮޅު ކޯލިޝަނުން ކ. އަތޮޅުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއަހަން އެ އަތޮޅުގެ ރަށްތަކަށް ދަތުރެއް ފަށައިފިއެވެ.
އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މި ދަތުރާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތްފަހުން ދިވެހި ރައްޔިތުން ތިބީ ވަރަށް އުނދަގޫ ހާލަތެއްގައި ކަމުގައެވެ. އަދި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެރފައިވާއިރު މި ސަރުކާރުން މުޅި ގައުމު ދަވާލައި ރައްޔިތުން ފެލާލާފައިވާކަމަށެވެ.
އިތުރަށް ޝިޔާމް ވިދާޅުވެފައިވަނީ މިހާރުގެ ރާއްޖޭގެ ހާލަތާއި މެދު ރައްޔިތުން ވރަށް ބޮޑަށް ކަންބޮޑުވެފައިވާކަމަށާއި، މި ދަތުރުގައި އެ ކޯލިޝަނުން ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އަހާނެކަމަށެވެ. އަދި ރައްޔިތުންގެ ހާލަތު ގާތުން ބަލާލުމަކީވެސް ދަތުރުގެ މަގްސަދެއްކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
މި ދަތުރުގައި އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީއިން ”ފެލާލައިފި“ ނަމުގައި ބާއްވާ ޖަލްސާގައި ބައިވެރިވުމަށް ކ. އަތޮޅުގެ ރައްޔިތުންނަށް ދައުވަތު އަރުވާނެކަމަށްވެސް ޝިޔާމްވަނީ ވިދާޅުވެފައެވެ.
އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމިން މިވަގުތު ހުންނެވީ އެއްވެސް ދިމާލަކަށް ވަޑައިނުގެންނެވޭ ހާލަތުގައިކަމަށާއި މި ސަރުކާރުން ދެއިރު ދެދަޅައަށް ކަހަލަގޮތަކަށް ދައުލަތުގެ ކޮންމެވެސް މުއައްސަސާއަކުން އެމަނިކުފާނު ހާޒިރު ކުރަމުން ގެންދާކަމަށްވެސް ޝިޔާމް ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވީއްސުރެ ރައީސް ސާލިހްގެ އެންމެ ބޮޑު މަގުސަދަކީ އެމަނިކުފާނުގެ ވައުދުތައް ފުއްދުން ނޫންކަމަށާއި އެ މަނިކުފާނުގެ އެންމެ ބޮޑު މަގްސަދަކީ ރައީސް ޔާމީން ސިޔާސީ މައިދާނުން ގެއްލުވާލުން ކަމަށެވެ.
ޝިޔާމްވަނީ ކ. އަތޮޅުގެ ހުރިހާ ރައްޔިތުންނަށް އިދިކޮޅުން ބާއްވާ ”ފެލާލައިފި“ ޖަލްސާއަށް 23 ޑިސެމްބަރުވާ ހުކުރު ދުވަހުގެ ރޭ 8:30 އަށް ކާނިވާ ސަރަހައްދަށް ދައުވަތު އަރުވާފައެވެ.