ޚަބަރުސިޔާސީ

އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަން ރައީސް ނަޝީދު ނިންމަވައިފި

އެމްޑީޕީގެ ރައީސްކަން ކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ އެމްޑިޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް އިއުލާނުކުރައްވައިފިއެވެ.

ރައީސް ނަޝީދު މިގޮތަށް އިއުލާނުކޮށްފައިވަނީ އިއްޔެ އެމަނިކުފާނު ކުރެއްވި ޓްވީޓަކުންނެވެ.

އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް ކުރެއްވި އިއުލާނުގައި އެމަނިކުފާނަށް ވޯޓުދެއްވުމަށްއެދި އެޕާޓީގެ މެންބަރުންގެ ކިބައިން އެދިފައިވެއެވެ. މިހާރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސާލިހްވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކޮށްފައެވެ. މިދެބޭފުޅުން ޕްރައިމަރީގައި ވާދަކުރަން ނުކުންނަވާއިރު، އެމްޑީޕީގެ އެތެރޭގެ އިންތިހާބުތައްވެސް ވަރަށް ފޯރިގަދަވެފައިވެއެވެ.

އެމްޑިޕީއިން މިހާރު ވަނީ އެޕާޓޯގެ ޕްރައިމަރީ އިންތިހާބު އަންނަ ޖަނަވަރީ 28 ގައި އޮންނާނެކަމަށް އިއުލާނުކޮށްފައެވެ. އަދި އެކަމަށް އެދޭ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާ 500 މެންބަރުންގެ ސޮއި ހިމެނޭހެން ޕްރައިމަރީއަށް ކުރިމަތިލުމަށް ފޯމު ހުށަހަޅުއްވަން އެދިފައިވާއިރު، ސުންގަޑިއަކަށް ކަނޑައަޅާފައިވަނީ 24 ޑިސެންބަރުވާ އާދީއްތަ ދުވަހުގެ 4:00 އެވެ.

އެމްޑީޕީއިން ކުރި އިއުލާނުގައިވާގޮތުން 24 ޑިސެންބަރުގައި ޕްރައިމަރީއަށް ކުރިމަތިލުމުގެ ވަގުތު ހަމަވުމުން، އޭގެ ދެދުވަސް ފަހުން ކެނޑިޑޭޓުންގެ ލިސްޓު އާންމުކޮށް 28 ޑިސެންބަރުގައި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި ވޯޓުލާ މީހުންގެ ލިސްޓުވެސް އާންމުކުރާނެއެވެ. ޝަކުވާ ހުށަހަޅާ މީހުންނަސް 31 ޑިސެންބަރާ ހަމައަށް މުހުލަތު ދޭއިރު 3 ޖަނަވަރީގައި ފައިނަލް ލިސްޓު އާންމުކުރާނެކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އިންތިހާބަށް ކުރިމަތިލާ ކެނޑިޑޭޓުންގެ މަންދޫބުންނަށް އެކަމަށް އެދި ހުށަހެޅޭނީ 10 ޖަނަވަރީން 15 ޖަނަވަރީއަށެވެ. އަދި ވޯޓުލުން 28 ޖަނަވަރީގައި ކުރިއަށް ގެންދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button