5 ފުލުހަކު އިންޑިއާއަށް 10 މަހުގެ ކޯހެއް ފުރިހަމަކުރުމަށް ފުރައިފި

އައިޕީއެސް ޕްރޮބޭޝަނާސް ނަމުގައި ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ފީލްޑް ޓްރެއިނިންގ އަށް ބިނާވެގެންވާ ކޯހުގައި ބައިވެރިވުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތުން 5 ފުލުހަކު އިންޑިއާއަށް ފުރައިފިއެވެ.
އިންޑިއާގެ ހައިދަރުއާބާދުގައި ބާއްވާ މި ކޯހުގެ މުއްދަތަކީ 10 މަސްދުވަހެވެ.
ފުލުހުން ބުނާގޮތުންނަމަ، މި ކޯހުން ފިޒިކަލް އަދި ވެޕަން ޓްރެއިނިންގް ތަކެއް ފުލުހުންނަށް ދެވޭނެއެވެ. އަދި މޮޑެލް ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރެވޭނެކަމަށާއި މަސައްކަތުގެ ތަޖުރިބާ އެކަމުން ލިބިގެންދާނެކަމަށްވެސް މައުލޫމާތު ލިބެއެވެ. ހަމައެއާއެކު މޫޓް ކޯޓު ފަދަ މޮޑިއުލްތަކުން ތަޖުރިބާ ލިބިގެންދާނެކަމަށާއި ތަހުގީގުކުރުމުގެ އެކި އުކުޅުތަކާއި ހުނަރުތައްވެސް މިކޯހުގެ ޒަރީއާއިން ފުލުހުންނަށް ލިބިގެންދާނެއެވެ.
މީގެ އިތުރުން، ފޮރެންސިކް މެޑިސިންގ އާއި ސައިންސް އަދި ލީޑަރޝިޕް އާއި ކްރިމިނޮލޮޖީފަދަ ފުލުހުންނަށް ބޭނުންތެރި ބައިތައް އެ ކޯހުގައި ކިޔަވައިދޭނެކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.