ޚަބަރުސިޔާސީ

ލޭންޑް ޔޫސް ޕްލޭން ފާސްކޮށްނުދީ އެއް އަހަރު ވެއްޖެ: މޭޔަރު މުއިއްޒު

މާލޭގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން ނުވަތަ މާލޭގެ ލޭންޑް ޔޫސް ޕްލޭން ކައުންސިލުން ސަރުކާރަށް ހުށަހަޅާފައި އޮންނަތާ އެއް އަހަރު ފާއިތުވެގެން ދިޔައިރުވެސް އެ ޕްލޭން ފާސްކޮށްދީފައި ނުވާތީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ކައުންސިލްގެ 80 ވަނަ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު ވަނީ މި ޕްލޭން ފާސްކޮށްދެއްވުމަށް އެދި ކައުންސިލުން ކުރެވުނު މަސައްކަތްތަކުގެ ތަފްޞީލް ހާމަކުރައްވާފައެވެ.

ލޭންޑް ޔޫސް ޕްލޭން ފާސްކޮށްނުދީ އެއްއަހަރު ވީ. ލޭންޑް ޔޫސް ޕްލޭން ފޮނުވީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ މެދު ތެރޭގައި، މިހާރު އެއް އަހަރުވީ.

މާލޭގެ ލޭންޑް ޔޫސް ޕްލޭންއަކީ މާލެ ސިޓީގެ ރައްޔިތުންނާއި،ކަމުގެ މާހިރުންނާއި އަދި ސްޓޭކް ހޯލްޑަރުންގެ ޚިޔާލާއި އެކު ތައްޔާރު ކުރެވުނު ލޭންޑް ޔޫސް ޕްލޭނެއް ކަމަށާއި، ފާއިތުވި އެއް އަހަރު ތެރޭގައި ހަތަރު ފަހަރު އިސްލާހު ގެނެސް ފޮނުވުމުންވެސް އަދިވެސް ޕްލޭނިންގް މިނިސްޓްރީއިން މި ޕްލޭން ފާސްކޮށްދީފައި ނުވާކަން މޭޔަރ ފާހަގަކުރެއްވިއެވެ.

މިއާއިއެކު މޭޔަރު ވިދާޅުވީ ޕްލޭނިންގް މިނިސްޓްރީން އެދިލައްވާ ގޮތަށް ގިނަ ބަދަލުތަކެއް ގެނައުމުގެ ސަބަބުން ކައުންސިލުން ރައްޔިތުންގެ ޚިޔާލާއިއެކު އެކުލަވާލި ލޭންޑް ޔޫސް ޕްލޭންގެ އަސްލު ގެއްލޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އަދި ކައުންސިލުން ކުރިއަށް ގެންދަން ބޭނުންވާ ބޮޑެތި މަޝްރޫޢުތައް މަޑުޖެހިފައިވަނީ މި ޕްލޭން ފާސްނުވެ އޮތުމުގެ ސަބަބުން ކަމުގައި މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރު ވަނީ ލާމަރުކަޒީ ޤާނޫނުގައިވާ ކުންފުނި އުފެއްދުމުގެ ހުއްދަވެސް މާލެ ސިޓީ ކައުންސިލަށް ދީފައި ނުވުމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިކްސްޑް ޔޫސް ޕާކިންގ ބިލްޑިންގް ތައް އެޅޭނެ ގޮތެއް ނެތް. ހައުސިން މަޝްރޫޢުތައް ލަސްވެގެން މިދާ މައިގަނޑު ސަބަބަކީވެސް އެއީ. ކުންފުނި ހެދުމުގެ ހުއްދަ ދިންނަމަވެސް އެކަން ކުރެވޭނެ. މައިގަނޑު ބޮޑެތި ކަންކަން ކައުންސިލަށް ކުރިއަށް ނުގެންދެވިފައި މިވަނީ ސަރުކާރުން ލޭންޑްޔޫސް ޕްލޭން ހިފެހެއްޓުމަށް ކުރި ކަންކަމުގެ ސަބަބުން، ކޮބާ ލާމަރުކަޒީ ނިޒާމުގެ ބޭނުމެއް.

މޭޔަރު އިތުރަށް ވިދާޅުވީ އަދިވެސް އުންމީދަކީވީ އެންމެ އަވަހަށް ސަރުކާރުން ކައުންސިލުން ހުށަހެޅި ލޭންޑް ޔޫސް ޕްލޭން ފާސްކޮށްދެއްވުން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button