ޚަބަރު

ކ. އަތޮޅުގެ 3 ކައުންސިލަރަކަށް އިންޑިއާއިން ވިސާ ދޭން ދެކޮޅުހަދައިފި

އިންޑިއާގައި ބާއްވާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށްޓަކައި، މާލެ ސަރަހައްދުގެ 3 ކައުންސިލަރަކު ވިސާއަށް އެދި ހުށަހެޅުމުން، އެ މީހުންނަށް ވިސާ ދޭން، ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ދެކޮޅުހަދައިފިއެވެ.

މި ތަމްރީނުތަކަކީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި އިންޑިއާއާ ގުޅިގެން، އަތޮޅު ކައުންސިލްގެ ރައީސުންނާއި، ނައިބު ރައީސުން އަދި މޭޔަރުންނާއި ޑެޕިއުޓީ މޭޔަރުންނަށް އަމާޒުކޮށްގެން، މި މަހު 19 އިން 31 އަށް ހިންގުމަށް ރާވާފައިވާ ޕްރޮގްރާމެކެވެ. ކ. އަތޮޅު ކައުންސިލްގެ ރައީސް އަދި ޕީއެންސީގެ ނައިބު ރައީސް ނިމާލްއަކީ އިދިކޮޅު ކޯލިޝަނުން ”އިންޑިއާ އައުޓް“ ގެ ނަމުގައި ކުރިއަށްގެންދާ ކެމްޕެއިންގެ ހަރަކާތްތަކުގައި ބައިވެރިވާ ބޭފުޅެއްކަމުން، އެ ދަތުރު ކުރެއްވުމަށް ހުރަސްތަކެއް މެދުވެރިވެދާނެތީ، އެ ޕްރޮގްރާމްގައި ނައިބު ރައީސްއާއެކު އެހެން މެންބަރަކު ފޮނުވޭނެތޯ، ނިމާލްވަނީ އެލްޖީއޭގައި އެދިފައެވެ. ނަމަވެސް އެލްޖީއޭއިން ވިދާޅުވީ އެފުރުސަތު އެބޭފުޅުންނަށް ލިބޭނެކަމަށެވެ.

އެލްޖީއޭއިން އެގޮތަށް މައުލޫމާތު ދެއްވުމުން، ނައިބް ރައީސްއާއި ދެ ކައުންސިލަރުން އިންޑިއާގެ ހައިކޮމިޝަނަށް ވިސާއަށްއެދި ހުށަހެޅިކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އިންޑިއާ ހައިކޮމިޝަނުންވަނީ އެ 3 ބޭފުޅުންނަށްވެސް ވިސާ ދިނުމަށް ދެކޮޅުހަދައި، އެ 3 ނަންވެސް ގަބޫލުކުރެވެން ނެތްކަމަށް އެލްޖީއޭއަށް އަންގާފައިވެއެވެ.

މިގޮތަށް އިންޑިއާ ސަރުކާރުން އަމަލުކުރުމުން، ކ. އަތޮޅު ކައުންސިލްގެ ރައީސް ވަނީ އިންޑިއާއަށް ފާޑުވިދާޅުވެ ޓްވީޓެއް ކޮށްފައެވެ. އަދި އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބޭތީ އެކަމާ ދެކޮޅުހަދާ ފަރާތްތަކަށް އިންޑިއާއިން ވިސާނުދިނުމަކީ އާންމުކަމެއްކަމަށް ވިދާޅުވެފައިވެއެވެ. އަދި އެ ޓްވީޓުގައިވެސް ވަނީ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމަށް ދެކޮޅުކަމަށްވެސް ހާމަކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button