ޚަބަރު

ނޫސްވެރިޔާ ރިޟްވާނުގެ ފޯނު އަޑުއެހީ އޭނާ ހިމާޔަތްކުރުމުގެ ގޮތުންކަމަށް ބުނެ މަރުކޮމިޝަނުން ދޮގު ހަދައިފި

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހްގީގުކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަނުން، ނޫސްވެރިޔާ އަހުމަދު ރިޟްވާނުގެ މައްސަލައާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރިޝްވާނުގެ ފޯނު އަޑުއެހި ސަބަބު ބަޔާންކޮށް ދޮގު ހަދައިފިއެވެ.

އެކޮމިޝަނުގެ ރައީސް ފަރީޝާ އަބްދުﷲ ވިދާޅުވީ 2014 ވަނަ އަހަރު ރިޟްވާން ގެއްލުމުގެ ކުރިން ފުލުހުންވަނީ އޭނާގެ ފޯނު 3 މަސްދުވަހުގެ މުއްދަތަކަށް އަޑުއަހާފައި ކަމުގައެވެ. އެއީ އޭނާއަށް ނުރައްކަލެއް އޮތުމުންކަމަށް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

”ރިޟްވާން ގެއްލުމުގެ 4 މަހެއްހައި ދުވަސް ކުރިން، އަޅުގަނޑު ތަންކޮޅެއް ކުރިއަށް މިޖެހިލީ އިނގޭތޯ. މިހާރު މިދައްކަނީ ޖޫން މަހުގެ ވާހަކައެއް ނޫން. މިހާރު މިދައްކަނީ އޭޕްރީލް މަހުގެ ވާހަކަ. އޭޕްރީލް މަހުގެ 20، 21 ހިސާބުގެ ވާހަކަ މިދައްކަނީ 2014 ވަނަ އަހަރުގެ. އެ ދުވަސް ކުރިން، ފުލުހުންގެ އިންޓެލިޖެންސްގެ ޕޮލިޓިކަލް ވައެލެންސް ޔުނިޓުން އަހްމަދު ރިޟްވާނުގެ ފޯން އިންޓަސެޕްޓް ހަދާފައިވޭ. އެއީ ކޯޓު އަމުރެއްގެ ދަށުން“ ފަރީޝާ ވިދާޅުވިއެވެ.

ފޯނު އިންޓަސެޕްޓުކޮށްފައިވަނީ ސޯޝަލް މީޑިއާއާއި މިނިވަން ނޫހުގައި ރިޟްވާން ލިޔަމުންދިޔަ ބައެއް ލިޔުންތަކުގެ ސަބަބުން ހަރުކަށި ފިކުރުގެ ފަރާތްތަކުން ކޮށްފާނެކަމަށް ބަލައިގެން އެ ސަބަބަށްޓަކައި ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ކޯޓުން ނެރުނު އަމުރަކާ ހަވާލާދީ، މަރު ކޮމިޝަނުން، ރިޟްވާނުގެ ސަލާމަތަށްޓަކައި އޭނާގެ ފޯނު އެޕްރީލް 22، 2014 އިން ފެށިގެން ތިން މަސްދުވަހުގެ މުއްދަތަކަށް އަޑުއަހާފައިވީނަމަވެސް، އެ ކޯޓު އަމުރުން ފެންނަން އޮތީ ތަފާތު ވާހަކައެއްކަމަށް ”ދިޔަރެސް“ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި ކްރިމިނަލް ކޯޓުން އެ އަމުރު ނެރެދެއްވީ ރިޟްވާނަށް ހަރުކަށި ފިކުރުގެ ބައެއްގެ ފަރާތުން ލިބިދާނެ ނުރައްކަލެއްގެ ސަބަބުން އޭނާއަށް ރައްކާތެރިކަން ދިނުމަށް ނޫންކަމަށާއި، އެ އަމުރަކީ އަޑާއި މަންޒަރު ރެކޯޑުކުރުމުގެ އަމުރެއް ކަމަށާއި، އޭރު ފުލުހުން އެ އަމުރު ހޯދަން އެދިފައިވަނީ، ރިޟްވާނާއި އިތުރު ބަޔަކު ބައިވެރިވެގެން ރާއްޖޭގެ ސަލާމަތަށް ނުރައްކާވާވަރުގެ އަމަލެއް ހިންގަން އުޅޭކަމުގެ މައުލޫމާތެއް ފުލުސް އިންޓަލިޖެންސްއަށް ލިބިފައިވާތީކަމަށް ބުނެފައިވެއެވެ. އަދި ކްރިމިނަލް ކޯޓާއި ހަވާލާދީ ”ދިޔަރެސް“ އިން ބުނެފައިވަނީ އެއީ ސައްހަ އަމުރެއް ކަމަށާއި، އެފަހުން ރިޟްވާނާ ގުޅިގެން އިތުރު އަމުރެއް ނެރެފައިނުވާކަމަށެވެ. އަދި ފުލުހުންގެ ފަރާތުންވެސް އެނޫން އަމުރެއް ހޯދަން ކޯޓުގައި އެދިފައިނުވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިފަދަ ބޮޑެތި ހައްސާސް މައްސަލަތަކުގައި ދައުލަތުން ނުވަތަ ކަމާބެހޭ އިދާރާތަކުން އެންމެ ދޮގެއް ހެދިޔަސް މުޅި ތަހްގީގާމެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދި، އެ އިދާރާތަކަށް އޮންނަ އިތުބާރު ގެއްލިގެންދާނެކަމަށް، ކުރިން ޖިނާއީ ބޮޑެތި މައްސަލަތަކުގައި އިސްކޮށް މަސައްކަތްކުރި އޮފިސަރެއް ވިދާޅުވެފައިވާކަން އެ ނޫހުން ވަނީ ރިޕޯޓު ކޮށްފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button