ޚަބަރު

ހިލޭ އެހީގެ ގޮތުގައި މިއަހަރު ނިމުމުގެ ކުރިން ލިބޭނެ ކަމަށް ސަރުކާރުން ބުނި އެހީ އަންދާޒާކުރި ވަރަށްވެސް ނުލިބޭ

މިއަހަރު ހިލޭއެހީގެ ގޮތުގައި ލިބޭނެކަމަށް ސަރުކާރުންބުނި އަދަދާ ގާތްކުރާވަރަށްވެސް ހިލޭ އެހީ ނުލިބޭކަން ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ ހިސާބުތަކުން ހާމަވެއްޖެއެވެ.

އެ މިނިސްޓްރީއިން ހިއްސާކުރި ތާފާސްހިސާބުތަކަށް ބަލާއިރު 1 ޖަނަވަރީ 2022 އިން 8 ޑިސެންބަރު 2022 ގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 326 މިލިއަން ރުފިޔާއެވެ. އެއީ ހިލޭ އެހީ ލިބޭނެކަމަށް އަންދާޒާކުރި 2.9 ބިލިއަން ރުފިޔާގެ އެންމެ 11 އިންސައްތައެވެ.

މިއަހަރު ދެން 2.9 ބިލިއަން ރުފިޔާ ނުލިބޭނެކަމަށް މިއަހަރު އޮކްޓޫބަރުގައި ސަރުކާރުން އާންމުކުރި ފިސްކަލް ސްޓްރެޖީ އަންގައިދޭ ބަޔާނުގައި ބުނެފައިވީނަމަވެސް، އަހަރު ނިމުމުގެ ކުރިން ހިލޭ އެހީގެ ގޮތުގައި 1 ބިލިއަން ރުފިޔާ ލިބޭނެކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި އޭގެ ތެރެއއިން 578 މިލިއަން ރުފިޔާ، އަބޫދާބީ ފަންޑުން ލިބޭނެކަމަށް ފާހަގަކޮށްފައިވެއެވެ. ނަމަވެސް އަހަރު ނިމެން 2 ހަފްތާއެއްހައި ދުވަސް އޮތްއިރު އަދުވެސް އެ ފައިސާ ލިބިފައިނުވެއެވެ.

އެހެންކަމުން މި ދެހަފްތާ ތެރޭގައި 1 ބިލިއަން ރުފިޔާ، ހިލޭ އެހީގެ ގޮތުގައި ލިބުމަކީ ނާދިރުކަމެކެވެ. ހިލޭ އެހީ ހޯދަންކަމަށް ބުނެ ސަރުކާރުގެ ވެރިން އެކި ފަހަރުމަތިން އެކި އެކި ގައުމުތަކަށް ބޮޑެތި ދަތުރުތަކު ވަޑައިގެން އުޅުއްވާތަން ފެނެއެވެ. އަދި ކޮންމެ އަހަރަކުވެސް ހިލޭ އެހީގެ ގޮތުގައި ފައިސާ ލިބޭނެކަމަށްބުނެ ބޮޑެތި އަދަދުތަކުން ބަޖެޓުގައިވެސް ހިމަނައެވެ. ނަމަވެސް އެ ހިމަނާ އަދަދާ ކައިރިކުރާވަރަށްވެސް އެހީ ލިބިފައިނުވެއެވެ.

ކުރިއަށް އޮތް އަހަރުގައި ހިލޭ އެހީގެ ގޮތުގައި 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބޭނެކަމަށް ބަޖެޓުގައި ބުނެފައިވެއެވެ. މިދިޔަ އަހަރުވެސް 2.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް ބުނެފައިވީނަމަވެސް، އެ އަހަރު ނިމުމުގެ ކުރިން ލިބިފައިވަނީ 1 ބިލިއަން ރުފިޔާއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button