މާލެ ސިޓީ ކައުންސިލްގެ ހާއްސަ ކޮމެޓީތަކުގެ ހިންގާ އުސޫލު އާންމު ކޮށްފި
މާލެ ސިޓީ ކައުންސިލްގެ ހިންގާ އުސޫލު އާންމުކޮށްފިއެވެ.
މި އުސޫލަކީ ގާނޫނު ނަންބަރު 7/2010 (ދިވެހިރައްޖޭގެ ދާއިރާތައް ލާމަރުކަޒީ އިސޫލުން ހިނަގުމުގެ ޤާނޫނު)ގެ ދަށުން މާލެ ސިޓީއަށް ދޭންޖެހޭ އެންމެހާ މުނިސިޕަލް ހިދުމަތްތަކާއި، އެ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލާއި މަތިކޮށްފައިވާ އެންމެހައި ކަންކަން ކުރުމަށްޓަކައި ހަދާފައިވާ އުސޫލެކެވެ. މިއ އުސޫލުގެ މަގްސަދަކީ ކަމާބެހޭ ފަންނީ މީހުންގެ ލަފައާއި އިރުޝާދު ހޯދުމާއި އެކިއެކި ކަންކަމުގައި ކައުންސިލަށް ބޭނުންވާ ފަންނީ ލަފާ ދިނުމާއި، އެ ލަފައާއި ގުޅިގެން ހިންގާހަރަކާތްތަކުގައި މުޖުތަމައުގެ ފަންނު ވެރިންނާއި، ފާޑުވެރިން ބައިވެރިކުރުމެވެ.
ހާއްސަ ކޮމެޓީއަކީ މާލެ ސިޓީގެ ހިންގުމުގައި ކަމާބެހޭ ފަންނީ މީހުންގެ ލަފައާއި އިރުޝާދު ހޯދާ، އެލަފައާއި ގުޅިގެން ހިންގާ ހަރަކާތްތަކުގައި މުޖުތަމައުގެ ފަންނުވެރިންނާއި ފާޑިވެރިންގެ ބައިވެރިވުމާއި ދައުރު އިތުރުކުރުމަށްޓަކައި މާލެ ސިޓި ކައުންސިލުން އުފައްދަފައިވާ ކޮމެޓީއެކެވެ. އެގޮތުން 23 ދާއިރާއަކުން ހާއްސަ ކޮމެޓީތަށް އުފެއްދުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި ދީނީ އިލްމާއި ހަޟާރަތުގެ ދާއިރާ، ތައިލީމީ ދާއިރާ، ސިއްހީ ދާއިރާ، އަންހެނުންނާ ބެހޭ ދާއިރާ، އިގްތިސާދީ ދާއިރާ، ތިމާވެށީގެ ދާއިރާ، ކުޅިވަރާ ބެހޭ ދާއިރާގެ އިތުރުންވެސް ގިނަ ދާއިރާތަކުން ހާއްސަ ކޮމެޓީތައް ހެދުމަށް ވަނީ ނިންމާފައެވެ. މި ކޮމެޓީތަގުގައި މަސައްކަތް ކުރާނީ ދަރުމައަށް މަސައްކަތްކޮށްދޭ ބައެކެވެ.
މި ކޮމެޓީއަކީ މަދުވެގެން 3 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީތަކެކެވެ. މީގެއިތުރުން ހާއްސަ ކޮމެޓީއަށް މެންބަރުން ހަމަޖައްސަނީ ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އާންމުކޮށް އިއުލާނު ކޮށްގެން ހުށަހެޅޭ ފަރާތްތަކުގެ ތެރެއިން އެންމެ ގާބިލް ފަރާތްތަކެވެ. ކޮމެޓީއަށް މެންބަރުން އައްޔަންކުރުމުގައި ބަލާނީ އެފަންނަކުން ތަޖުރިބާ ނުވަތަ އިލްމު ހުރި ފަރާތްތަކަށެވެ.
މި އުސޫލުގައި ވާގޮތުން ކޮންމެ މީލާދީ މަހެއްގައި ފަންނީ ކޮމެޓީގެ މަދުވެގެން އެއް ބައްދަލުވުން ބާއްވަން ޖެހޭނެއެވެ. ކޮމެޓީތަކުގެ ބައްދަލުވުމުގައި އެޖެންޑާކުރެވިފައިވާ މައްސަލަތަކާ ބެހެގޮތުންނާއި، އެ ކޮމެޓީއެއްގެ ދާއިރާގެ ކަންކަން ތަރައްގީ ކުުރުމަށް މަޝްވަރާ ކުރެވިގެންދާނެއެވެ. މި ބައްދަލުވުންތަކުގައި ނިންމާ ކައްތައްތައް ހުށަހަޅައި ތަންފީޒު ކުރާނީ މާލެ ސިޓީ ކައުންސިލުގެ އިދާރާއިންނެވެ.
މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ސިޓީ ކައުންސިލާ ހަވާލުވެވަޑައިގަތުމަށްފަހު މާލޭ ރައްޔިތުންގެ ހިޔާލާ އެއްގޮތަށް ރަށް ތަރައްގީ ކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.