
ފުލުހުންގެ ގާނޫނީ ޒިންމާ އަދާ ކުރާނީ ކިތައް ހާދިސާ ހިނގީމަތޯ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ސުވާލު ކުރައްވައިފިއެވެ.
ޑރ.ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު އަބަދުވެސް އިވެނީ ފުލުހުންގެ އިހްމާލުގެ ވާހަކަ ކަމުގައެވެ. މީހުން ބަންދުގައި މަރުވުމާއި ދަންޖެހުން ފަދަ ކަންކަން ހިނގަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”މިއީ ކުޑަކަމެއް ނޫން. މައްސަލައަކީ ފުލުހުންގެ ފޯކަސް ބަދަލުވެ، ސިޔާސީ ތަނަކަށްވުން. އެމްޑީޕީގެ ސިޔާސީ ޖަގަހައަކަށްވުން.“ ޖަމީލު ވިދާޅުވިއެވެ.
ޑރ.ޖަމީލުގެ ޓުވީޓު އަމާޒު ކުރައްވާފައިވަނީ އަނބިމީހާ އަދި އަމިއްލަ ތިން ކުދިންގެ މަންމަ، ނިޝާމާ މުހައްމަދު، މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި، އަބޫބަކުރު ފައިސަލް ފުލުހުންގެ ގޮޅީގައި ދަން ޖެހުނު މައްސަލައަށެވެ.
މިހާރު އަބަދުވެސް އިވެނީ ފުލުހުންގެ އިހްމާލްގެ ވާހަކަ. ބަންދުގައި މަރުވުމާއި ދަންޖެހުން. މިއީ ކުޑަކަމެއް ނޫން. މައްސަލައަކީ ފުލުހުންގެ ފޯކަސް ބަދަލުވެ، ސިޔާސީ ތަނަކަށްވުން. އެމްޑީޕީގެ ސިޔާސީ ޖަގަހައަކަށްވުން. ކިތައް ހާދިސާ ހިނގީމާތޯ ހޭލައި ޤާނޫނީ ޒިންމާ އަދާކުރަން ތެދުވާނީ؟ https://t.co/mLgMlyrXGR
— Mohamed Jameel Ahmed (@MJameelAhmed) December 14, 2022
ފުލުހުންގެ އިހުމާލެއް ވޭތޯ ބެލުމަށް އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް އިދިކޮޅު ޕީއެންސީގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވަނީ ހުށަހަޅުއްވާފައެވެ.
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ގޮޅިއެއްގައި 15 ދުވަހަށް ބަންދު ކޮށްފައި ހުރި ފައިސަލް މިމަހުގެ 12 ވަނަ ދުވަހުގެ ރޭ 11:15 ހާއިރު ދަންޖެހިފައި ހުއްޓައި ފެނިފައިވާއިރު، މި ހާދިސާ އާ ގުޅިގެން ފުލުހުން ފެއިލްވެފައިވާ ކަމަށް ބުނެ އާންމުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.