ޚަބަރު

މާޓީގެ ހަށިގަނޑު އާއިލާއަށް ހަވާލު ކުރަން ކޯޓުން އަމުރެއް ނުދިން، މައްސަލަ އިސްތިއުނާފް ކުރަނީ

ފުލުހުންގެ އިހުމާލުން މިމަހުގެ 25 ވަނަ ދުވަހު މަރުވި ގދ.ހޯނޑެއްދޫ އަބްދުﷲ ރަޝީދު (މާޓީ)، 43 ގެ ހަށިގަނޑު އާއިލާއަށް ދިނުމަށް އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މާޓީގެ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުންގެ އިތުރުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ނިންމުމާ ގުޅިގެން އޭނާގެ އާއިލާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމުގައިވާގޮތުން ތުހުމަތު ކުރެވޭ މައްސަލަތަކުގައި މަރުވެފައިވާ މީހާ މަރުވި ސަބަބު ދެނެގަތުމަށްޓަކައި ޕޯސްޓްމޯޓަމް ހެދުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިފައިވާކަމަށް ޝަރީއަތަށް ގަބޫލު ކުރެވެއެވެ. އަދި މާޓީގެ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ނިންމި ނިންމުން ބާތިލްކުރާނެ ތަނެއް ނެތް ކަމުގައެވެ. މައްޔިތާގެ ހަށިގަނޑު ވީހާވެސް އަވަހަކަށް ވަޅުލުމަކީ ސުންނަތުން ސާބިތުވާ ކަމެއް ކަމަށް ވިޔަސް އިސްލާމީ އިލްމުވެރިންގެ އަރިހުގައި ޕޯސްޓްމޯޓަމް އަކީ ޒަރޫރަތަށްޓަކައި މުހިންމު ކަމެއް ކަމުގައި ކަނޑައަޅައި، ހުއްދަކޮށް، ބަހުސްވެސް ކުރެވިފައިވާކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

ކޯޓުން މިގޮތަށް ނިންމިޔަސް މާޓީގެ އާއިލާ މެންބަރުން ދެކޭގޮތުގައި، މާޓީ ނޭވާ ހާސްވެ މެޔަށް ތަދެއް އަރައިގެން ފަރުވާއަށް އާދޭސް ކުރަމުން ދިޔައިރު އެއީ ޑްރާމާއެއް ކަމަށް ފުލުހުން ސިފަކޮށް އޭނާ މަރުވާން ދޫކޮށްލުމުން ދެން އިތުރަށް މަރުގެ ސަބަބު ހޯދަން ބޭނުމެއް ނުވެއެވެ. އަދި އެކަން ތަކުރާރުކޮށް ފުލުހުންނާއި ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމުގައި މާޓީގެ އާއިލާއިން މީގެ ކުރިން ވަނީ ބުނެފައެވެ.

ސިވިލް ކޯޓުގެ މި ހުކުމާ ގުޅިގެން އެ މައްސަލަ އިސްތިއުނާފް ކުރުމަށްޓަކައި ތައްޔާރުވަމުން އަންނަ ކަމަށް މާޓީގެ އާއިލާއިން ”ބޮންތި“ އަށް ވަނީ މައުލޫމާތު ދީފައެވެ.

މާޓީގެ އޮޓޮޕްސީ ހެދުމުގެ ގާނޫނީ ބާރު ފުލުހުންނަށް އޮންނައިރު، އެންއައިސީއިން ނިންމި ނިންމުމަކީ ގާނޫނާ ހިލާފް ނިންމުމެއް ކަމުގައި ކުރީގެ އޭސީޕީ އަބްދުﷲ ފައިރޫޝް ވެސް ވަނީ ވިދާޅުވެފައެވެ.

މާޓީގެ މަރުގެ މައްސަލައިގެ ތަހުގީގު އިންސާފުވެރިކަމާއެކު ގެންދަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އަންގަވާފައެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button