ޚަބަރުސިޔާސީ

4 އަހަރު ވެގެން ދިޔައިރު ކޮރަޕްޝަން ހުއްޓުވަން އަމަލީ މަސައްކަތެއް ނުކުރެވޭ: އެމްއާރުއެމް

 

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރަށް 4 އަހަރު ފާއިތުވެގެން ދިޔައިރުވެސް ފެންނަނީ، އެ އަމާޒަށް ވާސިލުވުމަށްޓަކައި މަސައްކަތް ކުރަން ފެއްޓުނު ތަން އެކަނި ކަމުގައި އެ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމް އިން ބުނެފިއެވެ.

ބައިނަލްއަޤްވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އިއްޔެ އެމްއާރުއެމް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ
މިހިނގާ ރިޔާސީ ދައުރާ އެޕާޓީ ހިމެނޭ ކޯލިޝަނުން ކުރިމަތިލީ ދައުލަތުގެ ހުރިހާ ވަޞީލަތްތަކާއި ބާރުތައް ވަކި މީހެއްގެ މުށުތެރޭގައި ގެންގުޅެމުން ދަނިކޮށް، އެކަން ބަދަލުކޮށް، ދެފުށްފެންނަ ސަރުކާރެއް ޤާއިމްކޮށްދިނުމަށް ވަޢުދުވެގެން ކަމުގައެވެ. ޚާއްސަކޮށް ކޮރަޕްޝަން ހުއްޓުވައި، ކުރިން ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތައް ތަޙުޤީޤުކޮށް، ޒިންމާވަންޖެހޭ ފަރާތްތައް ޒިންމާ ކުރުވުމަށް ކަމުގައެވެ.

މިހާރު މި އޮތް ކޯލިޝަން ސަރުކާރަށް ރައްޔިތުން ކުރި އިތުބާރަކީ ކޮރަޕްޝަންގެ އެ ޢަމަލުތައް ބަލައި، އެކަމުގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންދާނެކަމަށް ޔަޤީން ކުރެވިގެން ކުރި އިތުބާރު ކަމަށާއި، އެހެން ނަމަވެސް، ދެފުށްފެންނަ، ކޮރަޕްޝަނާއި ދެކޮޅު ނިޒާމުތަކެއް ޤާއިމްކުރުމަށް އަދިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަން އެމްއާރުއެމްގެ ނޫސްބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
”މިއަދު ދައުލަތުގެ މުއައްސަސާ ތަކުން ޤަބޫލުކުރަންޖެހޭ ކަމަކީ ކޮރަޕްޝަނަކީ ހަމައެކަނި ފައިސާގެ މުޢާމަލާތްތަކެއް ނޫންކަމެވެ. މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ހިންގާ ކޮރަޕްޝަންގެ އަމަލުތައް ނިހާޔަތަށް ގިނަކަމެވެ. އެގޮތުން، ސަރުކާރުގެ އިސް ފަރާތެއް، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނުވަތަ ނުފޫޒުގަދަ އެހެން ފަރާތެއްގެ ’އެހީ‘ އާއި ނުލައި މިއަދުވެސް އާސަންދަ އާއި އެންސްޕާގެ ޚިދުމަތްފަދަ ޚިދުމަތްތައް ކަށަވަރުކުރަން ދަތިކަން ރައްޔިތުން ޤަބޫލުކުރެއެވެ. ބޯހިޔާވަހިކަމާއި، ވަޒީފާއާއި އަސާސީ ޚިދުމަތްތަކަކީ ވަކި މީހަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ބާރު ލިބިގެން ނޫނީ ނުކުރެވޭނެ ކަމެއް ކަމަށް ރައްޔިތުންނަށް ވިސްނައިދޭ ބަޔަކު އަދިވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަ ތިއްބެވެ.“ އެމްއާރުއެމް އިން ބުންޏެވެ.

ތިން ބާރު ވަކިވެ، މިނިވަން މުއައްސަސާތަކަކާއި ޒިންމާތަކެއް ހަވާލުކުރެވިފައިވާއިރު، އެއިން ކޮންމެ ބާރަކަށްވެސް އަދި ކޮންމެ މުއައްސަސާއަކަށްވެސް އެކި ފަރާތްތަކުން އެކި މިންވަރަށް ނުފޫޒު ފޯރުވަމުންދާކަމީ ސިއްރެއް ނޫން ކަމާއި، ސަރުކާރު ހިންގުމާއި، ރައްޔިތުންގެ މަޖިލީހާއި، ޝަރުޢީ ނިޒާމާއި، މިނިވަން މުއައްސަސާތަކުގައި ތިބި އެކި ފަރާތްތަކުން ފާޅުގައި އެކި ފަހަރުމަތިން އެ ތުޙުމަތުތައް ކޮށްފައިވާކަަމަށް އެމްއާރުއެމް އިން ބުންޏެވެ.

ބާރާއި ނުފޫޒުން ހިންގާ، ނުވަތަ ހިންގުމަށް މުޖުތަމަޢު އާދަވެފައިވާ މިފަދަ ކޮންމެ ޢަމަލަކީ ކޮރަޕްޝަންގެ ޢަމަލެއްކަން ރައްޔިތުންނަށް ވިސްނައިދީ އެފަދަ މައްސަލަތައް ތަޙުޤީޤުކޮށް، ކޮރަޕްޝަންގެ އެކި ޢަމަލުތައް ހިންގުމުގައި ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންދިއުމަކީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ހަވާލުވެފައިވާ ޒިންމާއަށްވާއިރު، އެކަމުގައި ފަހަތުފަޔަށް ބަރުނުވެ މަސައްކަތް ކުރުމަށްވެސް އެޕާޓީން ވަނީ ގޮވާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button