ފޭކް އެވޯޑުގެ މައްސަލާގައި ސުނީތާ ”ބޮންތި“ ނޫސް ގޮވައިން ކޯޓަށް!
ރާއްޖެއިން ބޭރުން އެވޯޑެއް ގަތްކަމަށް ރާއްޖޭގެ މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ ”ބޮންތި“ ނޫހުން ރިޕޯޓް ކުރުމާއި ގުޅިގެން އެ މައްސަލަ އޭނާ ކޯޓަށް ހުށަހަޅައިފިއެވެ.
މިކަމާއި ގުޅިގެން ސުނީތާ ބުނެފައިވަނީ އެ މައްސަލަ ކޯޓަށް ހުށަހެޅީ އޭނާގެ ބަހެއް ވެސް ނުހޯދައި އޭނާގެ އަގު ވައްޓާލާ ފަދަ ވާހަކަތަކެއް ބޮންތި ނޫހުން ރިޕޯޓް ކުރުމާއި ގުޅިގެން ކަމަށެވެ.
ސުނީތާއަށް ފުލުފުލުގައި އެވޯޑްތައް ލިބެމުންދާއިރު، ލަންކާގެ ކުންފުންޏަކުން ދިން ”ބިޒްނަސް އެކްސަލަންސް އެވޯޑް“ އަކީ ސުނީތާ ގަތް އެވޯޑެއް ކަމަށް ”ބޮންތި“ ނޫހުގައި ވެއެވެ. މީގެ އިތުރުން, ސުނީތާ އެވޯޑްއެއް ގަތްކަމަށް ބުނެ ”ސުކުން“ ކިޔާ ނޫހަކުން ރިޕޯޓް ކުރި މައްސަލަވެސް ސުނީތާ ވަނީ މީޑިއާ ކައުންސިލަށް ހުށަހަޅާފައެވެ.
މި މައްސަލާގައި މީޑިއާ ކައުންސިލުންވަނީ ޖަލްސާއެއްވެސް ބާއްވާފައެވެ. އެގޮތުން, ވަކީލުންނާ މިހާރު އެ މައްސަލަ އިތުރަށް ކުރިއަށް ދެވޭނެ ގޮތަކާއި މެދުގައި ވާހަކަ ދެކެވެމުންދާކަމަށް ސުނީތާ ބުނެފައިވެއެވެ.
”އެވޯޑްތަކަކީ ޖޯކެއް ނޫން. މީގެ ކުރިން ވެސް އެފަދަ އެވޯޑްތައް ލިބިފައި ހުރީ ގާބިލު ބޭފުޅުންނަށް“ ސުނީތާ ބުންޏެވެ.
ބައިނަލްއަގްވާމީ ދެ އެވޯޑެއް މިދިޔަ އަހަރުގެ ކުރީކޮޅުގައިވެސް ސުނީއަށް ލިބިފައިވެއެވެ. އެއީ, ”އޭޝިއާސް އައުޓްސްޓޭންޑިން ވުމަން އެޗީވަރ“ އެވޯޑާއި, ”އޭޝިއާސް އައުޓްސްޓޭންޑިންގ ބްރޭންޑް“ އެވޯޑެވެ. އޭޝިއާ އެވޯޑަކީ ވިޔަފާރިއާއި އިގްތިސާދީ ދާއިރާއިން އޭޝިއާ ބައްރުން ފާހަގަކޮށްލެވޭ ތަފާތު އެކި ޝަޚްސިއްޔަތުތަކާއި ވިޔަފާރިތައް ފާހަގަކޮށް، ދެމުން އަންނަ އެވޯޑެކެވެ.
މިއީ އޭޝިއާ ސަހަރައްދުގައި ދެވޭ މިފަދަ އެންމެ ޝަރަފުވެރި އެއް އެވޯޑެކަން ފާހަގަކުރެވެއެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރު ނިމެން އުޅެނިކޮށް ސުނީއަށް ވަނީ ”ވިމަން އައިކަން އެވޯޑް“ ގެ ނަމުގައި ދެމުން އަންނަ އެވޯޑުން ”އައުޓް ސްޓޭންޑިންގ ވިމަން އެވޯޑް“ ވެސް ލިބިފައެވެ.
ސުނީތާ އެވޯޑްތައް ގަންނަކަމަށް ކުރެވޭ ތުހުމަތުތައް ސުނިތާ ދޮގުކުރިނަމަވެސް އެ އެވޯޑް ދީފައިވާ އިންޑިއާގެ ވެބްސައިޓްގައި އެވޯޑްތަކަށް ދޭން ޖެހޭ ފައިސާގެ އަދަދު ބަޔާންކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.