ރިޕޯޓް

ފޭރުމެއްގެ ތެރެއިން ހާސްވެ ކަންބޮޑުވުމާއެކު ”ހިތްދަތިވެގެން“ މީހަކު ނިޔާވި ހާދިސާ

 

ތ. އޮމަދޫ އަދުނާނު ހުސައިންއަކީ ދަތުރުވަރެއްގައި މާލެ އައިސް އުޅުނު މީހެކެވެ. މާލޭގައި އުޅޭ އިރު އާންމުކޮށްވެސް ބާޒާރު ބަލައިލާން އަދުނާނު ދާކަމަށް މަޢުލޫމާތު ލިބެއެވެ. އިއްޔެގެ ހެނދުނު ގަޑިއެއްގައި، ބާޒާރުމަތި ބަލާލަން އަދުނާނު މަގުމަތީގައި ހިނގާފައި ދަނިކޮށް އައި ނައި ދިމާލެއް ނޭނގި، ބަޔަކު އޭނާއާ ދިމާކޮށް އޭނާގެ ވޮލެޓް ފޭރިގެން ދިޔައެވެ. އެމީހުން ދިޔައިރު ދިޔައީ އަދުނާނަށް ތޫނު އެއްޗަކުން ހަމަލާދީފައިކަމަށް ”މިނޫސް އެމްވީ“ އާ ހަވާލާދީ އެނގެން އެބައޮތެވެ. ވޮލެޓު ފޭރިގެން އެމީހުން ދިއުމުން، އެމީހުންނާ އަރާ ހަމަކުރެވޭތޯ އަދުނާނު ދުވީ އެ ޒަހަމްތަކާއެކު، އޭނާއަށް ދުވެވޭނެ އެންމެ ބާރު މިނުގައި ކަމަށްވެއެވެ. ނަމަވެސް ދުވެ ދުވެ ވަރުބަލިވީއިރުވެސް އެމީހުންނާ ހަމައަށް ނުދެވުނެވެ. އެ ހާދިސާއާ ގުޅިގެން، އަދުނާނުގެ ”ހިތްފަޅައިގެން“ ގޮސް ނިޔާވީކަމަށް މައުލޫމާތު ލިބެއެވެ.

އަދުނާނުގެ ވޮލެޓު ފޭރުނު މީހުން އޭގައިހުރި ފައިސާތައް ނެގުމަށްފަހު އެ ވޮލެޓު ހޫރަލުމުން، ވަރުބަލިވެފައި ހުރި އަދުނާނު ހުސް ވޮލެޓު ނަގައި މަގުމަތީގައި، ހާސްކަމާއި، ކަންބޮޑުވުމާއެކު ހުއްޓައި އެވަގުތު މަގުމަތު ޕެޓްރޯލް ކުރަމުންދިޔަ ފުލުހަކު ފެނިގެން، އެ ފުލުސް މީހާއަށް އެވާހަކަތައް ކިޔައިދިން ކަމަށް ވެއެވެ. އަދުނާނުގެ އާއިލާއިން ބުނާގޮތުންނަމަ، އެވާހަކަތައް އަޑުއެހުމަށްފަހު ފުލުސް މީހުން އޭނާ ގޮވައިގެން، ފުލުސް ވެހިކަލްގައި، ފުލުސް ސްޓޭޝަނަށް ގެންގޮސްފައިވެއެވެ.  ނަމަވެސް ފުލުހުން މިވާހަކަ ދޮގުކުރެއެވެ. ފުލުހުން ބުނަނީ އަދުނާނު އެ މައްސަލަ ހުށަހަޅަން ފުލުސް ސްޓޭޝަނަށް ދިޔައީ އަމިއްލައަށް ކަމަށާއި އޭގެ ހެކި ފެންނާނެ ވީޑިއޯވެސް އެބަހުރިކަމަށެވެ.

އަދުނާނުގެ ދަރިފުޅާ ހަވާލާދީ ”މިނޫސް އެމްވީ“ އިން ބުނާގޮތުގައި އަދުނާނު ފުލުސް ސްޓޭޝަނަށް ދިޔައިރު ނުވަތަ ގެނދިޔައިރު ހުރީ ކަންބޮޑުވެ ހާސްވެފައެވެ. އަދުނާނުގެ ދަރިފުޅު ފިރާގު ބުނާގޮތުންނަމަ އަދުނާނުގެ ހިތުގެ ބަލި ހުރެއެވެ. އަދި އެކަމާ ގުޅިގެން އަދުނާނުގެ ހިތުގައި ހޮޅިކޮޅެއް ލައްވާފައިހުރެއެވެ. ނަމަވެސް ހިތުގެ ބައްޔާއި ގުޅިގެން އަދުނާނަށް މިހާތަނަށް އެއްވެސް އުދަނގުލެއްވެފައިނުވާ ކަމަށް ފިރާގު ބުނެފައިވެއެވެ. އަދި އަދުނާނުގެ އުމުރުން ދުވަސްވެފައިވީނަމަވެސް އޭނާގެ ސިއްހަތު ހުރީ އިއްޔެއާ ޖެހެންދެންވެސް ރަނގަޅަށްކަމަށާއި ދިރިއުޅެމުންދިޔައީވެސް އާދައިގެ މަސައްކަތްކުރަމުންނެވެ.

ފިރާގާ ހަވާލާދީ ”މިނޫސް އެމްވީ“ އިން ބުނާ ގޮތުގައި އަދުނާނަށް ބަދަލުތަކެއް އަންނަން ފެށީ ފޭރުމުގެ ހާދިސާއަށްފަހު ޕޮލިސް ސްޓޭޝަނުގައި އިންދައެވެ. އޭރު އޭނާ ވަނީ ފުލުހުންނަށް އޭނާގެ ހުރިހާ މައުލޫމާތެއްވެސް ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި އައިޑީކާޑުގެ މައުލޫމާތުވެސް ފުލުހުންނާ ހިއްސާކޮށްފައިވެއެވެ. އަދުނާނަށް ބަދަލުތަކެއް އަންނަން ފެށުމާއެކު ފުލުހުން އަދުނާނު ގޮވައިގެން ވަގުތުން އައިޖީއެމްއެޗަށް ދިޔަކަމަށާއި ވަގުތުން ފަރުވާ ފެށި ކަމަށްވެސް މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް ހޮސްޕިޓަލުގެ މީހަކާ ހަވާލާދީ ފިރާގް ބުނިގޮތުގައި އޭރުވެސް އޭނާގެ ބައްޕަ އޮތީ މަރުވެފައެވެ. ހޮސްޕިޓަލުން އެކަމުގެ މައުލޫމާތު ފިރާގާ ހިއްސާކުރި މީހެއްގެ މައުލޫމާތު ފިރާގް ހާމަނުކުރާކަމަށް ވެއެވެ.

ފިރާގާއި އޭނާގެ އާއިލާއަށް، އަދުނާނުގެ ކުއްލި ވަކިވެދިޔުމުން ފުން ހިތާމައެއް ލިބިފައިވީނަމަވެސް އެކަމުގައި ޝަކުވާއެއް ކުރާނެތަނެއް ނެތްކަމަށް ފިރާގު ދެކެއެވެ. ނަމަވެސް އޭނާގެ ކަންބޮޑުވަންތަކެއް ހިއްސާކޮށްފައިވެއެވެ. އޭގެ ތެރޭގައި އަދުނާނަށް ފަރުވާ ހޯދައިދިންލެއް ލަސްކަމަށް ފިރާގު ބުނެއެވެ. އަދި އަދުނާނުގެ އަތުގައި ދެ އިންޗިއެއްހާ ފުން ޒަހަމެއް ފެންނަން ހުރި އިރުވެސް، އެއީ މީހެއްގެ ނިޔަފަތި އެޅިގެން ވި އަނިޔާއެއްކަމަށް ފުލުހުން ބުނާކަމަށް ފިރާގް ބުނެއެވެ. ތޫނު އެއްޗަކުން ހަމަލާ ދިނުމަށްފަހު އަދުނާނު އަތުން އޭނާގެ ވޮލެޓު ފޭރިގަނެފައިވާއިރު، ފުރަތަމަވެސް ފުލުހުން އަދުނާނު ގެންދަންޖެހޭނީ ހޮސްޕިޓަލަށް ކަމަށާއި، ފުލުސް ސްޓޭޝަނަށް ނޫންކަމަށް ފިރާގު ބުނެފައިވެއެވެ.

ފުލުހުންގެ ފަރާތުން މި މައްސަލައާ ގުޅިގެން ބުނެފައިވަނީ، އިއްޔެގެ ވަގުތެއްގައި އުމުރުން ދުވަސްވީ މީހަކު މާފަންނު ފުލުސް ސްޓޭޝަނަށް މައްސަލައެއް ހުށަހަޅަން ގޮސް ހުއްޓައި އެމީހާގެ ހާލު ދެރަވެގެން ފުލުހުންގެ އެހީތެރިކަމާއެކު އައިޖީއެމްއެޗަށް ގެންގޮސް، އެކަން އާއިލާއާ ހިއްސާކޮށް، އެ ދުވަސްވީމީހާ އާއިލާއާ ހަވާލުކުރި ކަމަށާއި ފަރުވާ ދެމުން ދަނިކޮށް އެމީހާ މަރުވެފައިވާކަމަށެވެ.

މިއީ ސިއްހަތު ރަނގަޅަށް ހުރި، މިނިވަންކަމާއެކު މަގުމަތީގައި ހިނގަމުންދިޔަ އުމުރުން ދުވަސްވީ މީހެއްގެ ވޮލެޓް ބަޔަކު ފޭރިގަތުމާ ގުޅިގެން، އެވަގުތު އެ ލިބުނު ހާސްކަމާއި ކަންބޮޑުވުމާއެކު ”ހިތްދަތިވެގެން“ ނިޔާވި މީހެއްގެ ވާހަކައެކެވެ. އަދުނާނުގެ ވަކިވެދިޔުމާއެކު އޭނާގެ 7 ދަރިންނާއި އާއިލާއަށް ވަނީ ފުން ހިތާމައެއް ކުރިމަތިވެފައެވެ.

މާތްﷲ އަދުނާނުގެ ފުރާނައަށް ހެޔޮ ގޮތް މިންވަރުކުރައްވައި ކަށްވަޅުގެ އަޒާބުން އޭނާ ސަލާމަތްކުރައްވާށި! އާމީން

Leave a Reply

Your email address will not be published. Required fields are marked *

Back to top button