ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފީފާ ވާލްޑްކަޕްގެ މްޗް ބައްލައްވަން ރައްޔިތުންގެ ފާޑުކިޔުންތައް އަމާޒުވުމުން އަމިއްލަފުޅަށް ޓިކެޓް ނަންގަވާ ގޮތަށް ނިންމާ ގަތަރަށް ވަޑައިގަންނަވަނީ ނިންމަވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވެފައިވާ ގޮތުގައި ގަތަރުގައި ރައީސް ސޯލިހު ހުންނެވުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި އެމަނިކުފާނުގެ ހުންނެވުމާއި ފަރިއްކޮޅުގެ ކަންކަން ހަމަޖައްސަވާނީ އެ ގައުމުގެ ސަރުކާރުންނެވެ. ނަމަވެސް, މި ދަތުރުގައި ބައިވެރިވަޑައިގަންނަވާ އިތުރު ބޭފުޅުން, ރައީސް ސޯލިހުގެ ސެކިއުރިޓީ ޓީމާއި އަދި އެހެނިހެން ބޭފުޅުންގެ ހުރިހާ ހަރަދެއް ހަމަޖައްސަނީ ދައުލަތުން ކަމުގައި މައުލޫމާތު ލިބިފައިވެއެވެ.
ގަތަރުގައި މިހާރު ކުރިއަށް ގެންދާ ވޯލްޑް ކަޕްގެ މެޗު ބައްލަވާލައްވަން ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލް ތާނީ, ރައީސް ސޯލިހަށް ދައުވަތު އަރުވައިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވާއިރު، ރައީސް ވަޑައިގަންނަވާނީ ކޮން އިރަކު ކަމެއް އަދި ކޮން މެޗަކަށް ކަމެއް ރައީސް އޮފީހުން ހާމަކޮށްފައި ނުވެއެވެ.
މި މުބާރާތުގައި މިހާރު ކުރިއަށް ދަނީ ގްރޫޕް ސްޓޭޖުން އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ދެވަނަ ބުރަށް ދަތުރު ކުރި 16 ޓީމުގެ ދެމެދުގައި ކުޅޭ ރައުންޑެއެވެ.