ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިމީހަކަށް 7 އަހަރުގެ ޖަލު ހުކުމެއް

ކްރިމިނަލް ކޯޓުން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ކުށް ސާބިތުވި މީހަކަށް 7 އަހަރާއި 4 މަހުގެ ޖަލު ހުކުމެއް އިއްވާފިއެވެ.

2020 ވަނަ އަހަރުގެ 4 ވަނަ ދުވަހު, މުހައްމަދު ޝައިބާން ނަމަކަށް ކިޔާމީހެއްގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ, ކުޑަކުއްޖާ ދިރިއުޅޭ ގޯތި ތެރޭގައި ވަކިން ހަދާފައި ހުންނަ 3 ކޮޓަރީގެ ތެރެއިން ކޮޓަރިއަކަށް ގެންދިއުމަށްފަހު, ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައެވެ.

ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނުނުގެ 3 ވަނަ މާއްދާގެ (ހ) އާއި އެ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ކުށުގެ ދައުވާ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

މި މައްސަލާގައި ދައުވާ ލިބޭ ފަރާތުންވަނީ ދަޢުވާއަށް އިންކާރުކޮށްފައެވެ. އެހެންނަމަވެސް, ދައުލަތުން ފާހަގަ ކުރި ހެކިބަހުގެ އިތުރުން, ކުއްޖާގެ ހެކިބަހަކީ އާދަޔާ ހިލާފަށް ތެދު ހެކިބަހެއްގެ ގޮތުގައި ޝަރީޢަތަށް ޤަބޫލުކުރެވުމުގެ ސަބަބުން މައްސަލަ ބެއްލެވި ޤާޒީ ހުސައިން ފާއިޒު ރަޝާދު ވަނީ ދައުވާ ލިބޭ ފަރާތުގެ މައްޗަށް މި ކުށް ސާބިތުވާ ކަމަށް ނިންމާފައެވެ. އަދި އަދަބެއްގެ ގޮތުގައި އޭނާގެ މައްޗަށް 7 އަހަރާއި 4 މަހުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.

އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ވެސް މީނާގެ މައްޗަށް ދައުލަތުން ވަނީ އުފުލާފައެވެ. އެއީ, ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު ފުލުހުން ބެލުމުގެ ދަށަށް ގެނެސް ބެލިއިރު އެ ފޯނުން އޮރިޔާން މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ ފައިލުތަކެއް ފެނުމާ ގުޅިގެނެވެ.

މި ދައުވާވެސް އޭނާގެ މައްޗަށް އެކަށީގެންވާ މިންވަރުގެ ޝައްކެއް ނެތް މިންވަރަށް އެ ދައުވާ ސާބިތުވާ މިންވަރުގެ ހެއްކާއި ޤަރީނާ ލިބުމާ ގުޅިގެން އޭނާގެ މައްޗަށް އެ ކުށްވެސް ސާބިތުވާކަމަށް ކަނޑައަޅާފައިވެއެވެ. އަދި 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button