ޚަބަރުދުނިޔެ

ދެކުނު އެފްރިކާގެ ކުރީގެ ރައީސްގެ މައްޗަށް ޖަލު ހުކުމެއް

ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖޭކޮބް ޒޫމާ ޖަލަށްލުމަށް އެގައުމުގެ އެންމެ މަތީ ކޯޓުން ހުކުމް ކޮށްފިއެވެ.

ޒޫމާ ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ ހިޔާނާތުގެ މައްސަލައެއްގެ ތަހުގީގަށް އޭނާ އެއްބާރުލުން ނުދެއްވުމުންނެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ހިޔާނާތުގެ މައްސަލައާއި ގުޅިގެން ކުރިޔަށް ގެންދިޔަ ތަހުގީގަށް މައުލޫމާތު ދެއްވަން ވަޑައިގަތުމަށް ޒޫމާ ވަނީ އިންކާރު ކުރައްވާފައެވެ. ޒޫމާ ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ 15 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ދެކުނު އެފްރިކާގެ އެންމެ މަތީ ކޯޓުން ހުކުމް މިގޮތަށް ކޮށްފައި މިވަނީ، ތަހުގީގަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން ޒޫމާ ޖަލުގައި ބަންދުކުރުމަށް ދެކުނު އެފްރިކާގެ އުއްތަމަ ފަނޑިޔާރުގެ ނައިބު ރޭމަންޑު ޒޮންޑޯ އެދިވަޑައިގެންފައިވަނިކޮށެވެ. ޒޫމާގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ތުހުމަތުގެ ތެރޭގައި ވެރިކަމުގައި ހުންނެވި ދުވަސްވަރާއި، ވެރިކަމާއި ހަވާލުވެ ވަޑައިގަތުމުގެ ކުރިން ކޮށްފައިވާ ހިޔާނާތުގެ އަމަލުތަކުގެ މައްސަލަ ތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި 1999 ވަނަ އަހަރުގެ ތެރޭގައި އެ ގައުމުން ކޮށްފައިވާ ދެ ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ހަތިޔާރު ގަތުމުގެ މުއާމާލަތެއްގެ ތަހުގީގު ވެސް އަންނަނީ ކުރަމުންނެވެ. އެ ދުވަސްވަރު ޒޫމާ ހުންނެވީ ނައިބު ރައީސްގެ މަގާމުގައެވެ.

އޭގެ އިތުރުން 2009-2018 ވަނަ އަހަރުތެރޭގައި ޒޫމާ ވެރިކަމުގައި ހުންނެވި އިރު އިންޑިޔާގެ ގުޕުތާގެ އާއިލާއަކާއި ގުޅިގެން ހިންގެވި ހިޔާނާތުގެ އަމަލުތަކެއްގެ މައްޗަށް ތުހުމަތުކޮށް، އެ މައްސަލައިގެ ތަހުގީގުވެސް ކުރިޔަށް ދެއެވެ.

އެ ހުރިހާ ތުހުމަތުތަކަކަށް ޒޫމާ ވަނީ އިންކާރު ކުރައްވާފައެވެ. އަދި ތަހުގީގަށް އެއްބާރުލުން ދިނުމަށް އޭނާ އަންނަނީ އިންކާރު ކުރަމުންކަން ވެސް ފާހަގަކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button