
ދައުލަތް ހިންގާނެ ފައިސާ ނެތުމުން ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ ސިޓީފުޅު އުފުލުން އިތުރުވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއް މަހުގެ ތެލާއި ކާޑު ގަންނާނެ ފައިސާ ނެތުމުން ދެން އޮތީ ސިޓީފުޅު އުފުލުން ކަމުގައެވެ.
”ސަރުކާރު މުވައްޒިފުންނަށް މުސާރަ ނުދެވޭ ހިސާބަށް ދިޔައިމަ ފޮރިން މިނިސްޓަރުގެ ސިޓީފުޅު އުފުލުން އިތުރުވާނެ.“ ސައީދު ވިދާޅުވިއެވެ.
މިނިސްޓަރ ޝާހިދު ބަޖެޓު ފޮތް ބެއްލެވިނަމަ ރަނގަޅުވާނެކަން ފާހަގަކުރައްވައި ސައީދު ވަނީ ޝާހިދުއަށް މަލާމާތުގެ ބަސްތައް ރައްދު ކުރައްވާފައެވެ.
ދެންއޮތީ ސިޓީފުޅު އުފުލުން. 1މަހުގެ ތެލާއި ކާޑު ގަންނާނެ ފައިސާ ނެތް. ސަރުކާރު މުއަްޒިފުންނަށް މުސާރަ ނުދެވޭހިސާބަށް ދިޔައިމަ ފޮރިންމިނިސްޓަރުގެ ސިޓީފުޅު އުފުލުން އިތުރުވާނެ! ބަޖެޓުފޮތް ކިޔާލިނަމަ ތަންކޮޅެއްރަނގަޅުވީސް. pic.twitter.com/CdkLLYMEVA
— Mohamed Saeed (@em_saeed) November 27, 2022
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުގެ ހިންގުމުގެ ހަރަދު އިންތިހާއަށް ބޮޑުވެފައިވާއިރު، އެންމެ ބޮޑު ހޭދައެއް ކުރަނީ ސިޔާސީ މުވައްޒަފުންގެ މުސާރައަށެވެ. ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކުރަނީ ވެރިންގެ ދަތުރުތަކަށެވެ. އަދި ސަރުކާރުގެ ހަރަދު ކުޑަކޮށް ލިބޭ އާމްދަނީ އިތުރު ކުރުމަށް މަސައްކަތް ކުރުމަށް ދުނިޔޭގެ މާލީ އިދާރާތަކުން ރާއްޖެއަށް ލަފާދީފައިވެއެވެ. މާލީ އިދާރާތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދައުލަތުގެ ދަރަނި އަތް ނުފޯރާ ފަށަށް އިތުރުވުމެވެ.
ސަރުކާރުގެ ދަރަނި މިހާރު ވަނީ 100 ބިލިއަނަށްވުރެ މައްޗަށް އަރާފައެވެ.