ސަރަހައްދީ ކުޅުންތެރިންނާއެކު މޯލްޑިވްސް ޓެނިސް ޗެލެންޖު ފަށައިފިއެވެ.
މި ޗެލެންޖަކީ ރާއްޖޭގެ ޒުވާން ޓެނިސް ކުޅުންތެރިންނަށް ސަރަހައްދުގެ ކުޅުންތެރިންނާ ވާދަކޮށް ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ގައުމީ ޓެނިސް އެސޯސިއޭޝަނުން އިންތިޒާމުކުރާ މުބާރާތެކެވެ.
އަންގާރަ ދުވަހުގެ ރޭ ބޭއްވި ހަފްލާއެއްގައި މި ޗެލެންޖު އިފުތިތާހުކޮށްދެއްވީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފެވެ. މި ހަފްލާގައި ޓެނިސް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެންބަރުންނާއި، އެ އެސޯސިއޭޝަނުން މިހާރު ހިންގާ މުބާރާތްތަކުގައި ބައިވެރިވާ ޒުވާން ކުޅުންތެރިންނާއި، އެ ކުޅުންތެރިންގެ ބެލެނިވެރިން ބައިވެރިވެފައިވެއެވެ.
މި މުބާރާތުގައި ސްރީލަންކާއާއި މެލޭޝިޔާއާއި ތައިލޭންޑުގެ ކުޅުންތެރިންގެ އިތުރުން ބަހުރައިން އަދި އޮމާންގެ ކުޅުންތެރިން ބައިވެރިވެފައިވެއެވެ.
މި ޗެލެންޖު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްތަރު މަހުލޫފު ވިދާޅުވީ މިއީ ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް އިތުރު ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ މުބާރާތެއް ކަމުގައެވެ.