ޚަބަރުސިޔާސީ

2018އިން ފެށިގެން 10 އަހަރު ވެރިކަންކޮށްފީމޭ ބުނި ބުރާންޗަކަށް ވެރިކަން ދޭންޖެހޭތޯ: އަދުރޭ

2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާއި ހަމަޔަށް ކުރެވުނީ 10 އަހަރުގެ ވެރިކަމެކޭ ބުނި ބުރާންޗަކަށް ވެރިކަން ދޭންޖެހޭނެތޯ އިދިކޮޅުން ސުވާލު އުފައްދައިފިއެވެ.

މިރޭ އިދިކޮޅުން ބޭއްވި ”ރައީސް ޔާމީން 2023 ރެލީ“ ގައި މިފަދައިން ވިދާޅުވީ އިދިކޮޅު ކޯލިޝަން ހިންގެވުމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރައީސް އިބްރާހިމަކީ މިރާއްޖެދުށް އެންމެ ތަނެއްދޮރެއް ނުދަންނަ ވެރިމީހާ ކަމަށެވެ. އެކަމުގެ މިސާލެއްގެގޮތުން ދާދިފަހުން ޕޯޑިއަމެއްގައި ރައީސް އިބްރާހިމް އެމަނިކުފާނު ރާއްޖޭގެ ވެރިކަމުގެ 2 ދައުރު ފުރިހަމަކުރިކަމަށް ވިދާޅުވި ވާހަކައަށް އަދުރޭ ޢިޝާރާތް ކުރެއްވިއެވެ.

”މީނާއަށް ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭނގޭކަމަކީ އަމިއްލައަށް މިބުނަނީ 2018 އިންފެށިގެން ތިމަންނާ މިކުރީ 10 އަހަރު ދުވަހުގެ ވެރިކަމޭ 2018 އިން ފެށިގެން 10 އަހަރު ވެރިކަންކޮށްފީމޭ ބުނި ބުރާންޗަކަށް ވެރިކަން ދޭންޖެހޭތޯ“ އަދުރޭ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހުގެ ކެމްޕެއިން ފެއްޓެވުމަށް ށ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ދެއްކެވި ވާހަކަފުޅެއްގައި އެމަނިކުފާނުވަނީ ވެެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން 10 އަހަރު ފާއިތުވަނީކަމަށް ވިދާޅުވެފައެވެ.

ރައީސް އިބްރާހިމްގެ ވާހަކަފުޅުގައި ތަކުރާރުކޮށް ވިދާޅުވެފައިވަނީ 2018 ވަނަ އަހަރުން ފެށިގެން 10 އަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތް ކުރެއްވިއްޖެކަމަށެވެ. އެހެން ވިދާޅުވުމަށްފަހުވެސް ރަނގަޅުނުކުރައްވައި އަނެއްކާވެސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މި ހިނގާ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ އިޤުތިޞާދު ދެގުނަ ކުރާ މަންޒަރު ފެންނާނެ ކަމަށެވެ.

މިކަމަށް އިޝާރާތް ކުރައްވާ އަދުރޭ ވިދާޅުވީ ރައީސް އިބްރާހިމަށް ހަމަޔަށް ގުނަންވެސް ނޭނގޭކަމަށާއި، އިބްރާހިމަކީ 2018 އިން 2023 ވީމައި ވަނީ 5 އަހަރުކަމެއް 10 އަހަރުކަމެއް 15 އަހަރުކަމެއް ނޭނގޭ ބުރާންޗެއް ކަމަށެވެ. އެހެންވީމަ ރައީސް އިބްރާހިމަށް ދެވަނަ ދައުރެއް ދޭން ނުޖެހޭ ކަމަށް އަދުރޭ ތަކުރާރުކޮށް ވިދާޅުވިއެވެ.

”މީނަޔަށް ހަމަޔަށް ގުނަންވެސް ނޭނގޭ، 2018 އިން 2023 ވީމައި ވަނީ 5 އަހަރުކަމެއް 10 އަހަރުކަމެއް 15 އަހަރުކަމެއް ނޭނގޭ ބުރާންޗެއް މިއީ. އެހެންވީމަ މީނަޔަށް ދެވަނަ ދައުރެއްދޭން ނުޖެހެނީ“ އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް އިބްރާހިމް ބޮޑު ބައްޔަކުން ބަލިކުރާނެ ކަމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

އަދުރޭ ވިދާޅުވީ މި ޤައުމުގެ ޢިއްޒަތާ އަބުރާއި ކަރާމާތް ނަގާލައިފި ކަމަށާއި ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް ބޮޑު ބައްޔަކުން ބަލިކޮށް ލަދު ގަންނަވާލާނެ ކަމަށެވެ.

ރައީސް އިބްރާހިމްގެ ސަރުކާރަށް ފާޑުވިދާޅުވަމުން އަދުރޭ ވަނީ ރައީސް އިބްރާހިމަށް ދެވަނަ ދައުރެއްދޭން ނުޖެހޭ ސަބަބުތައް ރައީސް އަމިއްލަފުޅަށް ވިދާޅުވެ ދެއްވައިފިކަމަށާއި، އެކަންކަމަށް ދިވެހިން ވިސްނާލުމަށް އެދިވަޑައިގެންފައެވެ.

މި ސަަރުކާރުގެ ކުރިމަތީގައި ރައީސް ޔާމީން ކުޑަކަކޫ ނުޖައްސަވާ ސާބިތުކަންމަތީ ހުންނަވަނީ އެމަނިކުފާނުގެ އަމިއްލަ ޖާހާ ޢިއްޒަތް މަތިވެރިކުރަން ނޫންކަމަށާއި، އަދި ދިވެހި ރާއްޖޭގެ ވެރިކަމުގެ ޝާނާއި ޝައުކަތުގެ ބޭނުމުގައި ނޫންކަމާއި، އެއީ މިހާރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހަށް ދެވަނަ ދައުރެއް ދީފިނަމަ ދިވެހި ޤައުމު ވެއްޓިގެންދާނެ އަނދަވަޅަކަށްޓަކާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭގެ ވާހަކައިގައި ވަނީ ދިވެހި ރާއްޖޭގެ ޖުޑީޝަރީއަށް ޢަދުލު އިންސާފު ޤާއިމުކޮށްދީ ހަމަހަމަ އުސޫލުން އިންސާފުވެރިކަމާއި އެކު ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަންކުރުމަށް ގޮވާލައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button