ޚަބަރު

ސަރުކާރުގެ ޖޫރިމަނާ ކުރުމުގެ ސިޔާސަތުގެ ދަށުން އަންދާޒާ ކުރިވަރަށް ވުރެ އިތުރަށް 149.7 މިލިއަން ރުފިޔާ ހޯދައިފި

މިއަހަރުގެ މިހާތަނަށް އައިރު ސަރުކާރުން ޖޫރިމަނާގެ ގޮތުގައި 212.1 މިލިއަންއަށް ވުރެ ގިނަ ރުފިޔާ ސަރުކާރަށް ހޯދައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް، ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 212.1 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ސަރުކާރުން ވޭތުވެދިޔަ އަހަރުގައި މި މުއްދަތުގައި ޖޫރިމަނާގެ ގޮތުގައި ލިބިފައިވަނީ 178.9 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއަހަރުގެ މިމުއްދަތުގައި ސަރުކާރަށް މިވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 33.2 މިލިއަން ރުފިޔާ އިތުރަށް ހޯދާފައެވެ.

އަހަރު ފެށުނުއިރު ސަރުކާރުން ޖޫރިމަނާގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 62.4 މިލިއަން ރުފިޔާއެވެ. އެހެންނަމަވެސް މިހާތަނަށް ބަލާއިރު ސަރުކާރުން ވަނީ 212.1 މިލިއަން ރުފިޔާ ހޯދާފައެވެ. ޖޫރިމަނާ މިއަހަރުގެ މިހާތަނަށް ލިބިފައިވާއިރު އެއީ އަންދާޒާ ކުރިވަރަށް ވުރެ 149.7 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެމްޑީޕީގެ ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ބުނަމުން އައީ ޖޫރިމަނާގެ ދަންތޫރައިން ރައްޔިތުން މިންޖުކޮށްދޭނެ ކަމަށެވެ. އެހެން ނަމަވެސް މިއަދު ފެނިގެންދަނީ ރައްޔިތުން ޖޫރިމަނާގެ މަޅި ރަނގަޅަށް ކަރަށް މެހި ބާރުވާތަން ކަމުގައި އާންމުން ދަނީ ބުނަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button