ޚަބަރުސިޔާސީ

އިގުތިސޯދު އަލުން ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއެޅޭފަދަ ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް ސަރުކާރުން އިލްތިމާސްކޮށްފި

ރާއްޖޭގެ މާލީ ނިޒާމާ މެދު އިތުބާރު ގެއްލުވާލައި، އިގުތިސޯދު އަލުން ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއަޅަން، ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް ސަރުކާރުން އިލްތިމާސްކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެއަށް މާލީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެހެންވެ އައިއެމްއެފްގެ ޕްރޮގްރާމެއްގައި ބައިވެރިވާން ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ ރާއްޖޭގެ މާލީ އަދި ބޭންކިން ނިޒާމާ މެދު އިތުބާރު ގެއްލުވާލުމުގެ ނިޔަތުގައި ފަތުރަމުންދަނީ ހަގީގަތާ ހިލާފު، އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.

”މިއީ ސަރުކާރުން ގެންނަން މަސައްކަތް ކުރާ ފިސްކަލް ރިފޯމް މަސައްކަތަށް ހުރަސްއެޅުމަށް ކުރަމުންދާ ކަމެއް،“ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ވަނީ އިގުތިސޯދު ވަރުގަދަ ކުރުމަށް ޓަކައި ފަށާފައިވާ އިސްލާހީ އެޖެންޑާގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކާއި މާލީ ނިޒާމާ މެދު އޮތް އިތުބާރު ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދީފައެވެ.

މި ސަރުކާރަށް ވާރުތަވެފައިވާ މާލީ ދަތިތަކާ އެކު ވެސް، ރާއްޖޭގެ އިގުތިސޯދީ ދުވެލި ރަނގަޅު ކަމަށް ބޭރުގެ މާލީ އިދާރާތަކުން ވެސް ބުނެފައިވާ ކަމަށް އެބަޔާނުގައި ވެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ދަރަނި މި ވަގުތު ހުރީ 124 ބިލިއަން ރުފިޔާގައެވެ. އެއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 100 ޕަސެންޓަށް ވުރެ މަތީ އަދަދެކެވެ.

ދަރަނީގެ އިތުރުން، މާލީ ހާލަތު ހަމަޔަކަށް އެޅުވޭނީ، ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އަޅައިގެން ކަމަށް އިގްތިސާދީ މާހިރުން ފާހަގަކުރައްވައެވެ.  މި އަހަރުގެ ބަޖެޓުގައި ވެސް ވަނީ ސަބްސިޑީ ރިޕޯމު ކުރުމަށް މުހިއްމު ފިޔަވަޅުތައް އެޅުމަށް ޕްލޭން ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button