ޚަބަރުސިޔާސީ

ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމަކީ، ދުޝްމަނުންގެ ނުބައި ރޭވުންތައް ނާކާމިޔާބުކޮށްލެވޭނެ އެންމެ ވަރުގަދަ ހަތިޔާރު: ރައީސް

ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމަކީ، ދުޝްމަނުންގެ ނުބައި ރޭވުންތައް ނާކާމިޔާބުކޮށްލެވޭނެ އެންމެ ވަރުގަދަ ހަތިޔާރުކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ރައީސްގެ ޚިޠާބުގައި ވިދާޅުވީ، ނަޞްރުގެ ދުވަހުގެ ހަނދާންތަކުން ވަރަށް ގިނަ ޢިބްރަތްތަކެއް ލިބިގެންދާނެ ކަމަށެވެ. މިގޮތުން އެންމެ ފުރަތަމަ ކަމަކީ، ފުރިހަމަ އީމާންތެރިކަމާއި ހިތްވަރާއި ސާބިތުކަމާއެކު މާތް ނިޔަތެއްގައި ޖިހާދުކުރާ ކޮންމެ މީހަކަށްވެސް، މާތް ރަސްކަލާނގެ މަދަދާއި ނަޞްރުން ކާމިޔާބު ދެއްވުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ނަސްރުގެ ދުވަހުން ދިވެހިންނަށް ލިބޭ އަނެއް ޢިބުރަތަކީ، ދުޝްމަނުންގެ މަކަރުވެރި ރޭވުންތަކާއި ޓެރަރިޒަމްގެ ނުރައްކާތެރި ޢަމަލުތަކާ މެދު، އަބަދުވެސް ހޭލައި ތައްޔާރުވެ ތިބެންޖެހޭނެކަން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކުރުމުގެ ޤާބިލުކަމާއި ހިތްވަރާއި ކެރުން ހުރި ދިވެހި ޒުވާނުންތަކަކަށް ޤައުމު ބޭނުންވާ ކަމަށެވެ.

ރައީސްގެ ޚިޠާބުގައި އިތުރަށް ވިދާޅުވީ، ނަޞްރުގެ ދުވަހުގެ ހަނދާންތައް އައުކުރުމުގެ އެންމެ މުހިންމު ބޭނުމަކީ، އެ މަތިވެރި ނަޞްރު ލިބުމަށް މެދުވެރިވި ސަބަބުތަކުގައި ހިފައި އެ ގޮތުގައި ސާބިތުވެ ތިބުމުގެ ޢަޒުމް އައުކުރުން ކަމަށެވެ. އަދި ދިވެހި ސިފައިންގެ ސަފުތަކުގެ ބަދަހިކަން އިތުރުކުރުމުގެ ވަރުގަދަ ރޫޙު މުޅި ޢަސްކަރިއްޔާގައި ދެމެހެއްޓުމަށް، ސިފައިންގެ ކޮންމެ މީހަކު ފަރުދީ ގޮތުންވެސް މަސައްކަތް ކުރަންޖެހޭ ކަމުގައިވެސް ރައީސްގެ ޚިޠާބުގައި ވަނީ ވިދާޅުވެފައެވެ.

މިއަދަކީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، މާލެއަށް ދެވުނު ޢުދުވާނީ ޙަމަލާއަށް 34 އަހަރު ފުރުނު ދުވަހެވެ. އެ ޢުދުވާނީ ޙަމަލާގައި ދިވެހި ސިފައިންގެ 8 ބޭކަލަކާއި، އާއްމުންގެ ތެރެއިން 11 މީހަކު ޝަހީދުވިއެވެ. އެ އުދުވާނީ ހަމަލާގެ އިސް މޭސްތިރިއެއްގެ ގޮތުގައި ހާމަވެފައިވަނީ ރައީސް އިބްރާޙީމް މުހައްމަދު ސޯލިހުގެ ބަފައިބެ ނުވަތަ ފަސްޓް ލޭޑީ ފަޒްނާ އަހުމަދުގެ ބައްޕަ ކަމުގައިވާ ސިއްކަ އަހުމަދު އިސްމާއިލް މަނިކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button