ޚަބަރުސިޔާސީ

ކުރީން އޮތީ ހިޔާ ފްލެޓްތައް ދޭއިރު ފިިނިޝިންގެ މަސައްކަތް ނިންމާފަ ހަވާލު ކުރާގޮތަށް: މޭޔަރު މުއިއްޒު

ކުރީން އޮތީ ހިޔާ ފްލެޓްތައް ދޭއިރު ފިިނިޝިންގެ މަސައްކަތް ނިންމާފަ ހަވާލު ކުރާގޮތަށް ކަމަށް މާލެ ސިޓިގެ މޭޔަރު އަދި ކުރީގެ ހައުސިންގ މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހި ޗެނަލްގެ ހަވާސާ ޕްރޮގްރާމުގައި ބުރާސްފަތި ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ބޯހިޔާވަހިކަމަށް އަމާޒުކޮށްގެން ހިންގުނު އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ ހިޔާ ފްލެޓް މަޝްރޫއުގައި، މަސައްކަތް ހަވާލުކުރިއިރު، ކޮންޓްރެކްޓަރާއި އެކީގައި ފިނިޝިންގެ މަސައްކަތް އެއްބަސްވުމުގައި ހިމަނާފައިނުވާކަމަށް މި ސަރުކާރުން ބުނާ މައްސަލަ އޮޅުންފިލުވައި ދެއްވާފައެވެ.

މުއިއްޒު ވިދާޅުވީ އެއް އެގްރިމެންޓް ތެރޭގައި އެ މަސައްކަތް ނުހިމެނިދާނެ ކަމަށާއި އެހެން ނަމަވެސް އެއާއި ޖެހިގެން ދެވަނަ އެގްރިމެންޓެއް ހަދާފައި، ފިނިޝިންގ މަސައްކަތަށް 143 މިލިއަން ޑޮލަރުގެ ލޯނު ހަމަޖައްސާފައި އޮތް ކަމަށެވެ. އަދި ސަރުކާރު ނިމުނު އިރުގައި އެމަސައްކަތް ޔަގީންކަމާއިއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.

”ރައްޔިތުން އަތަށް ފްލެޓްތައް ދޭ އިރުގަ ހުންނާނީ ފިނިޝިންކޮށް ނިންމާފަ. އެއަކު ނޫޅޭނެ މައްސަލައެއް. ހަމަ ޔަގީނުންވެސް އެއީ ކުރާނެ ކަމެއް. ކުރަން ނިންމާފަ އޮތް ކަމެއް. އެހެންވީމަ އެ ދައްކަނީ ބޭކާރު ވާހަައެއް. ދެވަނަ އެގްރިމެންޓް ހަދާފަ ޗައިނާ ސްޓޭޭޓް ކުންފުންޏަށް އޮތީ ދީފަ މަސައްކަތްކުރަން. ލޯނު އޮތީ ކޮންފޯމް ވެފަ. ހަމަ ކުރިއަށް ގެންދިޔައީމަ ވީ ނޫންތޯ؟“ ޑރ.މުއިއްޒު ވިދާޅުވިއެވެ.

ހިޔާ ފްލެޓް މަޝްރޫއުގެ ފިނިޝިންގް މަސައްކަތް ނިންމުމަށް 5 އޮޕްޝަނެއް ހަމަޖެހިފައިވާކަމަށާއި، އޭގެ ބޭނުމަކީ މިގޮތައް ސޯޝަލް ހައުސިން އަށް ދޫކުރާ ތަންތަން، މީހުން ބަދަލުވުމަށް ފަހު އެތަންތަނަށް ބަދަލުގެނައުމުން، ކޮންޓްރެކްޓަރާއި ސަރުކާރާއި ދެމެދު އޮންނަ އެގްރިމެންޓައް އަސަރުކުރާތީކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން ބޭނުންވަނީ ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުމަށް ކަމަށާއި އަދި ހިޔާ ފްލެޓް މަޝްރޫއު ފެއިލްކޮށްލުމަށްކަން ފާހަގަކުރައްވައި ޑރ.މުއިއްޒު ވިދާޅުވީ އެގޮތައް ސަރުކާރުން ކަންތައް ކުރަނީ ހިޔާ ފްލެޓަކީ ރައީސް ޔާމީން ހެއްދެވި ތަނެއް ކަމަށްވާތީއެވެ. ހަމަ އެގޮތައް ދަރުމަވަންތަ ހޮސްޕިޓަލަށް އަމާޒުކޮށް އެއީ ހޮހަޅައެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި ކަމަށާއި، ނަމަވެސް ސިއްހީގޮތުން އެންމެ ރަނގަޅު ހިދުމަތެއް ދެވެނީ ދަރުމަވަންތަ ހޮސްޕިޓަލުން ކަމަށެވެ.

ހިޔާ ފްލެޓް މަޝްރޫއަކީ ލިޔެކިޔުމުން ހުރިހާ ކަމެއް އެނގެން އޮތްކަމެއް ނަމަވެސް މިސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް ކަމަށާއި އަދި މިކަމުގެ ސަބަބުން ހުރިހާ ތަކުލީފެއް މިހާރު އުފުލަން ޖެހިފައިމިވަނީ ރައްޔިތުން ކަމަށާއި. އެއްވެސް ވަރަކަށް ސަރުކާރަކަށް އެކަމުގަ ރެކެވޭނެ ގޮތެއް ނެތްކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

”ހަމަ ނިންމާފަ ދޭންޖެހޭ ތަންތަން އެއީ. ނިންމޭނެ ގޮތްވެސް އޮތް. ހަމަ ރައްޔިތުންނަށް ޖެއްސުން މިއޮތީ ކުރެވިފަ. ކުރީ ސަރުކާރު ދެކެ އާންމުންގެ ހިތްތަކުގަ ނަފްރަތު އުފެއްދުމުގެ ބޭނުމުގަ.“ މުއިއްޒު ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކަށް އަމާޒުކޮށް މި ސަރުކާރުން ބުނަމުން ދާ ”ކޮތަރުކޮށި“ ތައް ރައްޔިތުންނަށް ވަރަށް ކަމުގޮސްފިކަަމަށާއި އަދި ކިތަންމެ ބޮޑު ލޯނެއް ބޮލުގައި އަޅައިގެން ނަމަވެސް އެތަންތަން ވަރަށް ރީތިކޮށް  ހަދައިގެން އާންމުން ދިރިއުޅެމުންދާކަމަށްވެސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button