ޗާގޯސް މައްސަލައިގެ ސައްހަ މައުލޫމާތު ހާމަ ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމުން ސަރުކާރަށް ގޮވާލައިފިއެވެ.
އެމްއާރުއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދިވެހިރާއްޖެއާއި ފޯޅަވަހީ (ޗާގޯސްއާރކިޕެލާގޯ)ގެ އިޤްތިޞާދީ ސަރަޙައްދުން ފުށުއަރާކަމަށްބުނާބައި ޑީލިމިޓް ކުރުމަށް އެދި މޮރިޝަސް އިން ހުށަހަޅާފައިވާ މައްސަލާގައި ރާއްޖެ އަކީ ޤައުމުތައް އަޅުވެތި ކުރުމާ (ކޮލޮނައިޒޭޝަނާ) ދެކޮޅަށް އަބަދުވެސް ވޯޓު ދެމުން އައި ޤައުމެއްކަމާއި، އެ ސިޔާސަތަކީ ހަމައެކަނި މިސަރުކާރުގެ ސިޔާސަތެއް ނޫންކަމުގައެވެ. އެހެންނަމަވެސް، މޮރިޝަސްއިން ބޭނުންވާ ގޮތަށް ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހެދުމަށް ރާއްޖެއިން ދެކޮޅު ހަދަމުން ގެންދިޔަ ސަބަބަކީ، އިނގިރޭސީންގެ އަތްދަށުން މޮރިޝަސް މިނިވަންވިއިރު، ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްކަމަށް ނުވާތީ އާއި ފޯޅަވަހި މޮރިޝަސްގެ ދަށަށް ހިނގައްޖެނަމަ ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ކުޑަވެ، އިޤްތިޞާދީ ސަރަހައްދުން ރާއްޖެއަށް ލިބެންވާ ޤުދްރަތީ ވަސީލަތްތަކަށްވެސް އުނިކަން ލިބޭނެތީއެވެ.
ދިވެހިރާއްޖެއާއި ޗާގޯސް އާރކިޕެލާގޯގެ އިޤްތިޞާދީ ސަރަޙައްދުން ފުށުއަރާކަމަށްބުނާބައި ޑީލިމިޓް ކުރުމަށް އެދި މޮރިޝަސް އިން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެމް.އާރް.އެމް ގެ ކަންބޮޑުވުން pic.twitter.com/tPyZQePV2U
— Maldives Reform Movement (MRM) 🇲🇻 (@MRM_Office) October 28, 2022
އެގޮތުން، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ޤާނޫނުޤައި ބުނާގޮތުން ބޭސްލައިނުން ފެށިގެން 200 މޭލުގެ ސަރަޙައްދެއް ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ގޮތުގައި ލިބިދީފައިވާކަމަށް އެމްއާރުއެމުން ބުންޏެވެ. އަދި މީގެކުރިން ދިވެހި ދައުލަތުން މިދެންނެވުނު ސަރަޙައްދަށް އުނިކަމެއް އަންނަ ގޮތަކަށް އެއްބަސްވެ ސޮއިކޮށްފައި ނުވާނެ ކަމަށް އެ ބަޔާނުގައިވެއެވެ. އެކަން އެހެން އޮތްއިރު، 2019 ގައި މޮރިޝަސްގެ ސިޔާދަތު ފޯޅަވަހީގެ މައްޗަށް އޮތުމާ ދެކޮޅަށް ވޯޓު ދިނުމަށްފަހު، އެސިޔާސަތު ބަދަލުވި ސަބަބު ހާމަވެފައި ނެތުމުން، އޭގެ އަޑީގައި ކަންތައްތަކެއް ވާނެކަމަށް ރައްޔިތުން ދެކޭތީ، ކަންހިނގާ ދިޔަ ގޮތް ހާމަކުރުން މުހިންމުކަމަށް އެމްއާރްއެމުން ދެކެއެވެ.
ފޯޅަވައްސަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނަ ތަނެއްކަމަށް އައި.ސީ.ޖޭ އިން އ.ދ އަށް ލަފާ ދިނުމަށްފަހު، 2019 ގައި އ.ދ ގެ ޢާންމު މަޖިލީހުން ފާސްކުރި ޤަރާރާ ދެކޮޅަށް ރާއްޖެއިން ވޯޓުދީފައި، މިހާރު ކުއްލިއަކަށް ސިޔާސަތު ބަދަލުކުރަން ނިންމުމުގެ ކުރިން ކޯލިޝަން ގައި ހިމެނޭ ޕާޓީ އެއްގެ ހައިސިއްޔަތުން، އެމްއާރްއެމްއާ އެއްވެސް މަޢުލޫމާތެއް ސަރުކާރުން ހިއްސާ ނުކުރާކަން އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި މިމައްސަލައަކީ ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދާ ގުޅުންހުރި މައްސަލައަކަށްވެފައި އިޤްތިޞާދީ ގޮތުން ދިވެހި އާއިލާ ތަކަށް ބޮޑު މަންފާއެއް ލިބެމުން އަންނަ މަސްވެރިކަމުގެ ދާއިރާއަށް ވެސް ގެއްލުން ތަކެއް ލިބިދާނެކަމެއްކަމަށް އެ ޕާޓީއިން ބުންޏެވެ.
”މި މައްސަލައިގައި ސަރުކާރުގެ ނިންމެވުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި މިކަމުގައި މަޖިލީހުގެ ބަހެއްވެސް ސަރުކާރުން ހޯއްދަވާފައި ނުވާތީ އެމްއާރްއެމް އިން ނުހަނު ކަންބޮޑުވަމެވެ. މީގެ އިތުރުން މިމައްސަލާގައި ރާއްޖޭގެ ފަރާތުން ބައިނަލްއަގްވާމީ ފަރާތްތަކާއެކު ވަކާލާތު ކުރުމުގައި، ކަމުގެ ފަންނީ މާހިރުން ދިވެހިންގެ ތެރޭގައި ތިއްބެވިއިރު، އޭގެ ތެރެއިން ގިނަ ބޭފުޅުންގެ ލަފައާއި މަޝްވަރާ ހޯއްދަވާފައި ނުވާކަމީ، ހިތާމަހުރިކަމެކެވެ.“ އެމްއާރުއެމުން ބުންޏެވެ.
މިކަމުގެ ސައްޙަ މައުލޫމާތު ވީއެންމެ އަވަހަކަށް ރައްޔިތުންނާ ހިއްސާ ކޮށްދެއްވުމަށް ސަރުކާރަށް އެ ޕާޓީއިން ވަނީ ގޮވާލާފައެވެ. އަދި، ރާއްޖޭގެ ސިޔާދަތީ ޙައްޤަކަށް އުނިކަމެއް ލިބިދާނެ އެއްވެސް ނިންމުމަކަށް އެމްއާރްއެމް އިން ތާއީދެއް ނުކުރާނެ ކަމަށާއި، އެފަދަ ނިންމުމެއް ސަރުކާރުން ނިންމާފައިވާނަމަ، އެ ނިންމުން ބަދަލުކުރުމަށްވެސް އެމްއާރްއެމުން ވަނީ ގޮވާލާފައެވެ.