ރާއްޖޭގެ ބައެއް ދޫކޮށްލަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސިޓީފުޅެއް ނުފޮނުއްވާކަމަށް ވިދާޅުވެ އެޓާނީ ޖެނެރަލް އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހުސެއިން ހަސަން ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު އަދި އެޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފަށް ރައްދު ދެއްވައިފިއެވެ.
ހުސެއިން ހަސަން، ހަސަން ލަތީފަށް މިފަދައިން ރައްދު ދެއްވީ ރާއްޖެއާ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސް އަކީ މޮރިޝަސްގެ ބާރު ހިނގާ ތަނެއް ކަމަށް ކަނޑައަޅުއްވައި ރައީސް ސޯލިހު މޮރިޝަސްގެ ރައީސަށް ސިޓީފުޅެއް ފޮނުއްވުމަކީ ކަންބޮޑުވުމެއް ކަމުގައި ހަސަން ލަތީފް އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވުމާ ގުޅިގެންނެވެ.
”މިއީ ސީދާ ކަނޑައެޅިގެން ދޮގެއް. ރާއްޖޭގެ ބައެއް ދޫކޮށްލަން ރައީސް ސިޓީފުޅެއް ނުފޮނުއްވާ. ކަން ހިނގާ ގޮތް އެނގިހުރެ، ރައީސް ގުޅުވައިގެން ތިވަރުގެ ބޮޑު ދޮގު ހަދަން ހެޔޮނުވާނެ. އަރިހުގައި ތިއްބަވައި، ތި ވަރަށް މުނާފިގުވާން ހެޔޮނުވާނެ.“ ހުސެއިން ވިދާޅުވިއެވެ.
ހުސެއިން މިހެން ވިދާޅުވުމާ ގުޅިގެން އޭނާ އަށް އެއްބަޔަކު ޓުވިޓާގައި ތައުރީފް ކުރިއިރު، ގިނަ މީހުން ކުރީ މަލާމާތެވެ.
❌މިއީ ސީދާ ކަނޑައެޅިގެން ދޮގެއް. ރާއްޖޭގެ ބައެއް ދޫކޮށްލަން ރައީސް @ibusolih ސިޓީފުޅެއް ނުފޮނުއްވާ. ކަން ހިނގާ ގޮތް އެނގިހުރެ، ރައީސް ގުޅުވައިގެން ތިވަރުގެ ބޮޑު ދޮގު ހަދަން ހެޔޮނުވާނެ. އަރިހުގައި ތިއްބަވައި، ތި ވަރަށް މުނާފިގުވާން ހެޔޮނުވާނެ pic.twitter.com/R8P7ljpI4a
— Hussain Hassan (@HucenHassan) October 24, 2022
ޗާގޯސްގެ މައްސަލާގައި ރާއްޖޭގެ ޒަމާންވީ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ރާއްޖެއިން ނިންމާފައިވާ ކަން ހާމަކުރީ މިމަހުގެ 20 ވީ ބުރާސްފަތި ދުވަހުގައެވެ. ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި އެކަން އިއުލާން ކުރެއްވީ އެ ޓްރައިބިއުނަލްގައި ރާއްޖޭގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތެވެ.
ޗާގޯސްގެ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން މޮރިޝަސްއާ އެއްކޮޅަށް ނެރެފައިވާ ލަފާ ތަންފީޒުކުރަން އދ. ގައި މީގެކުރިން ރާއްޖެއަކުން ވޯޓެއް ނުދެ އެވެ. އެންމެ ފަހުން 2019 ވަނަ އަހަރާއި އަދި އޭގެކުރިން އެ މައްސަލާގައި ނެގި ވޯޓުގައި ވެސް ރާއްޖެއިން ވޯޓު ދިނީ އިނގިރޭސިވިލާތާ އެއްކޮޅަށެވެ. ރާއްޖެއިން މިގޮތަށް ވޯޓު ދިން ސަބަބެއް ކަމަށް އޭރު ބުނެފައިވަނީ ކަނޑުގެ ސަަރަހައްދުގެ ސަރަހައްދީ އިމުގެ މައްސަލާގައި ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވުމެވެ. އެ މައްސަލާގެ އަޑުއެހުންތައް މިހާރު ދަނީ ކުރިއަށެވެ.
މޮރިޝަސް އިން ވަނީ މި މައްސަލަ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހަޅާފައެވެ. އެ ކޯޓުން 2019 ވަނަ އަހަރު ނެރުނު އެޑްވަޒަރީ އޮޕީނިއަންގައި ބުނެފައިވަނީ ޗާގޮސްގެ މައްޗަށް ހިނގާނީ މޮރިޝަސްގެ ސިޔާދަތުކަމަށެވެ. އެކަމަކު އަދިވެސް އިނގިރޭސިން އެ ނިންމުމަށް އަމަލެއް ނުކުރެއެވެ.