ރިޕޯޓް

ރާއްޖެ-މޮރިޝަސް ކަނޑުގެ އިމުގެ މައްސަލައިގެ އެތެރެފުށް

ޗާގޯސް އައިލޭންޑްސް އަކީ ރާއްޖެއާ 500 ކިލޯމީޓަރު ދުރުގައި އޮންނަ 60 ރަށުގެ މައްޗަށް އެކުލެވިފައިވާ 7 އަތޮޅެކެވެ. އެންމެ ފުރަތަމަ އިނގިރޭސީންގެ މިލްކިއްޔާތަށް އެ ރަށްތައް އައީ ފްރާންސުން އެ ސަރަހައްދާއި، މޮރިޝަސް އިސްތިއުމާރުކުރުމަށްފަހު، އިނގިރޭސިވިލާތާއެކު ހެދި އެއްބަސްވުމެއްގެ ދަށުން މޮރިޝަސްއާއި ޗާގޯސް އިނގިރޭސިވިލާތާ ހަވާލުކުރުމުންނެވެ. 1968 ގައި މޮރިޝަސް މިނިވަންވުމާ އެކު އިނގިރޭސީން އެ ރަށްތައް އެންމެ 3.6 މިލިއަން ޑޮލަރަށް ހޯދުމާ އެކު އެގައުމުން ބުނަނީ އެއީ އެ މީހުންގެ މިލްކެއް ކަމަށެވެ. އަދި ފޯޅަވަހި އޮތީ 2036 ވަނަ އަހަރާ ހަމައަށް އެމެރިކާ އަށް ކުއްޔަށް ދީފަ އެވެ. އެމެރިކާ އިން އެތަނުގައި ހިންގަނީ އަސްކަރީ މަރުކަޒެކެވެ.

ޗާގޯސްގެ މައްސަލާގައި ރާއްޖޭގެ ޒަމާންވީ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ރާއްޖެއިން ނިންމާފައިވާ ކަން ހާމަކުރީ މިމަހުގެ 20 ވީ ބުރާސްފަތި ދުވަހުގައެވެ. ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި އެކަން އިއުލާން ކުރެއްވީ އެ ޓްރައިބިއުނަލްގައި ރާއްޖޭގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތެވެ.

ޗާގޯސްގެ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން މޮރިޝަސްއާ އެއްކޮޅަށް ނެރެފައިވާ ލަފާ ތަންފީޒުކުރަން އދ. ގައި މީގެކުރިން ރާއްޖެއަކުން ވޯޓެއް ނުދެ އެވެ. އެންމެ ފަހުން 2019 ވަނަ އަހަރާއި އަދި އޭގެކުރިން އެ މައްސަލާގައި ނެގި ވޯޓުގައި ވެސް ރާއްޖެއިން ވޯޓު ދިނީ އިނގިރޭސިވިލާތާ އެއްކޮޅަށެވެ. ރާއްޖެއިން މިގޮތަށް ވޯޓު ދިން ސަބަބެއް ކަމަށް އޭރު ބުނެފައިވަނީ ކަނޑުގެ ސަަރަހައްދުގެ ސަރަހައްދީ އިމުގެ މައްސަލާގައި ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވުމެވެ. އެ މައްސަލާގެ އަޑުއެހުންތައް މިހާރު ދަނީ ކުރިއަށެވެ.

މޮރިޝަސް އިން ވަނީ މި މައްސަލަ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހަޅާފައެވެ. އެ ކޯޓުން 2019 ވަނަ އަހަރު ނެރުނު އެޑްވަޒަރީ އޮޕީނިއަންގައި ބުނެފައިވަނީ ޗާގޮސްގެ މައްޗަށް ހިނގާނީ މޮރިޝަސްގެ ސިޔާދަތުކަމަށެވެ. އެކަމަކު އަދިވެސް އިނގިރޭސިން އެ ނިންމުމަށް އަމަލެއް ނުކުރެއެވެ.

މި މައްސަލާގައި ރާއްޖެއާއި މޮރިޝަސްގެ މެދުގައި މައްސަލަ އުފެދުނީ 2010 ވަނަ އަހަރު ރާއްޖެއިން، ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް އިތުރަށް ފުޅާކޮށް، އައު ކޯޑިނޭޓްސް ކަނޑައަޅައި އައްޑޫން ފެށިގެން ދެކުނަށް 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގެ ތެރެއަަށް ހިމެނުމަށް ސަރުކާރުން އދ.އަށް ހުށަހެޅުމުގެ ސަބަބުންނެވެ. އަދި މޮރިޝަސްއިން ރާއްޖޭގެ ހުށަހެޅުމަށް ދެކޮޅު ހެދިއެވެ. މޮރިޝަސްއިން ނިންމީ އެ މައްސަލައިގައި ރާއްޖެއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށެވެ. އެގޮތުން ރާއްޖެއާއި ޗާގޮސްގެ މެދުގައި އޮންނަ ކަނޑުގެ ސަރަހައްދުން އެއްވާ ބައި ބެހުމުގެ މައްސަލަ އިންޓަނޭޝަނަލް ޓްރިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އައިޓީއެލްއޯއެސް) އަށް ހުށަހެޅީއެވެ. އަދި އެގޮތަށް ހުށަހެޅިއިރު، އިނގިރޭސިވިލާތުން އެ ސަރަހައްދުގެ އިން ކަނޑައެޅުމުގައި ޗާގޮސްގެ އިން ފެށޭ ހިސާބުކަމަށް ބެލި ސަރަހައްދުގެ ބަދަލުގައި އެހެން ހިސާބެއް ކަނޑައެޅީއެވެ.

މޮރިޝަސްއިން އެ ބަދަލު ގެނައުމުން، ޗާގޮސްއާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެއްވާ ސަރަހައްދު އިތުރަށް ބޮޑުވެ 96،000 އަކަ ކިލޯމީޓަރަށް ބަދަލުވިއެވެ. އަދި މިހާރު އައިޓީއެލްއޯއެސްގައި ފެށިގެން ކުރިއަށްދަނީ މި މައްސަލައިގެ އަޑުއެހުންތަކެވެ. ރާއްޖެއިން ވަކާލާތު ކުރަމުން ދަނީ ރާއްޖޭގެ ބޭސްލައިން ނުވަތަ އިން ފެށޭ ހިސާބުން 200 ނޯޓިކަލް މޭލު ރާއްޖޭގެ ސަރަހައްދުގެ ގޮތުގައި ހިމެނުމަށެވެ. އެކަަމަކު ޗާގޮސްއިން ބޭނުންވަނީ އެ ގައުމުން ހުށަހަޅާ ބޭސްލައިނުން ފެށިގެން ދެ ގައުމުގެ ސަރަހައްދުން އެއްވާ ބައި އެކުއިޑިސްޓޭންސްގެ އުސޫލުން ބައިކުރާށެވެ. އެކުއިޑިސްޓޭންސްގެ އުސޫލުން ބައިކުރުމަކީ ދެ ގައުމެއްގެ އިގްތިސާދީ ސަރަހައްދުގެ ތެރެއިން އެއްވާ ބައި، ހަމަހަމައަށް ބައިކުރުމަށް ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުގައި ކަނޑައަޅާފައިވާ އޮންނަ އުސޫލެވެ.

ރާއްޖެ-މޮރިޝަސްގެ ކަނޑުގެ އިން ކަނޑައެޅުމުގެ މައްސަލައިގައި ޑރ. މުނައްވަރުގެ ކަންބޮޑުވުން

އަންގާރަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ބަންޑާރަ ނައިބު އަދި އެމްޑީޕީގެ އެއް ބާނީ ޑރ.މުހައްމަދު މުނައްވަރު ވިދާޅުވީ ޗާގޯސް އާކިޕެލާގޯ ވަށައިގަން އިގްތިސާދީ ސަރަހައްދެއް އޮވެއްޖެއްޔާ އެ ސަރަހައްދެއް ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ފުށުއަރާފާނެ ކަމުގައެވެ. އެގޮތުން މޮރިޝަސް ސަރުކާރުން ނިންމަނީ ޗާގޯސް ވަށައިގެން އިގްތިސާދީ ސަރަހައްދެއް އޮންނާނެ ކަމަށާއި، އެ ސަރަހައްދު ރާއްޖޭގެ އިގްތިސާދީ ސަރަހައްދާއި ފުށުއަރާ ކަމުގައެވެ. މޮރިޝަސް ސަރުކާރުން ހުށަހަޅަނީ އެ ފުށޫ އަރާ ސަރަހައްދު ބައި ކުރުމުގެ މައްސަލައެއް އިންޓަނޭޝަނަލް ޓްރައިބުނަލް އޮން ދި ލޯ އޮފް ދަ ސީ (އިޓްލޮސް) އަށެވެ. އެތަނަށް މައްސަަލަ ހުށަހެޅުމުން އެއީ ސީރިއަސް މައްސަލައެއް ކަމަށް ސަރުކާރަށް ގޮވާލިކަން މުނައްވަރު ފާހަގަކުރެއްވިއެވެ.

”އަޅުގަނޑުމެންނަކަށް ނުފުނުނު އެބޭފުޅުން މަޝްވަރާ ކުރެއްވި މަންޒަރު. ރައްޔިތުންގެ މަޖިލީހަށް ސިއްރުން މިކަން ކުރީ. އެހެން ތިއްބާ މިދިޔަ ހޯމަ ދުވަހު މޮރިޝަން ސަރުކާރުގެ ފަރާތުން އޯޕަނިންގެ ސްޓޭޓްމެންޓް އެ ހެދީ. ސަރުކާރުގެ ފަރާތުން އޯޕަނިންގ ސްޓޭޓެމެންޓެއް ދިނީ މިދިޔަ ބުރާސްފަތި ދުވަހު. އަޅުގަނޑުމެން ކަންބޮޑުވީ ކިހިނެއްތޯ، ރައްޔިތުންނަށްވެސް އެކަމެއް ހިނގަމުންދާގޮތެއް ނޭނގޭ. އެކަން ކުރަނީ އެޓާނީ ޖެނެރަލްގެ އޮފީހުން.“ މުނައްވަރު ވިދާޅުވިއެވެ. 

މުނައްވަރުގެ ވާހަކައިން އެނގުނު ގޮތުގައި އެންމެ އުނދަގޫ މައްސަލައަކަށްވީ 2019 ވަނަ އަހަރު މޮރިޝަސް ސަރުކާރުން އިޓްލޮސް އަށް މި މައްސަލަ ހުށަހެޅުމުން ރާއްޖެއިން ޕޮޒިޝަނެއް ނަގަން ޖެހުމެވެ. އެ ޕޮޒިޝަނަކީ އެއީ މޮރިޝަސް އަށް ހުށަހެޅިގެންވާނެ ދައުވާއެއް ނޫން ކަމުގައެވެ. އެ މައްސަލަ އެ ގައުމުން ހުށަހަޅަނީ ސަރަހައްދު ބައި ކުރަން ނޫން ކަމަށާއި، އެއީ އެގައުމުގެ ސިޔާސަދު ޗާގޯސްގެ މައްޗަށް ކަށަވަރު ކުރުން ކަމަށް ދިވެހި ސަރުކާރުން ޕޮޒިޝަން ނެގިއެވެ. އެކަމަކު ޓްރައިބިއުނަލް ނިންމީ އެ މައްސަލަ ކުރިޔަށް ގެންދެވޭނެ ކަމުގައެވެ. އެ ނިންމުން ނިންމި އިރު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖީ) އިން އެޑްވައިޒަރީ އޮޕީނިއަން އެއް ވަނީ ދީފައެވެ. އެ އޮޕީނިއަން އަކީ ޑީކޮލޮނައިޒޭޝަން އާ ބެހޭ މައްސަލައެއްގެ ތެރެއިން ޖެނެރަލް އެސެމްބްލީގެ އެދުމަކަށް ނެރުނު އޮޕީނިއަން އެކެވެ. އެއީ ބައިންޑިން އެއްޗެއް ކަމަށާއި އެއަށް އަމަލު ކުރުން ލާޒިމް ނޫން ކަމުގައި މުނައްވަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއީ އައިސީޖީ އިން އެ މައްސަލަ ބެލި އިރު، ފެންނަ ގޮތް ޖެނެރަލް އެސެމްބްލީއަށް ފޮނުވީ ކަމުގައެވެ.

ސަރަހައްދު ފުށުއަރާ މައްސަލައާއި، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގުމުގެ މައްސަލައަކީ ތާފާތު ދެ މައްސަލައެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ އިއުލާން ކޮށްފައެވެ. އެކަން ހާމަ ކުރެއްވީ ރައީސް ސޯލިހުގެ ތަރުޖަމާނު މިއުވާން މުހައްމަދެވެ.

މިކަމާ ގުޅިގެން މުނައްވަރު ވިދާޅުވީ ރާއްޖޭގެ އޯޕަނިިންގެ ސްޓޭޓްމެންޓް ދެއްވިއިރު، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ހުންނެވީ ޖަރުމަނު ވިލާތުގެ ހޭމްބާގްގެ އިޓްލޮސްގައި ކަމުގައެވެ.

”ދެ މައްސަލައެކޭ ބުނާއިރު، ބައްލަވާ އެކަމަކު މި އިކޮނޮމިކް ޒޯން ފުށޫއަރާ މައްސަލައިގައި އެ ބައި ކުރާ މައްސަލައިގައި ރިފްއަތު މި ވިދާޅުވަނީ ތިމަންނަމެން ނިންމައިފީމޭ މޮރިޝަސްގެ ސިޔާދަތު ގަބޫލު ކުރަން ޗާގޯ އަކިޕެލާގޯ މައްސަލައިގަ. އެއީ ދެމައްސަލައެއް ކަމަށް ވަންޏާ ކީއްވެތޯ އެވާހަކަ އެތާނގަ ދައްކަވަން ޖެހުނީ. މީގެ ކުރިން އަޅުގަނޑުމެން އެ މަޖިލީހުގަ ބުނަމުން ދިޔައީ މިއީ މޮރިޝަސްއިން އެކަން ކަށަވަރު ކުރުމަށް ވަލޮދޮރާށިން ވައްދައިގެން އުޅޭ މައްސަލައެކޭ. އެކަމަކު ރިފްއަތު މި ވިދާޅުވަނީ ތިމަންނާމެން ނިންމައިފީމޭ ސިޔާދަތު ގަބޫލު ކުރަން.“ މުނައްވަރު ވިދާޅުވިއެވެ. 

މުނައްވަރު ވިދާޅުވީ ޝަރީއަތުގެ މަޖިލީހެއްގައި ރާއްޖެއިން މައްސަލައެއް ހުށަހަޅަމުން އިޖުރާއީ މައްސަލައެއް ނަގާފަ، އެ މައްސަލައިގެ މައުޟޫއީ އަޑުއެހުމުގަ އެ އިޖުރާއީ ކަންކަން ދޫކޮށްލާފަ އެފަރާތުން ހުށަހަޅާ ކަންކަމަށް އެއްބަސް ވާނަމަ، އެއީ ވަރަށް ބޮޑު ސުވާލެއް އުފެދޭނެ ކަމެއް ކަމުގައެވެ.

”ގާޒީ ހިތަށް އަރާނެ މި މީހުން ހަމައެއް ނޫނޭ. މި މީހުންނަކަށް މި މީހުންނަށް މި ދެކެވޭ ވާހަކައެއް ނޭނގޭ. އެތާ ތިއްބަވާ ފަނޑިޔާރުން ހިތަށް އެރި އެއްޗެއް އަޅުގަނޑަކަށް ނޭނގޭ. އެމީހުންނަށް މި އެނގުނީ ބަޔަކު ކުރިން ބުނާކަން މި މައްސަލައެއް ނުބެލޭނެއޭ. އެކަމަކު އުހުނ. ފަހުން މި ބުނަނީ ސިޔާދަތު މިހާރު ގަބޫލުކޮށްފީމޭ. މިއީ ހަމަނުޖެހޭ ވާހަކަ.“ މުނައްވަރު ވިދާޅުވިއެވެ. 

ދެން އުފެދޭ ސުވާލެއްގެ ގޮތުގައި މުނައްވަރު ފާހަގަކުރެއްވީ އެ މަސައްކަތަށް ގާނޫނީ ވަކީލުންނާއި ފަންނީ ދާއިރާގެ ބޭފުޅުން ނަންގަވައިގެން ކަމަށް އޭޖީ އޮފީހުން ބުނާ ބުނުމާ ގުޅޭ ގޮތުން އުފެދޭ ކަންކަމެވެ. އެގޮތުން މުނައްވަރު ވަނީ އެބޭފުޅުންނަށް ފީއެއްގެ ގޮތުގައި ދައުލަތުން ދައްކަނީ ކިހާވަރެއް ތޯ އާއި، އެއީ ކޮން ކޮލިފިކޭޝަނެއްގެ ކޮން ބައެއްތޯ ސަރުކާރާ ސުވާލު ކުރައްވާފައެވެ. އަދި ސަރުކާރުން ނެރުނު ބަޔާނުގައި މިނިސްޓްރީ އޮފް ޑިފެންސް އާއި ރައީސް ސޯލިހުގެ ކެބިނެޓުގައި މަޝްވަރާ ކުރެއްވި ކަމަަށް ބަޔާންކޮށްފައިވާއިރު، ދިވެހި ރައްޔިތުންނާ ސީދީ ގުޅުން އޮތް މައްސަލައެއްގައި ހަބަރަކުންވެސް އެފަދަ ވާހަކައެއް އަޑު ނީވޭކަން މުނައްވަރު ފާހަގަކުރެއްވިއެވެ.

”މިހާރު ދައްކަނީ މާ ހެއްވާ ވާހަކައެއް. ދެން ހުރިހާ އާގިއުމެންޓްސް ނިމިއްޖެއޭ. ދެން އޮތީ ޓްރައިބިއުނަލް އިން ނިންމާ ގޮތެކޭ. އަޑުއަހަން ތިބެންވީއޭ. މިފޭބުޅުން އެބަވިދާޅުވޭ ނިންމާނީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށޭ.“ މުނައްވަރު ވިދާޅުވިއެވެ. 

އެހެން ވިދާޅުުވަމަށްފަހު އެކަން ނިންމާނީ އިކުއިޑިސްޓެންސް އުސޫލުން ކަމަށް ބަންޑާރަ ނައިބު އޮފީހުގެ އޮފިޝަލަކު (ތަރުޖަމާނު ހުސެއިން ހަސަން) ވިދާޅުވި ކަމަށާއި، އެއީ ބައިނަލްއަގްވާމީ ހަމަކަމަށް އޭނާ ވިދާޅުވިކަން މުނައްވަރު ފާހަގަކުރެއްވިއެވެ.

”އެ ރަނގަޅުވާހަކައެއް. ދެގައުމެއްގެ ދެ ދައުލަތެއްގެ މެދުގައި ކަނޑުގެ ސަރަހައްދެއް އޮވެފަ، ފުށޫއަރާ ކަމަށް ވެއްޖެއްޔާ އެ ފުށޫއެރުން ބައި ކުރާ އެއް އުސޫލު އިކުއިޑިސްޓެންސް އަކީ. އެއީ އެންމެ ގޮތެއް. އެނޫން ގޮތްގޮތްވެސް ހުރޭ. ވަރަށް ގިނަ ސަބަބުތައް ހުންނާނެ ކޮންސިޑަރ ކުރަންޖެހޭ. އެގޮތުން ތާރީހީ ގޮތުން އެތަނެއް ބޭނުން ކުރަމުން އައީ ކޮންބައެއް ކަމާ، އެކަނޑެއްގެ މައްޗަށް ކޮންޓްރޯލް ހިންގަމުން އައީ ކޮންބައެއްކަމާ، އެކަނޑުގެ ބޭނުންކުރަނީ ކޮންބައެއްކަން.“ މުނައްވަރު ވިދާޅުވިއެވެ. 

ބޭސްލައިން ކުރަހާފައި އޮތް ގޮތަށް ބަލާއިރު، އެގޮތް ހިޔާރު ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރުންނަށްވެސް އެކަން ނޭނގޭކަމަށް މުނައްވަރު ވިދާޅުވިއެވެ.

ކޮންޓިނެންޓަލް ޝެލްފް އެކްސްޑެންޑު ކުރުމުގެ މަސައްކަތް މުނައްވަރު މެން ކުރެއްވި ދުވަސްވަރުގެ ވާހަކަ ހިއްސާ ކުރައްވަމުން އޭނާ ވިދާޅުވީ އެއްވެސް ގައުމަކާ ފުށޫ އަރާތޯ ނުބައްލަވާ ކަމުގައެވެ. އެކަން ބަލަން ނުޖެހެނީ ބައިނަލްއަގްވާމީ ކަނޑުތަކާ ބެގޭ ގާނޫނުގެ ދަށުން ލިބިދޭ ހައްގަކަށް ވުމުން ކަމަށާއި، އެހެން ކަމުން ކްލެއިމް ކުރެވޭނެ އެންމެ ބޮޑު ސަރަހައްދެއް ނެންގެވީ ކަމަށް މުނައްވަރު ވިދާޅުވިއެވެ. އެގޮތަށް އެކްސްޓެންޑް ކުރިއިރު، ރާއްޖޭގެ އިރުމަތިން ސްރީލަންކާ، އިރުދެކުނުން ސީޝެލްސް އަދި ދެކުނުން މޮރިޝަސްގެ ކޮންޓިނެންޓަލް ޝެލްފް އާއި ފުށޫއަރާފާނެކަން އެނގޭކަން އޭނާ ފާހަގަކުރެއްވިއެވެ.

”އެއީ ކޮންމެ ގައުމަކުންވެސް މިއަންނަނީ އެގައުމަކުން ކުރެވޭނެ މެކްސިމަމް ކްލެއިމް. ދެން މި ކްލެއިމް ވީ މިހާރު ޔޫއެންގެ ކަމާބެހޭ ކޮމެޓީއަށް މި ފުށޫއެރުންތައް ހައްލު ކުރަން ހުށަހަޅާފަ. އަޅުގަނޑުމެންގެ ކްލެއިމް އ ހަމައަށް ދާން އަދި 4 އަހަރު ވަރު ނަގާފާނެ.“ މުނައްވަރު ވިދާޅުވިއެވެ. 

މިހާރު މިއުޅޭ މައްސަލައަކީ ތަފާތު މައްސަލައެއްކަން ފާހަގަކުރައްވައި ޑރ.މުނައްވަރު ވިދާޅުވީ ރާއްޖެއިން ބައެއް އުނިވާގޮތަކަށް ސަރުކާރުން އަމަލު ކުރަމުންދާ ދަނޑިވަޅެއްގައި އެވާހަކަ ނުދައްކާ ނުތިބެވޭނެކަމުގައެވެ. ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ސަރަހައްދުގެ ޑެފިނިޝަން ނުވަތަ މާނަ ޑްރާފްޓް ކުރެއްވީ އެބޭފުޅާކަން ފާހަގަކުރައްވައި މުނައްވަރު ވިދާޅުވީ މޮރިޝަސްގެ ސިޔާދަތު ގަބޫލު ކުރުމުގެ މައްސަލައިގައި އެ ފަރާތަށް ދައުވާ ކުރުމުގެ ހައްގު ލިބިފައިވޭތޯ ސުވާލު އުފައްދަން ޖެހޭ ކަމުގައެވެ.

ކުރީގެ ބަންޑާރަ ނައިބު އަދި އެމްޑީޕީގެ އެއް ބާނީ ޑރ.މުހައްމަދު މުނައްވަރު

ޗާގޯސް މޮރިޝަސްއަށް ލިބިފައިވާކަމަށް ދެކުމަކީ ”ބަހުސެއް“ ނުވަތަ ހީއެއް ކަމަށާއި، ރައީސް ސޯލިހު ރައީސްކަމުގައި ހުންނަވައިގެން، ޗާގޯސް މޮރިޝަސްގެ ބައެއްގެ ގޮތުގައި ގަބޫލުފުޅު ކުރެއްވި ކަމުގެ ސިޓީފުޅެއް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވުމަކީ އަޖައިބެއް ކަމުގައި މުނައްވަރު ވިދާޅުވިއެވެ.

މޮރިޝަސްގެ ސިޔާދަތު ގަބޫލުކުރާ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުވުމަކީ އަޖައިބެއް. އެހެން ނޫނިއްޔާ ދުނިޔެ ހިނގާ ގޮތް ނޭނގެނީ. އެހެން ނޫނިއްޔާ ތަން ދޮރު ނުފިލަނީ. ބޮޑަށް ބުރަ ވެވެނީ އެގޮތަށް: ޑރ.މުނައްވަރު ވިދާޅުވިއެވެ. 

އެއީ ރައީސް ސޯލިހަށް ދުނިޔެ ހިނގާގޮތް އެނގިވަޑައި ނުގަތުމުގެ ސަބަބުން ނުވަތަ ތަންދޮރު އޮޅުން ނުފިލުމުގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

”އަޅުގަނޑުމެންނާ ދޭތެރޭގައި މައްސަލައެއް ބަޔަކު ހުށަހަޅާފައި އޮއްވައި، އެމީހުންނާ އެ މައްސަލައިގަ ތާއީދުކޮށްގެން ނުކުންނަ މީހާ އަދި އޯކޭއެއް ނޫން. މިއީތޯ އެކަން ގަބޫލު ކުރަންވީ ވަގުތަކީ. ދެން މިބޭފުޅުން ވިދާޅުވަނީ މިއީ ޑީކޮލޮނައިޒޭޝަން ކަމަށް. ބަލަ ޑީކޮލޮނައިޒޭޝަން އޮއްވައި ނޫންބާ ޓްރައިބިއުނަލްގަ އަޅުގަނޑުމެން ބަހުސް ކުރީ. މިއީ ވަލު ދޮރާށިން މޮރިޝަސް ވަދެގެން އެމީހުންގެ ސިޔާދަތު ކަށަވަރު ކުރަން އުޅޭ މައްސަލައެކޭ. ބަލަ އޭރު ކޮބާ ޑީކޮލޮނައިޒޭޝަން؟ ހަނދާން ނެތުނީ؟“ މުނައްވަރު ވިދާޅުވިއެވެ. 

އެޓާނީ ޖެނެރަލް ކަމުގެ މަގާމަށް ރިފްއަތު ވަޑައިގަތުމަށް ފަހު ކުރެއްވި ކަމަކީ ރަހުމަތްތެރިއަކާއެކު ލޯ ފާމެއް ހެއްދެވުމަށްފަހު އެބޭފުޅާގެ ލޯ ފާމުން ދިވެހި ދައުލަތާއި ދެކޮޅަށް މައްސަލައެއް ގެންގުޅުން ކަމުގައި މުނައްވަރު ވިދާޅުވިއެވެ. އެ މައްސަލައަކީ ރާއްޖެއަށް ސިނގިރޭޓު އިމްޕޯޓު ކުރާ ކުންފުންޏަކުން އެތެރެކޮށްފައި ހުރި ސިނގިރޭޓުތަކެއް ޑިއުޓީ ބަދަލުވުމުގެ ގަޑި ޖެހުމުގެ ފަހުން ބޮޑު ޑިއުޓީ ދައްކަން ޖެހުނު މައްސަލައެކެވެ. އެކަމުގައި އެއްކޮޅުން ދައުލަތް އަދި އަނެއްކޮޅުން ރިފްއަތުގެ ލޯ ފާމުން އުޅުނުކަން މުނައްވަރު ފާހަގަކުރެއްވިއެވެ. އެކަމަކު އެޓާނީ ޖެނެރަލް އަކަށް ރިފްއަތު ވެވަޑައިގަތުމާއެކު ދައުލަތުގެ ޕޮސިޝަން ބަދަލުވެ އެއީ ގޯސްކޮށް ނަގާފައި އޮތް ޓެކްސް އެއް ކަމަށް ކަނޑައެޅިގެން ދިޔައީއެވެ. .

”ބައްލަވާ މި މީހުންގެ ކްލައިންޓަށް ފައިސާ ދިނީ. ކަސްޓަމްސް ހިންގަވަން ތިއްބެވި ބޭފުޅުން ރޮއިފަ އެފައިސާ ދެއްވީ. އެވީ ދިވެހި ދައުލަތަށް ފައިދާ ތޯ؟ އެހެންވީމާ މިބޭފުޅާ ހުންނަވައިގެން ދިވެހި ދައުލަތުގެ މަންފާ އަށޭ ޕޮޒިޝަން ބަދަލު ކުރީ ބުނީމަ އެ ހައްދަވަނީ ތެދު ކަމަކަށް ގަބޫލެއް ނުކުރެވޭ.“

އިންޑިއާގެ ނުފޫޒު

އެހިސާބަށް ކަންތައްތައް ދިޔުމުން މުޅި ދުނިޔެވެސް ރާއްޖެއަށް މަލާމާތް ކުރާނެ ކަމަށާއި، މިކަމުގެ ފަހަތުގައި ނުރަނގަޅު ނުފޫޒެއް އުޅޭކަން އެނގި ހާމަވާނެ ކަން ފާހަގަކުރައްވައި މުނައްވަރު ވިދާޅުވީ އެ ނުފޫޒާ ދޭތެރޭގައި ބިރު އެބައޮތް ކަމުގައެވެ. މޮރިޝަސް އަކީ ކޮބައި ކަމާއި، އެގައުމުގެ މައްޗަށް ނުފޫޒު ހިންގަނީ ކޮން ގައުމަކުން ކަން އެނގޭކަމަށް މުނައްވަރު ވިދާޅުވިއެވެ. އަދި މޮރިޝަސް އަށް އެފަދަ ސިޓީފުޅެއް ފޮނުވަން ރައީސް ސޯލިހަށް ނުފޫޒު ގަދަ ގައުމަކުން އެންގީތޯ އާއި އެފަދަ އެންގުމެއް އެންގި ނަމަ، އެއީ ވަރަށް ހިތާމަވެރިކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

”އެއް ސުވާލަކީ އިސްތިއުމާރީ ބާރެއްގެ ދަށަށް ރާއްޖެ ދަނީތޯ، ދެވަނަ ސުވާލަކީ ރާއްޖެ ކޮޅަށް މައްސަލަ ނިންމަން ޖާގަ ކުޑަ ކުރުމަށް މޮރިޝަސްގެ ސިޔާދަތު ގަބޫލު ކުރުމާއެކު އިމުގެ ސަރަހައްދުވެސް ބައި ކުރަންވީކަން ނުސީދާގޮތެއްގައި ބުނެވެނީތޯ.“ މުނައްވަރު ވިދާޅުވިއެވެ. 

މަސްވެރިކަމަށް އޮތް ގޮން ޖެހުން

ޗާގޯސް އާކިޕެލާގޯ އައިލެންޑްސް ގައި ހިމެނޭ އެންމެ ބޮޑު އަތޮޅު ކަމަށްވާ ފޯޅަވަހި ނުވަތަ އެމެރިކާގެ މިލިޓަރީ ބޭހެއް ކަމަށްވާ ޑިއަގޯ ގާސިއާ އަކީ އިނގިރޭސީން އެމެރިކާއަށް ކުއްޔަށް ދީފަ އޮންނަ ތަނެއްކަން ފާހަގަކުރައްވައި މުނައްވަރު ވިދާޅުވީ އެތަނުގެ މުއްދަތު ވަރަށް އަވަހަށް ހަމަވާނެ ކަމުގައެވެ. އަދި އިގްތިސާދީ ސަރަހައްދެއްގެ ގޮތުގައި އެތަން މޮރިޝަސް އިން ބޭނުންވާއިރު، އެގައުމަކީ މަސްވެރިކަން ކުރާ ގައުމަކަށް ނުވާއިރު އެގައުމުގެ ސަރަހައްދުން މަސް ބާނަނީ އެހެން ގައުމުތަކުންކަން މުނައްވަރު ފާހަގަކުރެއްވިއެވެ. އެއީ ފްރާންސް، ސްޕެއިން އަދި ސައުތު ކޮރެއާ ފަދަ ގައުމުތަކަށް ލައިސެންސް ދީގެން ދާ އަޅައިގެން މަސްވެރިކަން ކުރަމުން އަންނަ ސަރަހައްދެކެވެ. އަދި އައްޑޫ އަތޮޅު 200 މޭލު ބޭރުން އެ ސަރަހައްދު ބައިކޮށްފައި މޮރިޝަސް އަށް ދިނުމުން، ދާ އަޅާނެ ކަމަށާއި، އާންމުކޮށް ދިވެހިން ބާނާ ކަނޑުމަހަކީ އެއް ތަނުން އަނެއް ތަނަށް އަވަސް މިނެއްގައި ހިޖުރަ ކުރާ ބާވަތެއް ކަމުގައެވެ. އަދި އެފްރިކާ ކޯސްޓުން ފެށިގެން މޮޒަމްބީ އިން ދަތުރު ކުރަމުން ގޮސް ބޭ އޮފް ބެންގާލް ވަށައި ކަނދުފައްޗެއް ފަދައިން އޮންނަ ރާއްޖެއަށް އައި މަޑުކުރުމަށްފަހު އަނެއްކާވެސް އެ ސަރަހައްދަށް ކަނޑުމަސް ދާކަން މުނައްވަރު ފާހަގަކުރެއްވިއެވެ.

”އެ އަންނަ މަގުމަތީގަ ދާ އަޅާ. ދާ މަގުމަތީގަ ދާ އަޅަނީ. މިހާރު ދާއިމަށް ދާ އަޅަނީ އިނގޭތޯ މިވާގޮތުން ވެއްޖެއްޔާ. އެޅީމަ ދެން ދެކުނުގެ މަސްވެރިކަމަށް ކިހިނެއްތޯ ވާނީ.؟ އެވަރަަށް ދިރާސާއެއް ނުކުރެވޭ ވާނެގޮތެއް. ސެން ސަތޯރަހާ އާއި ތަންތަނަށް ދާއިރު އެކައްޗެއްވެސް ނުހުންނާނެ.“ މުނައްވަރު ވިދާޅުވިއެވެ.

މޮރިޝަސް އަކީ އެފަދަ އިގްތިސާދީ ސަރަހައްދެއް ބޭނުންވާނެ ބައެއް ނޫންކަން ފާހަގަކުރައްވައި މުނައްވަރު ވިދާޅުވީ ދުނިޔޭގެ އުސޫލުން ބައި ކުރާ ވާހަކަ ސަރުކާރުން ދައްކަނީ އޮޅުވާލަން ކަމަށާއި ޑީލެއް ހަދައިގެން އުޅެނީ އިންޑިއާ އާއި ކަމެއް ނުވަތަ އެހެން ގައުމަކާ އެއްކޮށް ކަމެއް ނޭނގޭ ކަމަށްވިޔަސް ޝައްކު ކުރެވޭ ކަންކަން ހިނގާފައި ހުރި ކަމުގައެވެ.

ޗާގޯސްގެ މައްސަލަ 2019 ވަނަ އަހަ ޓްރައިބުއުނަލް އަށް ހުށަހެޅި އިރު، އެއީ ކޯވިޑް-19 ގެ ދުވަސްވަރު ކަން ފާހަގަކުރައްވައި މުނައްވަރު ވިދާޅުވީ، އެފަދަ ދުވަސްވަރެއްގައި މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވީ އޮންލައިން ކޮށް ކަމުގައެވެ. މޮރިޝަސް އިން ވެސް ބައިވެރިވީ އޮންލައިންކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

”ރިފްއަތު ޓިކެޓް ކަނޑާލައިގެން އެތަނަށް ވަޑައިގަތީ. ކީއް ކުރަން؟ މިތާ އިންޓަނެޓް ނެތީއެއް ނުނޭ. ޗުއްޓީއަށް؟ ޑީލް ހަދަން؟ ކާކާ ޑީލް ހަދަން؟ ވިސްނާ ބައްލަވާ ބަންޑާރަ ނައިބަށް ކީއްވެތޯ ޝަރީއަތް ނިމެންދެން މަޑު ނުކުރެއްވެނީ؟ އަމިއްލައަށް ނިންމަންޏާ އެއީ ގޯހެއް. ޝަރީއަތަށް އިތުބާރު ނެތީތޯ؟“ މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވިގޮތުގައި ކޯވިޑުގެ ތެރޭގައި އެންމެ އޮންލައިންކޮށް ކަންކަން ނިންމަމުން ދިޔައިރު، އޭޖީ ރިފްއަތުމެން ފަދަ ބޭފުޅުން ހޭމްބާގަށް ވަޑައިގެން ކުރެއްވީ ކީއްތޯ ބަލަން ޖެހެއެވެ. ދައުލަތުން އެވަރުގެ ބޮޑު ހަރަދެއް ކުރީ ކީއްވެތޯ ބަލަންޖެހޭކަން ފާހަގަކުރައްވައި މުނައްވަރު ވިދާޅުވީ ދައުލަތުން އެވަރުގެ ހަރަދެއް ކޮށްގެން ރާއްޖެއިން ބައެއް ދޭން ޖެހެނީ ކީއްވެތޯވެސް ބަަލަން ޖެހޭ ކަމުގައެވެ.

”ކާކުތޯ މާސްޓަރަކީ އިންޑިއާ ތޯ ނޫނީ ފައިސާ ތޯ ކިހިނެއްތޯ ވެގެން މިއުޅެނީ ސާފުކޮށް ކިޔައިދޭންވީނު. ކޮބައިތޯ ރައީސް. މިވަރުގެ މައްސަަލައެއް ހިނގަމުންދާއިރުގަ އަޅެ އެއްޗެކޭ ބުނަންވެއްޖެއެއްނު؟“ މުނައްވަރު ވިދާޅުވިއެވެ.

ދައުލަތް ނުހިންގިގެން ސަރުކާރާއި ސަރުކާރު ހިންގަން ތިއްބެވި ބޭފުޅުންގެ އިތުބާރު ގެއްލޭ ވާހަކަ އަޑު އިވެމުންދާ ކަން މުނައްވަރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ދައުލަތް ނުހިންގިގެން އެކި ފަރާތްތަކަށް ބަރޯސާވަމުންދާ މަންޒަރު ފެންނަ ކަމުގައެވެ. ދިވެހި ދައުލަތުގެ ކަރާމާތާއި ނަޒާހަތްތެރިކަން ހިނގައްޖެ ކަމަށާއި، އަމިއްލަ ސަރަހައްދު ގެއްލިއްޖެ ނަމަ، އެއީ އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ކަން މުނައްވަރު ފާހަގަކުރެއްވިއެވެ. ދިވެހި ދައުލަތް ބިނާ ކޮށްފައި އޮތީ އެތައް ބައެއްގެ ގުރުބާނީއާއި އެތައް އަހަރުތަކެއްގެ މަސައްކަތުގެ ތެރެއިން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

”100 އޮފް އިޔާޒް ދެއްތޯ. މި ހިސާބަށް ދިޔާމަ މިބޭފުޅުން ހިނި އައިސްފަ އެތާ ސޮއި ކޮށްލާފަ މިތާ ސޮއި ކޮށްލާފަ. ރައްޔިތުންގެ މަޖިލީހުގައިވެސް މި ބުނަނީ މިއީ މައްސަލައެއް ނޫނޭ. ސަރުކާރުން ނޫޅޭ އިންޗިއެއްވެސް ދޫކޮށްލާކަށް.“ މުނައްވަރު ވިދާޅުވިއެވެ.

ރާއްޖޭގެ ސަރަހައްދަކީ އާކިޕެލޮޖިކް ބޭސްލައިނުން ފެށިގެން 200 މޭލު ކަމަށް ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައި އޮއްވައި، ދެކުނު އެބުނާ އިކިއުޑިސްޓެންސަޓުން ބައިކޮށްގެން އިންޗިއެއްވެސް ގެއްލޭނަމަ އެއޮތީ ބައެއް ގެއްލިފައިކަން މުނައްވަރު ތަކުރާރު ކުރެއްވިއެވެ.

”ބައުންޑަރީ އޮތީ ކަނޑައެޅިފަ. ބައުންޑަރީ ކަނޑައެޅިފަ ނެތް ކަމަށް ވެއްޖެއްޔާ އެބުނާހެން ބައުންޑަރީ ކަނޑައަޅައިގެން ލިބުނު އެއްޗެއް ސަރަހައްދެއް އެއްޗެއް އުންޏެއް ނުވެއެއްނު. މިކަހަލަ އާގިއުމެންޓެއް އެ ދެއްވަނީ. ވަރަށް ސާފުކޮށް ދިވެހިރާއްޖެއިން އާގިއު ކުރަން ޖެހޭނީ ކޮށްފަ އޮންނަން ޖެހޭނީ މޮރިޝަސް ދަށުގައި ނުވަތަ އިނގިރޭސީންގެ ދަށުގައި ޗާގޯސް އޮތަސް އެތަނަކަށް އިގްތިސާދީ ސަރަހައްދެއް ލިބިގެން ނުވެއޭ. އެއީ އަޅުގަނޑުމެންނޭ އެތަނުން ކައިގެން އުޅެނީ.“ މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވިގޮތުގައި އާކިޕެލެޖިކް ބޭސްލައިންސް ދެވޭނީ އާކިޕެލެޖިކް ސްޓޭޓަކަށް އެކަންޏެވެ. އަދި ރާއްޖެއަކީ އާކިޕެލެޖިކް ސްޓޭޓޭއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ގައުމެއް ކަމަށް ވުމުން ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތަށް އެކަން ކުރުމަށް ރާއްޖެއަށް ހުރަހެއް ނެތެވެ. ރާއްޖޭގެ ޒޯން ބައިކޮށްފައިވަނީ ގޯސްކޮށް ކަމަށް އަލަށް ކިޔަވާ ވިދާޅުވާ ބައެއް ބޭފުޅުން ވިދާޅުވާ ކަމަށާއި، އެކަމަކު ދަމާފައި އޮންނާނީ ރާއްޖެއަށް އެންމެ ފައިދާވާ އަދި އެންމެ ޒޯން ބޮޑުވާގޮތަށް ކަން އޭނާ ފާހަގަކުރެއްވިއެވެ.

”ދަމާފައި އޮންނާނީ ފިސާރި ރަނގަޅަށް. ދެން މުޒާހަރާ ކުރަންޏާ ކުރޭ. ދާ ތަނަކަށް ދޭ. ދެން ބަންޑާރަ ނައިބު އެއްބަސްވެފަ ރައީސް ސިޓީ ފޮނުވަންޏާ މިކަމެއް ނުވާނެ. މިގައުމެއް ނުދެމެހެއްޓޭނެ. އެހެންވީމަ މިބޭފުޅުންނަށް މިކަން ނުވަންޏާ ގެއަށް ކަނޑާލަންވީ. ނުކަނޑަންޏާ ރައްޔިތުން ނިކުމެ ބާލަންވީ. އެވަރުންވެސް މިގައުމު ސަލާމަތް ކުރަން ޖެހޭނެ.“ މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވީ އެބޭފުޅުން ނިކުމެގެން ވިޔަސް ގައުމު ސަލާމަތް ކުރަން ޖެހިފައިވާ ކަމުގައެވެ.

މޮރިޝަސް އަކީ އިންޑިއާ އާއި ވަރަތް ގާތް ގުޅުމެއް އޮންނަ ގައުމެއް ކަމަށާއި، މޮރިޝަސް އަށް ޗާގޯސް ލިބުމަކީ އިންޑިއާ ބޭނުންވާ ގޮތް ކަން މުނައްވަރުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އިންޑިއާ އަކީ އިގްތިސާދީ ގޮތުންނާއި، އަސްކަރީ ގޮތުން ސަރަހައްދުގެ ބާރުގަދަ ގައުމެއް ކަމުގައި އޭނާ ވިދާޅުވިއެވެ. އިންޑިއާގެ ދަށުގައި ލެކެޑިވްސް މިނިކޯއީ ނުވަތަ މަލިކު އޮތް ކަމާއި، އެގައުމުން ހަނިމާދޫއާއި، އުތުރުތިލަފަޅާއި، އައްޑޫގައި ބަނޑަހަޖަހާފައިވާ ކަމަށް މުނައްވަރު ވިދާޅުވިއެވެ. ރާއްޖޭގެ އުތުރާއި މެދާއި ދެކުނުގައި އިންޑިއާގެ އަސްކަރީ ބާރު ގާއިމް ކުރުމަށްފަހު އޭނާ ފާހަގަކުރެއްވިގޮތުގައި ދެން އެމީހުންނަށް ބޭނުންވާނީ އައްޑޫގެ ދެކުނުން ފޯޅަވައްސެވެ. އެ ހިސާބުން އިންޑިއަން އޯޝަންގެ މުޅި ކޮންޓްރޯލް އިންޑިއާއަށް ލިބޭނެ ކަމަށާއި، އެމީހުންގެ ހުއްދަ ނެތި އެ އޯޝަންގެ އެއްފަރާތުން އަނެއް ފަރާތުން ހުރަސް ނުކުރެވޭނެ ކަން މުނައްވަރު ފާހަގަކުރެއްވިއެވެ. 

މުނައްވަރު ހާމަކުރެއްވިގޮތުގައި ރާއްޖޭގެ ސަރަހައްދީ ފައިދާ އިންޑިއާއިން ނަގައި، ޗައިނާ އާއި އޭޝިއާގެ ގައުމުތަކުން މެދުއިރުމައްޗާއި އެފްރިކާގެ ގައުމުތަކަށް ގެންދާ މުދާތައްވެސް ގެންދެވޭނީ އިންޑިއާގެ ހުއްދަ ލިބިގެންނެވެ. 

ޗާގޯސް އަކީ މޮރިޝަސްގެ ސިޔާދަތު އޮންނަ ތަނެއްގެ ގޮތުގައި ވަކާލާތު ކުރެވިދާނެ ތަ؟

1965 އަހަރާ ހަމައަށް އައިއިރު، އިނގިރޭސީންނަށް މޮރިޝަސް އޮތީ ލިބިފައެވެ. އިނގިރޭސީން ނިންމީ މޮރިޝަސް އަށް މިނިވަންކަން ދިނުމަށެވެ. އޭގެ 3 އަހަރު ކުރިން އިނގިރޭސީން އޮތީ ޗާގޯސް އާކިޕެލާގޯ އަކީ މޮރިޝަސްގެ ބައެއް ނޫން ކަމަށް ކަނޑައަޅައި އެ ސަރަހައްދު މޮރިޝަސް އިން ވަކި ކޮށްފައެވެ. އޭރު ޗާގޯސް އައިލެންޑްސް ގައި އެކި ކަހަލަ މަސައްކަތްތަކުގައި ހާހެއް ހާ މީހުން ތިއްބެވެ. ޑރ.މުނައްވަރުގެ ވާހަކައިން އެނގުނު ގޮތުގައި އެ ސަރަހައްދުގައި ނަސްލެއް ނެތެވެ. އެއީ އެފްރިކާ ބައްރުން ފްރާންސް މީހުން ގެންދިޔަ ބަޔަކާއި، އިނގިރޭސީން ގެންދިޔަ ބައެކެވެ. އެމީހުން ބޭލުމަށް ފަހު ފޯޅަވަހި އެމެރިކާއަށް ކުއްޔަށް ދިނީއެވެ. އެހެން ކަމުން ފޯޅަވައްސަކީ މޮރިޝަސްގެ ސޮވެރިންޓީގައި އޮންނަން ޖެހޭ ތަނެއް ކަމާއިމެދު ސުވާލު އުފެދެއެވެ. 

 

 

4 Comments

  1. އެއްވެސްއިރެއއގައި ތިމާމެން ފޯލަވަހިއަކީ ރާއްޖޭގެތަނެއްކަމުގައި ދައުވާނުކޮށްތިބެފައި ދެންކޮންވާހަކައެއް ތިދައްކަނީ

    1. އެއީ ދިވެހިތާރީޚުގައިވާގޮތުން ރާއްޖެ ހިފަމުން އަންނަ އިންޑިއާ ރުއްސަން އުޅޭ މޮރިޝަސް މީހުންނަށް ފޯޅަވަހި ދޫކޮށްލާން ޖެހޭސަބަބެއް އަދި ބަހަނާއެއް ނޫން …
      މިސާލު .މީހެއްގެ ވާރުތަވެރިޔާ ދުވަހަކު ލޮލަށް ނުފެނި ދުނިޔޭގައި އުޅުނަސް ހަމަ މުދަލުގެވެރިޔާ މަރުވާ އިރަށް އެއްކަލަ ވާރުތަވެރިޔާ ދައުލަތުން ހޯދައިގެން ގެނެސް މުދާ ޙަވާލު ކުރާތަން ނުފެނޭތޯ ވީމާ އެއިން ދޭަހަވަނީ މުދާ އެޙައްޤުވާ މީހާ ކުރިން ނުފެނުނަސް ނުވަތަ ފޯޅަވައްސާ ދަޢުވާ ނުކުރިޔަސް ފޯޅަވަހީގެ
      ޙައްގު އޮންނާން ވާނީ ދިވެހިރާއްޖެއަށް ކަން .ތާރީޚުން ހެކިދޭޖަމާ އިންޑިއާމީހުން ރާއްޖެއާ އެކިފަހަރު މަތީން ތޮޅޭވަރު ތާރީޚުން ހެކިދޭކަން.

Leave a Reply

Your email address will not be published. Required fields are marked *

Back to top button