ޚަބަރު

ރާއްޖެ-މޮރިޝަސް ކަނޑުގެ އިމުގެ މައްސަލައިގައި އޭޖީ އިން ހިފާ ގާނޫނީ ބައެއް ނުކުތާތައް!

ދިވެހިރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލައިގައި އަރާފައިވާ ބައެއް އޮޅުންބޮޅުންތައް ގިނަ ކަމަށް ދައުވާ ކުރަމުން އަންނަ އެޓާނީ ޖެނެރަލް (އޭޖީ) ގެ އޮފީހުން އަމަލުކޮށްފައިވާގޮތް ދިފާއުކޮށް ގާނޫނީ ނަޒަރަކުން ބަޔާނެއް ނެރެފިއެވެ.

އޭޖީ އޮފީހުގެ ރަސްމީ ޓުވިޓާގައި ހިމަނާފައިވާ ދިގު ބަޔާނުގައިވާގޮތުން ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (އަންކްލޮސް) އަކީ 10 ޑިސެމްބަރު 1982 ގައި ރާއްޖެއިން ބައިވެރިވެފައިވާ ކޮންވެންޝަނެކެވެ. އަދި 7 ސެޕްޓެމްބަރު 2000 ގައި ރާއްޖެއިން މި މުއާހަދާއަށް އަމަލުކުރަން ފަށާފައިވެއެވެ. ގާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ށ) ގައި ދިވެހި ދައުލަތުން ބައިވެރިވާ، ބައިނަލްއަގްވާމީ މުއާހަދާތަކުގެ މައްޗަށް އަމަލުކުރުމަށް ރައްޔިތުންނަށް ލާޒިމްވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ބަޔާންކޮށްފައިވާކަމަށް އޭޖީ އޮފީހުގެ ބަޔާނުގައި ވެއެވެ.

އަންކްލޮސްއަށް ގާނޫނީ ބާރު ލިބިދީފައިވަނީ ނަންބަރު 96/6 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުން). އެ ގާނޫނުގެ 7 ވަނަ މާއްދާ އާއި 16 ވަނަ މާއްދާ ބަލާއިރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ގުޅޭގޮތުން ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން ލިބިދޭ ހައްގުތައް ލިބިދެވޭނެ ކަމަށާއި، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދާއި އެހެން ގައުމެއްގެ ހާއްސަ އިގްތިސާދީ ސަރަހައްދާ ފުށުއަރާނަމަ، އެ ފުށުއެރުމެއް ހައްލުކުރަންޖެހޭނީ ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވޭ އެއްބަސްވުމެއްގެ ދަށުންކަމަށް ބަޔާންކޮށްފައިވާ ކަމަށް އޭޖީ އޮފީހުން އާންމު ކުރި ބަޔާނުގައި ވެއެވެ.

އޭޖީ އޮފީހުން ހާމަކުރެއްވި ގޮތުގައި މޮރިޝަސް އަދި ރާއްޖެއަކީވެސް އަންކްލޮސްގައި ސޮއިކޮށްފައިވާ އަންކްލޮސްގެ މެންބަރު ގައުމުތައް ކަމަށްވާއިރު، އެ ދެ ގައުމުގެ ދެމެދުގައި އީއީޒެޑް ފުށުއެރުމުގެ މައްސަލަ ހައްލުކުރަންޖެހޭނީ އަންކްލޮސްގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަންކްލޮސްގެ އާޓިކަލް 74 ގައި އީއީޒެޑް ފުށުއެރުމުގެ މައްސަލަ ހައްލުކުރާނީ ދެ ގައުމުގެ ދެމެދުގައި ބައިނަލްއަގްވާމީ ގާނޫނުގެ ހަމަތަކުގެ މަތިން ވެވޭ އެއްބަސްވުމެއްގެ ދަށުންކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެއްބަސްވުމަކަށް ނާދެވޭނަމަ އީއީޒެޑް ފުށުއެރުމުގެ މައްސަލަ ހައްލުކުރަންޖެހޭނީ އަންކްލޮސްގެ ޕާޓް 15 ގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ބަޔަންކޮށްފައިވާ ކަން އެ އޮފީހުން ބުންޏެވެ.

އަންކްލޮސްގެ 15 ވަނަ ބައިގައި ހިމެނޭ އާޓިކަލް 287 ގެ 1 ގެ (އޭ) އަށް ބަލާއިރު، އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސްގައި) އިންވެސް މައްސަލައިގައި ގޮތް ނިންމިދާނެކަން ފާހަގަކުރެވޭ ކަމަށާއި، ދެ ގައުމުގެ ދޭތެރޭގައި އުފެދޭ ކަނޑުގެ ސަރަހައްދުގެ ބައުންޑަރީ ފުށުއެރުމުގެ މައްސަލަތައް އައިސީޖޭ އަދި އިޓްލޮސްއިން ހައްލުކޮށްދީފައިވާކަން އޭޖީ އޮފީހުން ބުނެފައިވެއެވެ.

ނިކަރާގުއާ ވ ކޮލަމްބިއާ (2012 ވަނަ އަހަރުގެ އައިސީޖޭ ނިންމުން) އަކީ އީއީޒެޑް އަދި ކޮންޓިނެންޓަލް ޝެލްފްގެ (200 ނޯޓިކަލް މޭލުގެ ތެރޭގައި ހިމެނޭ ސަރަހައްދުގެ) ޑިލިމިޓޭޝަން މެތޮޑޮލޮޖީ ކަނޑައަޅާފައިވާ ލޭންޑް މާކް ނިންމުމެއް ކަމަށާއި، އެ ނިންމުމުގައި ކަނޑައަޅާފައިވާ ގޮތުންނަމަ މެރިޓައިމް ޑިލިމިޓޭޝަންގެ 3 މަރުހަލާއެއް ވާކަމަށް އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެ މަރުހަލާ ތަކަކީ:

  • މަރުޙަލާ 1: ރިލަވެންޓް ކޯސްޓްގެ މެދުން އިކުއިޑިސްޓަންސް ލައިނެއް ދަމާލުން
  • މަރުޙަލާ 2: އިކުއިޑިސްޓަންސް ލައިން އެޖަސްޓްކޮށްލަން ނުވަތަ ޝިފްޓްކޮށްލަންޖެހޭފަދަ ރިލަވަންޓް ސަރކަމްސްޓޭންސެއް އޮތްތޯ ބަލައި އެފަދަ ސަރކަމްސްޓޭންސެއް އޮތްނަމަ، އެ ލައިން ޝިފްޓް ކޮށްލުން ނުވަތަ އެޖަސްޓްކޮށްލުން
  • މަރުޙަލާ 3: އެޖަސްޓްކުރި ނުވަތަ ޝިޕްޓްކުރި ލައިންގެ ސަބަބުން، ރިލަވަންޓް ކަނޑުގެ ސަރަހައްދާ އަޅާ ބަލާއިރު އެއްވެސް ޑިސްޕްރޮޕޯޝަނަލިޓީއެއް ނުކުމޭތޯ ބެލުން

މި މަރުހަލާތަކުގެ ތެރެއިން ޑިލިމިޓޭޝަން ފޯމިއުލާއަކީ ރޯމޭނިއާ ވ ޔޫކްރެއިން (2009 ވަނަ އަހަރުގެ އައިސީޖޭ ނިންމުން) ގައިވެސް ބޭނުންކޮށްފައިވާ ފޯމިއުލާއެވެ. އަދި އެ މައްސަލަތަކަށް ބަލާއިރު، ޑިލިމިޓޭޝަންގައި ބޭނުންކުރާ ހަމައަކީ ”އިކުއިޓަބްލް ސޮލިއުޝަން“ އަކަށް އައުން ކަން އޭޖީ އޮފީހުން ބަޔާންކޮށްފައިވެއެވެ. ބަންގްލަދޭޝް ވ. މިޔަންމާ (އިޓްލޮސްގެ 2012 ވަނަ އަހަރުގެ ނިންމުން) އަކީ އިޓްލޮސްއިން ނިންމި އެންމެ ފުރަތަމަ މެރިޓައިމް ޑިލިމިޓޭޝަންގެ މައްސަލަ ކަމަށާއި، މި މައްސަލާގައިވެސް ކުރިން 3 މަރުހަލާ މައްޗަށް އެކުލެވޭ މެރިޓައިމް ޑިލިމިޓޭޝަން ފޯމިއުލާ ބޭނުންކޮށް ބައުންޑަރީ ކަނޑައަޅާފައިވާކަމުގައި އެ އޮފީހުން ބުންޏެވެ.

”އަންކްލޮސްއަކީ އަޅުގަނޑުމެންވެސް ސޮއިކޮށްފައިވާ މުއާހަދާއެއްކަމަށްވާއިރު، ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން އެ މުއާހަދާއާ އެއްގޮތަށް އަޅުގަނޑުމެންވެސް އަމަލުކުރަންޖެހޭ.“ އޭޖީ އޮފީހުގެ ބަޔާނުގައި ވެއެވެ.

އޭޖީ އޮފީހުން ހާމަކުރިގޮތުގައި ރާއްޖެއާ މޮރިޝަސްއާ ދެމެދު އޮތް ފުށުއަރާ ކަނޑުގެ ސަރަހައްދުގެ މައްސަލަ އަންކޮލޮސްގެ އުސޫލުތަކާ އެއްގޮތަށް ކަނޑައެޅުމަކީ ރާއްޖޭގެ ބައުންޑަރީ ބައިނަލްއަގްވާމީ ހަމަތަކުގެ މަތިން ކަނޑައެޅިގެން ދިޔުމެވެ.

 

ޗާގޯސްގެ މައްސަލާގައި ރާއްޖޭގެ ޒަމާންވީ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ރާއްޖެއިން ނިންމާފައިވާ ކަން ހާމަކުރީ މިމަހުގެ 20 ވީ ބުރާސްފަތި ދުވަހުގައެވެ. ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި އެކަން އިއުލާން ކުރެއްވީ އެ ޓްރައިބިއުނަލްގައި ރާއްޖޭގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތެވެ.

ޗާގޯސްގެ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން މޮރިޝަސްއާ އެއްކޮޅަށް ނެރެފައިވާ ލަފާ ތަންފީޒުކުރަން އދ. ގައި މީގެކުރިން ރާއްޖެއަކުން ވޯޓެއް ނުދެ އެވެ. އެންމެ ފަހުން 2019 ވަނަ އަހަރާއި އަދި އޭގެކުރިން އެ މައްސަލާގައި ނެގި ވޯޓުގައި ވެސް ރާއްޖެއިން ވޯޓު ދިނީ އިނގިރޭސިވިލާތާ އެއްކޮޅަށެވެ. ރާއްޖެއިން މިގޮތަށް ވޯޓު ދިން ސަބަބެއް ކަމަށް އޭރު ބުނެފައިވަނީ ކަނޑުގެ ސަަރަހައްދުގެ ސަރަހައްދީ އިމުގެ މައްސަލާގައި ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވުމެވެ. އެ މައްސަލާގެ އަޑުއެހުންތައް މިހާރު ދަނީ ކުރިއަށެވެ.

މޮރިޝަސް އިން ވަނީ މި މައްސަލަ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހަޅާފައެވެ. އެ ކޯޓުން 2019 ވަނަ އަހަރު ނެރުނު އެޑްވަޒަރީ އޮޕީނިއަންގައި ބުނެފައިވަނީ ޗާގޮސްގެ މައްޗަށް ހިނގާނީ މޮރިޝަސްގެ ސިޔާދަތުކަމަށެވެ. އެކަމަކު އަދިވެސް އިނގިރޭސިން އެ ނިންމުމަށް އަމަލެއް ނުކުރެއެވެ.

މި މައްސަލާގައި ރާއްޖެއާއި މޮރިޝަސްގެ މެދުގައި މައްސަލަ އުފެދުނީ 2010 ވަނަ އަހަރު ރާއްޖެއިން، ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް އިތުރަށް ފުޅާކޮށް، އައު ކޯޑިނޭޓްސް ކަނޑައަޅައި އައްޑޫން ފެށިގެން ދެކުނަށް 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގެ ތެރެއަަށް ހިމެނުމަށް ސަރުކާރުން އދ.އަށް ހުށަހެޅުމުގެ ސަބަބުންނެވެ. އަދި މޮރިޝަސްއިން ރާއްޖޭގެ ހުށަހެޅުމަށް ދެކޮޅު ހެދިއެވެ. މޮރިޝަސްއިން ނިންމީ އެ މައްސަލައިގައި ރާއްޖެއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށެވެ. އެގޮތުން ރާއްޖެއާއި ޗާގޮސްގެ މެދުގައި އޮންނަ ކަނޑުގެ ސަރަހައްދުން އެއްވާ ބައި ބެހުމުގެ މައްސަލަ އިންޓަނޭޝަނަލް ޓްރިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އައިޓީއެލްއޯއެސް) އަށް ހުށަހެޅީއެވެ. އަދި އެގޮތަށް ހުށަހެޅިއިރު، އިނގިރޭސިވިލާތުން އެ ސަރަހައްދުގެ އިން ކަނޑައެޅުމުގައި ޗާގޮސްގެ އިން ފެށޭ ހިސާބުކަމަށް ބެލި ސަރަހައްދުގެ ބަދަލުގައި އެހެން ހިސާބެއް ކަނޑައެޅީއެވެ.

މޮރިޝަސްއިން އެ ބަދަލު ގެނައުމުން، ޗާގޮސްއާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެއްވާ ސަރަހައްދު އިތުރަށް ބޮޑުވެ 96،000 އަކަ ކިލޯމީޓަރަށް ބަދަލުވިއެވެ. އަދި މިހާރު އައިޓީއެލްއޯއެސްގައި ފެށިގެން ކުރިއަށްދަނީ މި މައްސަލައިގެ އަޑުއެހުންތަކެވެ. ރާއްޖެއިން ވަކާލާތު ކުރަމުން ދަނީ ރާއްޖޭގެ ބޭސްލައިން ނުވަތަ އިން ފެށޭ ހިސާބުން 200 ނޯޓިކަލް މޭލު ރާއްޖޭގެ ސަރަހައްދުގެ ގޮތުގައި ހިމެނުމަށެވެ. އެކަަމަކު ޗާގޮސްއިން ބޭނުންވަނީ އެ ގައުމުން ހުށަހަޅާ ބޭސްލައިނުން ފެށިގެން ދެ ގައުމުގެ ސަރަހައްދުން އެއްވާ ބައި އެކުއިޑިސްޓޭންސްގެ އުސޫލުން ބައިކުރާށެވެ. އެކުއިޑިސްޓޭންސްގެ އުސޫލުން ބައިކުރުމަކީ ދެ ގައުމެއްގެ އިގްތިސާދީ ސަރަހައްދުގެ ތެރެއިން އެއްވާ ބައި، ހަމަހަމައަށް ބައިކުރުމަށް ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުގައި ކަނޑައަޅާފައިވާ އޮންނަ އުސޫލެވެ.

މޮރިޝަސް އިން ވަނީ މި މައްސަލަ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހަޅާފައެވެ. އަދި އެ ކޯޓުން 2019 ވަނަ އަހަރު ނެރުނު އެޑްވަޒަރީ އޮޕީނިއަންގައި ބުނެފައިވަނީ ޗާގޮސްގެ މައްޗަށް ހިނގާނީ މޮރިޝަސްގެ ސިޔާދަތުކަމަށެވެ. ނަމަވެސް އަދިވެސް އިނގިރޭސިން އެ ނިންމުމަށް އަމަލުނުކުރެއެވެ.

ޗާގޯސްއަކީ ރާއްޖެއާ 500 ކިލޯމީޓަރު ދުރުގައި އޮންނަ 60 ރަށުގެ މައްޗަށް އެކުލެވިފައިވާ 7 އަތޮޅެކެވެ. އެންމެ ފުރަތަމަ އިނގިރޭސީންގެ މިލްކިއްޔާތަށް އެ ރަށްތައް އައީ ފްރާންސުން އެ ސަރަހައްދާއި، މޮރިޝަސް އިސްތިއުމާރުކުރުމަށްފަހު، އިނގިރޭސިވިލާތާއެކު ހެދި އެއްބަސްވުމެއްގެ ދަށުން މޮރިޝަސްއާއި ޗާގޯސް އިނގިރޭސިވިލާތާ ހަވާލުކުރުމުންނެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button