ޚަބަރުސިޔާސީ

ޗާގޯސް މައްސަލާގައި ކުރީގެ ދެ އޭޖީންގެ ބަސް!

ދިވެހިރާއްޖެއާއި ޗާގޯސް އައިލެންޑްސްއާ ދެމެދު އުފެދިފައިވާ އީ.އީ.ޒެޑް ބޯޑަރާ ބެހޭގޮތުން ރާއްޖެއާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ބެހޭގޮތުން ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޒާ އާއިޝަތު އާޒިމާ ޝަކޫރު، އަދި ދިޔާާނާ ސައީދު ނޫސް ބަޔާނެއް ނެރުއްވައިފިއެވެ.

މި ނޫސް ބަޔާނުގައި ވަނީ ދިވެހި ރާއްޖެއިން ކަނޑުގެ ގާނޫނާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގައި ބައިވެރިވެފައިވަނީ 2000 ސެޕްޓެމްބަރު 7 ގައި ކަމަށާއި، ބައިނަލްއަގުވާމީ މުއާހަދާގެ ދަށުން ކޮންމެ ގައުމަކަށްމެ އެގައުމެއްގެ ބޭސްލައިންއިން ފެށިގެން ބޭރަށް 200 މޭލުގެ ސަރަހައްދު އެގައުމެއްގެ ހާއްސަ އިގްތިސާދީ ސަރަހައްދެއް ގޮތުން ލިބިދީފައި ވާއިރު، މިސަރަހައްދު ކަނޑައަޅާއިރު، ގާތުގައި އެހެން ގައުމެއް އޮވެއްޖެނަމަ ދެ ގައުމުގެ އިގްތިސާދީ ސަރަހައްދު ފުށުއެރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެހެން އެކަން ވެއްޖެނަމަ، އެމައްސަލަ ހައްލުކުރަން ޖެހޭނީ ބަޔާާންކުރި މުއާހަދާގެ 74 ވަނަ މާއްދާގައި ބަޔާން ކުރާގޮތުގެ މަތިންކަމަށްވެއެވެ.

ޗާގޯސް އާއި ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ފުށުއަރާ މައްސަލައާއި ގުޅިގެންމި ފުށުއެރުމުގެ މައްސަލަ ހައްލުކުރުމަށް 1991 އިން ފެށިގެން ދެފަރާތުގެ މެދުގައި ރަސްމީ ސިފައިގައި ވާހަކަ ދެކެވި، މަސައްކަތްކުރެވެމުން އަންނަކަން ލިޔެކިޔުމުން ފެންނަން އެބަހުރިކަމަށާއި މަޝްވަރާގެ ޔައުމިއްޔާގައި ވާގޮތުން އެ ބައްދަލުވުމުގައި ބައިވެރިވި ދިވެހި ވަފުދުގެ ފަރާތުންވަނީ، ޗާގޯޯސް އާއި ރާއްޖެ އާއި ދެމެދު އޮތް ކަނޑުގެ ސަރަހައްދު ”އެކުއިޑިސްޓަންސް“ ގެ އުސޫލުން ދެ ގައުމަށް ބަހާލުމަށް ރުހުންއޮތްކަމަށް ބަޔާންކޮށްފައެވެ.

ޑރ.މުހައްމަދު މުނައްވަރުގެ ބަންޑާރަނައިބުކަމުގައި އެމަނިކުފާނު ގައުމީ ލަފާދެއްވާފައިވަނީ، މިއީ ދައުލަތުން އޭގެމައްޗަށް ބަނދެވޭގޮތައް އެކުލެވިފައިވާ އެއްބަސްވުމެއް ނޫންކަމަށާއި އަދި އެއީ ދިވެހި ދައުލަތް އޭގެމައްޗަށް އަމަލުކުރަންޖެހޭ އެއްބަސްވުމެއްނޫންކަމަށާއި އަދި އޭގެ ފަހުން ބަންޑާރަނައިބުކަން ކުރެއްވި ބޭފުޅުންވެސް  އަމަލުކުރައްވަމުން ގެންދެވި ލަފާފުޅެއްކަމަށެވެ. އަދި ފުށުއެރުން އޮތް ސަރަހައްދުގެ މެދުން ރޮނގު ދަމާ ހަމަހަމައަށް ބައިކުރުމަކީ ރާއްޖެއިން އެކަމަށް އިއްތިރާޒުކުރަމުން އައިކަމެއްކަމާއި ރާއްޖެއިން ކްލެއިމްކުރަމުން އައިސްފައިވަނީ އެއްވެސް ބައެއް އެއިން އުނިނުވާގޮތަށް 200 މޭލު އެކުލެވޭ މުޅި ސަރަހައްދުކަން ފާހަގަކޮށްފައިވެއެވެ.
ގާނޫނާއި ބެހޭ ބައިނަލްއަގްވާމި މުއާހަދާ އެކަށައެޅި އަމަލުކުރަން ފެށުމުން، ރާއްޖެއިން ވަނީ ކަނޑުގެ ސަރަހައްދާއި ބެހޭ ގާނޫނު ފާސްކޮށް އެގާނޫނުގެ 6 ވަނަ މާއްދާގައި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ކަނޑައަޅާފައި ކަމަށާއި އަދި އެއީ އެ ގާނޫނުގެ ތާވަލު 1 ގައި ބަޔާނޮށްފައިވާ އާކިޕެލަޖިކް ބޭސް ލައިންތަކުން ފެށިގެން 200 ނޯޓިކަލް މޭލުގެ ތެރެއިން ގާނޫނުގެ ހަތަރުވަނަ މާއްދާގައި ބުނާ  ސަރަހައްދީ ކަނޑުގެ ބޭރު އޮތް ސަރަހައްދުކަން އެމާއްދާއިން އެނގޭކަމަށް ބަޔާނުގައިވެއެވެ.

އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ(އިޓްލޮސް) ގައި މޮރިޝަސްއިން ރާއްޖޭގެ މައްޗަށް ސަރަހައްދު ބެހުމާއި ގުޅޭގޮތުން ހިނގަމުންދާ މައްސަލައަށް ބަލައި މި ބަޔާނުގައިވަނީ ޗާގޯސް އަށް ނިސްބަތްވާ ކަމަށް ބުނާ ހާއްސަ ސަރަހައްދު ކަނޑަ އެޅުމަށް ޗާގޯސް ފަރާތުން ރޮނގު ބޭރަށް ދަމާނީ ކޮން އައްސޭރިއެއްގައި ފާހަގަކުރާ ބޭސް ޕޮއިނންޓަކުންނާމެދު ފަރަގު އުފެދިފައިވާކަން ފާހަގަކޮށްފައެވެ. މިގޮތުން އެބޭސް ޕޮއިންޓު ފާހަގަކުރާނީ ބްލެއިންހައިމް ފަރުގައިކަމަށް މޮރިޝަސްއިން ބުނާއިރު، އެކަމަށް ރާއްޖެއިން އިންކާރުކުރާކަމަށާއި އަދި ރާއްޖެއިން ބުނާގޮތުން އެބޭސް ފޮއިންޓުތައް ހުންނަންވާނީ ބްލެއިންހަމް ފަރަށްވުރެ ޗާގޯސް އާއި ދިމާ އެތެރެވަރިއަށް ޕެރޯސް ބަންހޯސް އޭ ކިޔުނު އަތޮޅާއި ސެލެމޮން އައިލެންޑް އޭ ކިޔުނު އަތޮޅައި ފާހަގަކުރާ ޖުމްލަ 18 ތަނެއްގައިކަން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ނޫސް ބަޔާނުގައިވަނީ، ރާއްޖޭގެ ސްޓޭންޑް ބަދަލުވެފައިވަނީ ރާއްޖެއިން ހުށަހެޅި ބޭސް ޕޮއިންޓުން ޗާގޯސްގެ ހާއްސަ އިގްތިސާދީ ސަރަހައްދު ކަމަށްބުނާ ސަރަހައްދު ދަމާލުމުން، ރާއްޖެއިން ކްލެއިމް ކުރާ ސަރަހައްދާ ދެމެދު ފުށުއަރާ ބައި ބެހުމަށް ރާާއްޖެއިން ހުށަހަޅާފައިވާގޮތާއި މެދުގައި ކަމަށެވެ. ރާއްޖެއިން އެ ސަރަހައްދު ބައިކުރުމަށް ހުށަހަޅައި އެއްބަސްވަނީ މިހާތަނަށް ދައުލަތުން އެކަމަށް އިއުތިރާޒުކުރަމުން އައިސްފައިވާ ”އިކުއިޑިސްޓަންސް“ ހަމަހަމައަށްކަން ރާއްޖެއިން ޓްރައިބިއުނަލްއަށް ހުށަހެޅި“ކައުންޓަރ މެމޯރިއަލް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް“ ގެ ވޮލިއުމް 1 ގެ 116 ވަނަ ނުކުތާއާއި 151 ވަނަ ނުކުތާއިން ސާފުވެއެވެ. އަދި ރާާއްޖެއިން އޭގެ ފަހުން ހުށަހެޅި ”ރިޖޮއިންޑާރ އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް“ ގެ ވޮއލިއުމް 1 ގެ 80 ވަނަ ނުކުތާއިން އެ ސްޓޭންޑް ދަމަހައްޓާފައިވާކަން ސާފުވެއެވެ.

ފުށުއަރާ ސަރަހައްދު ބައިކުރުމަށް މިހާރު ބޭނުންކުރާ މެތޮޑޮލޮޖީގެ ތިން މަރުހަލާގެ ތެރެއިން ފުރަތަމަ މަރުހަލާައަކީ ފުށު އަރާ ސަރަހައްދުގެ މެދުން ހަމަހަމައަށް ރޮނގެއްދެމުން ކަމާއި، ދެވަނަ މަރުހަލާއަކީ ކަމާބެހޭ ހާލަތްތަކަށް ރިއާޔަތްކޮށް އެވަގުތީ ރޮގަށް ގެންނަންޖެހޭ ބަދަލު އޮތްތޯ ބެލުންކަމާއި، ތިންވަނަ މަރުހަލާއަކީ އެ ދަމާލެވޭ ރޮނގު ކަނޑައެޅޭ ހަމަތަކެއްގެ މައްޗަށް ބިނާކޮށް ބަލާއިރު، ބޭ އިންސާފުން ނަތީޖާއެއް ނިކުމޭތޯ ބެލުންކަން މި މެތޮޑޮލޮޖީއިން ފާހަގަވާކަމަށް ވެއެވެ. އަދި މުއާހަދާގެ 74 ‏ވަނަ މާއްދާގައި ބުނާ އަދުލުވެރި ހައްލު ލިބުމަށް އަދުލުގެ ހަމަތަކަށް ބެލުމަކީވެސް ބައިނަލްއަގުވާމީ ގާނޫނު ބަލައިގަންނަ ކަމެއްކަން ފާހަގަކޮށްފައިވެއެވެ.
ކަން މިހެން އޮތްއިރު އިގްތިސާދީ ސަރަހައްދު އެކުގައި ލިބެން ނޯވެދާނެ ހާލަތުގައިވެސް ވީހާވެސް ބޮޑު ސަރަހައްދެއް ހޯދުމަށްވެސް ސަރުކާރުން ކޮށްފައިނުވާ ކަންކަން ފާހަގަކުރައްވާފައިވެއެވެ. އަދި އެކަމުގެ ގާނޫނީ ނަތީޖާއަކީ ސަރުކާރުން މޮރިޝަސް އަށް ދޫދިންތަން ފެންނަކަމަށާއި އަދި މިއީ ރާއްޖެއަށް ލިބުމުގެ ފުރުސަތު އޮތް ސަރަހައްދެއް ގެއްލުމުގެ ސަބަބެއްކަމަށް ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރަށް ބަޔާނުގައިވަނީ ރާއްޖެއަކީ ޗާގޯސް އާއި ހިލާފަށް ރައްޔިތުން ދިރިއުޅޭ ތަނެއްކަމަށާއި އަދި ރާއްޖޭގެ ކަނޑަކީ ޒަމާނުއްސުރެއް ދިވެހިން ބަނޑުފުރާނަ މުއްތިކުރުމަށް ބޭނުންކުރަމުން އަންނަ ތަނެއްކަމަށާއި އަދި ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށާއި އިގްތިސާދީ ހަރަކާތްތަކަށް ކޮންމެހެން ބޭނުންވާ ތަނަކަށްވެފައިވާއިރު،  ޗާގޯސް އަކީ މިއާއި ހިލާފަށް އަސްކަރީ ބޭނުމަށް އެކަނި ބޭނުންކޮށްފައިވާ ތަނަކަށްވުމުން މުއާހަދާގެ 74 ވަނަ މާއްދާގައި ބުނާ އަދުލުވެރި ހައްލު ލިބިގެންދާގޮތްކަމަށް ބެލެވެން ނެތްކަމަށް މި ބަޔާނުގައިވެއެވެ.

މިމައްސަލައިގައި ސަރުކާރުން ނަގާފައިވަނީ ދައުލަތުގެ އެންމެ އިސް މަސްލަހަތުތައް ހިމާޔަތްކުރުމަށް ނަންގަވަންޖެހޭ ޕޮޒިޝަން ތޯ ރައްޔިތުން މަޖިލީހުންނާއި ކަމާބެހޭ މުއައްސަސާތަކުން ބައްލަވައި ޔަގީންކުރައްވަން ޖެހޭކަމާއި އަދި ރައްޔިތުންނަށް އެކަން ކަށަވަރުކޮށްދޭން ޖެހޭކަމަށް މި ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button