ޚަބަރު

ރައީސް ނަޝީދަށް ހަމަލާދިން މައްސަލައިގެ ތުހުމަތު 8 މީހެއްގެ މައްޗަށް!

މަޖިލިސް ރައިސް މުހައްމަދު ނަޝީދަށް މެއި މަހުގެ 6 ވަނަ ދުވަހު ހަމަލާދިން މައްސަލައިގެ ތުހުމަތުގައި 8 މީހެއްގެ މައްޗަށް ތަހުގީގު ހިންގަމުން ގެންދާކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެ މައްސަލައިގައި ހައްޔަރު ކުރި 4 މީހެއްގެ ތަހުގީގު ނިންމައި ވަރަށް އަވަހަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ދައުވާކުރުމަށް ފޮނުވޭނެ ކަމަށެވެ. އަދި ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ވަށައިގެންވާ އެންމެހާ ކަންކަން ބަލައި ހުއްޓުމެއްނެތި ތަހުގީގު ކުރިޔަށް ގެންދަވާނެކަމަށެވެ.

”އަޅުގަނޑު މިކަން ހިނގަމުންދާގޮތް ވަރަށް ގާތުން ބަލަމުން އެބަ ގެންދަން. އިންޓެލިޖެންސް އެޖެންސީގެ މައްސައްކަތްތައް ބެލުމަށް އަޅުގަނޑު އެކުލަވާލި އިންކުއަރީ ކޮމިޝަންގެ މަސައްކަތްތައްވެސް ނިމިއްޖެ. ފައިނަލް ރިޕޯޓާއެކީ އިންޓެލިޖެންސް އިދާރާތަކުގެ ކަންކަން ހައްލު ކުރާނަން.“ ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ފާހަކުރެއްވިގޮތުގައި ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއިން އެކުލަވާލާފައިވާ ރިޕޯޓު އެމަނިކުފާނުގެ އަތްޕުޅަށް އެރުމުން، އިސްލާހު ކުރަން ޖެހޭ ކަންކަން ރިޕޯޓުގައި ހުރިނަމަ، އެކަން ސަރުކާރުން ކުރާނެއެވެ.

ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން އެމަނިކުފާނަށް ސަޕޯޓު ކުރާ ފަރާތްތަކުން ވަނީ ރައީސް ސޯލިހުގެ އިތުރުން ޑިފެންސް މިނިސްޓަރ މާރިއާ އަހުމަދު ދީދީގެ އިސްތިއުފާއަށް ގޮވާލާފައެވެ. އެފަރާތްތަކުން ފާހަގަކުރިގޮތުގައި ނަޝީދަށް ދެވުނީ ”އެތެރޭގެ“ ރޭވުމެއްގެ ދަށުން ދެވުނު ހަމަލާއެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button