ކޯވިޑް-19 އާއި ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މިދިޔަ އަހަރުގެ ނިޔަލަށް ސަރުކާރުން 1.7 ބިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޯށްދީފިއެވެ.
މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ރައީސް ސޯލިހު ވަނީ ވިޔަފާރިތަކަށް ދިން އެހީތެރިކަން ތަފްސީލްކޮށްދެއްވާފައެވެ.
- ކޯވިޑް-19 ރިކަވަރީ ލޯނު ސްކީމްގެ ދަށުން 1.1 ބިލިއަން ރުފިޔާ
- އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި 22،945 ފަރާތަކަށް 420 މިލިއަން ރުފިޔާ
- ކަރަންޓު ބިލުން ޑިސްކައުންޓުގެ ގޮތުގައި 143 މިލިއަން ރުފިޔާ
- ފެން ބިލުން ޑިސްކައުންޓުގެ ގޮތުގައި 26 މިލިއަން ރުފިޔާ
ރައީސް ވިދާޅުވީ ކޮވިޑުގެ ހާލަތު ދެވަނަ ފަހަރާ ގޯސްވުމުގެ ސަބަބުން ވޭތުވެ 3 މަސް ދުވަހުގެ ތެރޭގައި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިވެރިންނަށް އިތުރު ތަކުލީފުތަކެއް ކުރިމަތިވެގެން ދިޔަ ކަމަށެވެ. އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ސެލޫންތަކާއި، ގެސްޓު ހައުސް އަދި ކެފޭ ރެސްޓޯރެންޓް ހިންގާ ފަރާތްތަކާއި މަޝްވަރާ ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”އެބޭފުޅުންނަށް އިތުރު އެހީތެރިކަން ބޭނުންވާ ވާހަކަ އަޅުގަނޑުގެ ގާތުގައި ބުނި. ކުރިން ވީ އެހީތަކުގެ ސަބަބުން ވިޔަފާރި ހަލާކުވިޔަ ނުދީ ކޮންމެވެސް ވަރަކަށް ހިފަހައްޓާލެވުންކަން އެބޭފުޅުން ފާހަގަކުރި. ކުރީ ދުވަހުގެ ޕްރެސް އެއްގައިވެސް އަޅުގަނޑު ދެންނެވި ފަދައިން ބީއެމްއެލް މެދުވެރިކޮށް 370 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް މިއޮތީ ފަށާފަ.“ ރައީސް ސޯލިހު ވިދާޅުވިއެވެ.
ބީއެމްއެލްގެ ލޯނު ސްކީމަށް އެދޭ ފަރާތްތަކަށް 10 މިލިއަން ރުފިޔާއާއި ހަމައަށް ފައިސާ ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އެސްޑީއެފް މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ސްކީމެއް ހުޅުވާލާފައިވާކަން ރައިސް ފާހަގަކުރެއްވިއެވެ.
”އެއީ ގާތްގަނޑަކަށް 350 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް. މި ލޯނު ސްކީމްގެ ދަށުން ކޮންމެ ފަރާތަކަށްވެސް 1 މިލިއަން ރުފިޔާއާއި ހަމައަށް ފައިސާ ދޫކުރެވޭނެ.“ ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވިތޮގައި މި ލޯނު ސްކީމް އަމާޒުކޮށްފައި އޮތީ ޖިމް، ސެލޫން، ކެފޭ ރެސްޓޯރެންޓް އަދި ގެސްޓް ހައުސް ވިޔަފާރި ކުރާ ފަރާތްތަކަށެވެ.