ޚަބަރުސިޔާސީ

ކޭބަލް ޓީވީ އޮޕަރޭޓަރުންގެ މައްސަލަ މަޖިލީހަށް

ދިވެހިރާއްޖޭގައި ރީބްރޯޑްކާސްޓިންގ ޚިދުމަތްދޭ ހުރިހާ ފަރާތްތަކަށް ތަފާތުކުރުމެއްނެތި އިންސާފުވެރިކަމާއިއެކު ވިޔަފާރިކުރެވޭނެ މަހައުލެއް ޤާއިމްކޮށްދިނުމަށް އެދި މަޖިލީހަށް ޤަރާރެއް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އިއްޔެ ހުށަހަޅުއްވާފިއެވެ.

މެންބަރު ޝިޔާމް ހުށަހަޅުއްވާފައިވާ ޤަރާރުގައިވަނީ ދިވެހިރާއްޖޭގެ ރީބްރޯޑްކާސްޓިންގ ހިދުމަތްދޭ ހުރިހާ ފަރާތްތަކަށް ތަފާތުކުރުމެއްނެތި އިންސާފުވެރިކަމާއި ވާދަވެރިކަމާއިއެކު ވިޔަފާރިކުރެވޭނެ މާހައުލެއް ޤާއިމްކޮށްދީ، ވަކިބައެއްގެ ނުފޫޒުން ކުދި އޮޕަރޭޓަރުންގެ ވިޔަފާރިތައް ހަލާކުކޮށްލުމަށް ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް އަޅާފައިވާ ހުރަސްތައް ނައްތާލުމަށް ސަރުކާރަށް ގޮވާލާފައެވެ.

މި ގަރާރުގައި ވާގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދޭން ފެށި، ސިޔާސީގޮތުން ނުފޫޒުގަދަ ބައެއް ވިޔަފާރިވެރިންތަކެއްގެ ހިއްސާއޮތް މީޑިއާނެޓް ކުންފުންޏަށް ވާދަވެރިކަމެއްނެތި މުޅި ރާއްޖޭގައި އެ ވިޔަފާރީގެ ކޮންޓްރޯލު ހޯދައިދިނުމަށް މަގުފަހިވާ އެތައް ކަމެއް ހިނގަމުންދާކަން ފާހަގަކޮށްފައިވެއެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަން މެދުވެރިކޮށް ކޭބަލްޓީވީގެ ވިޔަފާރީގެ ތެރެއަށް ރަށްރަށުން ވަދެފައިވާ ކުދި ރީބްރޯޑްކާސްޓަރުންނާއި ގުޅޭގޮތުން ތަފާތު ޝަކުވާތައް މީޑިއާނެޓްގެ ފަރާތުން ކޮމިޝަނަށް ހުށަހަޅައި، ކޮމިޝަނުން އެޝަކުވާތައް އިންސާފުގެ ހަމަތަކުން އެއްކިބާވެތިބެ ބަލައި، އެފަރާތްތަކަށް ފިޔަވަޅު އަޅައި ހިދުމަތްތައް ހުއްޓުވާފައިވާކަމުގެ ގިނަ ޝަކުވާތަކެއް ރާއްޖޭގެ އެކި ހިސާބުތަކުން މެންބަރު ޝިޔާމްއާއި ހަމައަށް އައިސްފައިވާތީ އާއި، އެފަދައިން ރަށްރަށުގައި ހެޔޮ އަގެއްގައި ކޭބަލް ޓީވީގެ ހިދުމަތްދެމުން އައި ވިޔަފާރިތައް ހުއްޓުވުމުން، އެއަށްވުރެ ބޮޑުއަގެއްގައި މީޑިއާނެޓުން ހިދުމަތް ހޯދުމަށް މަޖުބޫރުވުމުން، އިގްތިސާދީގޮތުން ވަރަށް ދަތި ހާލަތެއްގައި އޮތް މިދަނޑިވަޅުގައި ރައްޔިތުން ބޮޑު މާލީ ބުރައެއް އުފުލަންޖެހިފައިވާތީ އާއި، އަތްފޯރާފަދަ އަގެއްގައި ރައްޔިތުން ހަބަރާއި މައުލޫމާތާއި މުނިފޫހިފިލުވުމުގެ ހިދުމަތް ހޯދޭނެ ފުރުޞަތު ގެއްލެމުންދާތީއާއި، އަދި އެގޮތަށް ބްރޯޑްކޮމް މެދުވެރިކޮށް ހުއްޓުވާ ކޭބަލްޓީވީ އޮޕަރޭޓަރުންނަށް މީޑިއާނެޓްގެ އެޖެންޓުންނަށް ވުމަށް ތަފާތު ހުށަހެޅުންތަކާއި މާލީ އެކި މަންފާތައް ހުށަހަޅާކަމުގެ ގިނަ ޝަކުވާތައް އައިސްފައިވާކަމަށް ގަރާރުގައި ބުނެފައިވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރުގެ އީދުކަމަށްވާ ވޯލްޑް ކަޕް މިހާރު ބޯމަތިވެފައި ވާއިރު، އަދި އެ މުބާރާތް ޕީއެސްއެމްއިން ދެއްކުމަށްޓަކައި މީޑިއާނެޓަށް ގނަ އަދަދެއްގެ ފައިސާ މިހާރުވެސް ދައްކާފައިވާކަމުގެ މައުލޫމާތު ލިބިފައިވާއިރު، ރާއްޖޭގެ އެކި ރިސޯޓްތަކާއި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް ދައުލަތުގެ ޓީވީ މެދުވެރިކޮށް އެމުބާރާތް ބެލޭނެކަން ކަށަވަރުކުރަން ބޭނުންވާކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

ދިމާވެފައިވާ ދަތިތަކާއި ހުރަސްތައް ދެނެ ގަނެ، މި ިވޔަފާރީގައި ހަރަކާތްތެރިވާ ވަކިބަޔަކު ބްރޯޑްކޮމް މެމްބަރުން ކޮންޓްރޯލްކޮށް އެބޭފުޅުންނަށް ފޯރުވާ ނުފޫޒުތައް ދެނެގަނެ އެބޭފުޅުން ޖަވާބުދާރީކުރުވުމަށްޓަކައި މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ޕާލަމަންޓަރީ އިންކުއަރީ  އެއް ހަދައި، ރީބްރޯޑްކާސްޓިންގ ހިދުމަތް މިނި ވަން އިންސާފުވެރި ވިޔަފާރީގެ މާހައުލެއްގައި ކުރިއަށްގެންދެވޭނެ މަގެއް ހޯދައިދިނުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ލަސްނުކޮށް ގެނައުމަށް ގޮވާލައި، ރައްޔިތުން މަޖިލީހުގެ 167 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާކަމަށް ގަރާރުގައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button