ހިޔާ ފްލެޓްތަކުގެ ޑްރާފްޓް އެއްބަސްވުމަށް ހިޔާލު ހޯދަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރި ފްލެޓްތައް ލިބުނު މީހުން ސޮއިކުރަން ޖެހޭ އެއްބަސްވުމުގެ ޑްރާފްޓަށް ހިޔާލު ހުށަހަޅަން ބޭނުންވާ މީހުންނަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ އެ ފުރުސަތު ހުޅުވާލައިފި އެވެ.
އެޗްޑީސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފްލެޓްތައް ލިބުނު މީހުންގެ ތެރެއިން ޑްރާފްޓް އެއްބަސްވުމަށް އެއްވެސް ހިޔާލެއް އޮތް ނަމަ، އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އެކުންފުނީގެ މެއިލް (legal@hdc.com.mv) އަށް މެއިލް ކުރެވޭނެ ކަމަށެވެ.
ފްލެޓް ލިބުނު މީހުންނާ އެ ތަންތަން ހަވާލުކުރުމުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ. ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކޮށް، ތަޅުދަނޑި ހަވާލުކުރަން ފަށާނީ އަންނަ މަހުގެ 14 ވަނަ ދުވަހު ކަމަށް ސަރުކާރުން ބުނެފައި ވެ އެވެ.
ފްލެޓުތަކުން މަހު ކުލީގެ ގޮތުގައި 25 އަހަރަށް ބަހާލައިގެން 7،500ރ. އަދި ސާވިސް ފީގެ ގޮތުގައި 1،000ރ. ނަގާނެ އެވެ. އެކަމަކު ރައީސް ޔާމީންގެ ސަރުކާރުން ކަނޑައެޅީ ފެލެޓްތަކުގެ މަހު ކުލީގެ ގޮތުގައި ސާވިސް ފީ ހިމަނައިގެން 6،500ރ ނެގުމަށެވެ.