ރައީސް ސޯލިހަށް ސެންބެގެ ހޫނު ރައްދެއް!
ހިޔާ ފްލެޓްގެ ކުލި ކުޑަކުރުމުގެ ސަބަބުން ސަރުކާރަށް އިތުރު ތަކުލީފެއް ކުރިމަތިވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވުމާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު، ހުސައިން މުހައްމަދު ލަތީފް (ސެންބެ) ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ސެންބެ ކުރެއްވި ޓްވީޓެއްގައި، މިދަތި ހާލަތުގައި ފައިސާ ޗާޕުކޮށް ގާތްތިމާގެ މީހުންނަށް ބެހިއިރު ދައުލަތަށް ބުރަވިކަން ރައީސަށް އިހުސާސްވެވަޑައިނުގެންނެވި ބުނެ، އޭނާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މި ދަތިޙާލަތުގައި ފައިސާ ޗާޕުކޮށް ގާތްތިމާގެ މީހުންނަށް ބެހި އިރު ދައުލަތައް ބުރަވިކަން އިހްސާސް ނުވެ، ރައްޔިތުންގެ ޖީބަށް ލުއި ވާންވީމަ ދައުލަތައް ބުރަ ބޮޑުވާ ވާހަކަ ދެއްކުމުން މި ރައީސްގެ ފެންވަރު ވަޒަން ކޮށްލެވޭ. pic.twitter.com/pOsjXd3oOU
— Hussain Mohamed Latheef (@HucenSembe) June 29, 2021
މީގެ އިތުރުން ސެންބެގެ ޓްވީޓުގައި، ރައްޔިތުންގެ ޖީބަށް ލުއިވާ ކަންކަމަކީ ދައުލަތަށް ބުރައެއް ކަމަށް ދެކެވަޑައިގަންނަވާނަމަ، ރައީސްގެ ފެންވަރު އެކަމުން ވަޒަން ކޮށްލެވޭ ކަމަށް ވިދާޅުވެފައިވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޒަޢާމަތުގައި އިމާރާތްކުރި ހިޔާ މަޝްރޫޢުގެ ގިނަ ފްލެޓްތަކެއް ނިމި، އެ ފްލެޓްތައް ލިބުނު ފަރާތްތަކާއި ވަނީ ހަވާލުކޮށްފައެވެ. ފްލެޓްތަކާއި މެދު ގިނަބަޔަކު ހިތްހަމަ ޖެހިފައި ތިބި ނަމަވެސް، ގިނަ ބައެއްގެ ޝަކުވާއަކީ ރައީސް ޔާމީންގެ ޒައާމަތުގައި އަންދާޒާ ކުރެވުނު ކުއްޔަށްވުރެން، މިހާރު ފްލެޓްތަކުގެ ކުލި ބޮޑުވުމެވެ.