މުނިފޫހިފިލުވުން

ހިކެން ބޭނުންނަމަ ކުރެވޭނެ ބައެއް ކަންކަމާ އެކަމުގެ މައުލޫމާތު

ހިކެން ބޭނުން ނަމަ، ހަމައެކަނި ކާރޑިއޯ (މިސާލަކަށް ދުވުން) އަކުން ނުފުދޭނެއެވެ. ހިކެން ބޭނުން ނަމަ، ތިމާގެ ކެއުމަށް ކުޑަ ބަދަލެއް ގެންނަން ޖެހެއެވެ. އެބަދަލު ތިމާއަށް ނޫފުލޭވަރުގެ ބުރައަކަށް ވެގެންނުވާނެއެވެ.

ކެއުމަށް ބަދަލު ގެނައުމައްޓަކާ، ހިކެން އަޒުމް ކަނޑައަޅާ އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެއީ ތިމާ މިހާރު ކާ މިންވަރަށް ވުރެއް ހަމަ ކުޑަ މިންވަރެއް މަދުކޮށްލުމެވެ. ވަކި ހާއްސަ އެއްޗެތިތަކެއް ކާކައް ނުޖެހެއެވެ. އެންމެ ފުރަތަމަ ވަރުގަދަ އަޒުމަކާއިއެކު މާތްﷲގެ ރަހްމަތާއި އިރާދައާއި އެކު، މިބުނި ގޮތަށް ކެއުމަށް ބަދަލު ގެނެވޭތޯ ބަލާށެވެ. ދެން ކަންތަށް ކުރަންވީ ގޮތް ކިޔައިދޭނަމެވެ. އަދި ހަމަ އެއާއިއެކު ކާރޑިއޯގެ މުހިއްމު ކަމާ އޭގެ އަސްލު ފައިދާވެސް ކިޔައިދޭނަމެވެ.

ހިކެން ބޭނުން ނަމަ ކެއުމުގެ މިންގަނޑު (ކެލޮރީ އެތެރެކުރާވަރު) ބަހައްޓާނެ ގޮތުގެ ތަފްސީލެއް މި ލިޔުންކޮޅުގައި ކުރުގޮތަކަށް ބުނެލަދެވޭތޯ ބަލާނަމެވެ.

ކެއުމުގައި ގިނަ ބަޔަކަށް ހެދޭ އެންމެ ބޮޑު ގޯހަކީ ތިމާއަށް ކެވޭ ކެލޮރީއަށް ބަލާލުމެއްނެތި މާގިނައިން އެދުވަހެއްގައި ކެލޮރީ އިތުރުވާ ވަރަށް ކެވުމެވެ. އެންމެ ފުރަތަމަ ކެލޮރީއަކީ ކޯޗެއްތޯ ބަލާލަމާ ހިނގާށެވެ. ކެލޮރީ އަކީ ކުރުގޮތަކަށް ބުނާނަމަ ތިމާ ހަށިގަނޑަށް އެތެރެވާ ކާ އެއްޗެތިން އުފައްދާ ހަކަތައިގެ މިންވަރެވެ. ނުވަތަ މުޅިއަކު ހަކަތަ އެވެ. މި މިންވަރު މާ އިތުރަށް ކޮންމެ ދުވަހަކު ހަށިގަނޑަށް އެތެރެ ކުރާނަމަ އަންދާލެވޭ ވަރު މަދުވެ ފަލަވުމަށް މަގުފަހި ވެއެވެ.

ފަލަވުމުގެ ސަބަބަކީ ހަކަތަ ލިބެންވާ ވަރަށް ވުރެ އިތުރަށް ކެއުމުން އެ ހަކަތަ އަންދާވަރު މަދުވެ ހަށިގަނޑު ބާކީވާ ގިނަ ކާއެއްޗެތީގެ ހަކަތަ ފަލައަށް ބަދަލު ވުމެވެ. އެހެންކަމުން އާއްމުގޮތެއްގައި ބޮޑެތި މީހުނަށް ދުވާލެއްގެ މައްޗަށް އެތެރެކުރަންވާނެ ކެލޮރީގެ މިންވަރަކީ، ފިރިހެނެއް ނަމަ 2،000 އާއި 3،200 ކެލޮރީއެވެ. އަދި އަންހެނެއް ނަމަ 1،600 އާއި 2،200 ކެލޮރީ އެވެ. މި މިންވަރު މީހެއްގެ ބަރުދަން، އިސްކޮޅު އަދި އުމުރު ހުންނަ ގޮތަކުން ނަގަން ޖެހޭ ކެލޮރީގެ އަދަދު ތަފާތުވެގެން ދެއެވެ. ބަރުދަނާއި އިސްކޮޅާއި އުމުރު ބޭނުން ކޮށްގެން ކެލޮރީ ބަލާލެވޭނެ ވެބްސައިޓުގެ ލިންކެއް މި ލިޔުންކޮޅުގެ ތިރީގައި ހިއްސާ ކޮށްލާނަމެވެ.

ދުޅަހެޔޮކޮށް ހިކެން ބޭނުން ނަމަ ދުވާލެއްގެ މައްޗައް ހަށިގަނޑައް އެތެރެވާ (މިސާލަކަށް ތިމާގެ ކެލޮރީގެ މިންވަރަކީ 2،500 ނަމަ ) އެމިންވަރަށް ވުރެ 200 ނުވަތަ 300 ކެލޮރީ މަދުން ކެއުމުން ރަނގަޅު ދުވެއްޔެއްގައި ތިމާ ދާނީ ހިކެމުންނެވެ. އޭރުން ހަފްތާއަކު ½ ކިލޯ ލުއިވެގެންދާނެއެވެ. ހަފްތާއެއްގެ މައްޗަށް ½ ކިލޯ ލުއިކުރެވެންޔާ، އަދި މިގޮތަށް ކެއުން ބަހައްޓައިފި ނަމަ މާތްﷲގެ އިރާދައާއެކު ތިމާގެ ސިއްހަތައް ގެއްލުން ނުވާނެހެން ހިކޭނެއެވެ. އަދިވެސް ކެލޮރީއާއި، ކެއުމާ ބެހޭ އިތުރު މަޢޫލޫމާތު ދެން އަންނަ ލިޔުމެއްގައި ހިއްސާ ކޮށްލަދޭނަމެވެ.

ކެލޮރީ ބަލާލެވޭނެ ވެބްސައިޓުގެ ލިންކު:https://tdeecalculator.net

އަބްދުﷲ އަޝްޖަޢު (ފިޓްނަސް އިންސްޓްރަކްޓާރ އެއް)

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button